ދިވެހި ރައްޔިތުންނަށް ފައިދާއާއި، ލާބަހުރި ކޮންމެ މަަސައްކަތެއްގައި އެމްޑީޕީގެ ކައުންސިލަރުންގެ ފުރިހަމަ އެހީތެރިކަމާއި، އެއްބާރުލުމާއި، ތާއީދު މާލޭގެ މޭޔަރ ޑރ.މުހައްމަދު މުއިއްޒުއަށް ލިބިވަޑައިގަންނަވާނެކަމުގެ ޔަގީންކަން މާލެ ސިޓީ ކައުންސިލަށް އެމްޑީޕީގެ ފަރާތުން އިންތިހާބުވި ކައުންސިލަރުން ބުނެފިއެވެ.

އެ ކައުންސިލަރުން މިގޮތަށް ބުނެފައި ވަނީ، މިރޭގެ ވަގުތެއްގައި ނެރުނު ބަޔާނެއްގައެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ، ޕީޕީއެމްގެ މޭޔަރަކު ހުންނެވިކަމުގަވިޔަސް އޭނާ ހުށަހެޅުއްވި ކަމަކާއި ދެކޮޅު ހެދުމުގެ އިދިކީލި ސިފައިން ނެއްޓި ތިބޭނެކަމުގެ ޔަގީންކަންވެސް އަރުވާ ކަމަށެވެ.

"އެމްޑީޕީގެ އަސާސްތަކާއި، އަގުތައް ނަގަހައްޓާ، ޕާޓީގެ މެންބަރުންގެ ބަސް ކަނުލާ އަޑު އަހަމުން. މަގާމާ ހަވާލުވެ މި ވޭތިވެދިޔަ ކުރު މުއްދަތުގައިވެސް އަޅުގަނޑުމެން އަމަލުކޮށްފައި ހުއްޓަތީ ފެނިވަޑައިގަންނަވާނީ އެހަމައިގައި". އެމްޑީޕީގެ ބަޔާނުގައި ވެެއެވެ.

އެ ޕާޓީގެ ކައުންސިލަރުން ބުނީ، މާލޭގެ ރައްޔިތުންގެ މަސްލަހަތުތަކުގެ މައްޗަށް ހުޝިޔާރުކަމާއެކު ފާރަވެރިވަމުން ދާނެ ކަމަށެވެ. އަދި މާލޭގެ ރައްޔިތުންނަށް ކައުންސިލު ހިނގާނުހިނގާގޮތާއި ގުޅޭގޮތުން މައުލޫމާތު އަރުވަމުން ގެންދާނެ ކަމަށްވެސް އެ ބަޔާނުގައި ވެެެއެވެ.

މާލޭ ސިޓީ ކައުންސިލަށް ދިމާވެފައިވާ އެންމެ ބޮޑެތި ގޮންޖެހުންތައް ފާހަގަކުރައްވަމުން އެ ބަޔާނުގައި ބުނެފައި ވަނީ އިންސާނީ ވަސީލަތް ނެތުމާއި، ޖާގައިގެ ދަތިކަން ހިމެނޭ ކަމަށެވެ. އަދި ސިޓީއެއް ހިންގުމަށް އަސާސީގޮތުން ބޭނުންވާ އިލްމާއި، ތަމްރީނު ލިބިފައިވާ ފަންނީ މުއައްޒަފުން ކައުންސިލްގައި ނެތް ކަމަށާއި، ކޮންމެ ކައުންސިލަރަކަށް ގޮނޑި، މޭޒާއި، ކޮންޕިއުޓަރެއް ނެތްކަން ފާހަގަކޮށްފައި ވެއެވެ.

އަދި ކައުންސިލްގެ ހިދުމަތްތަކާއި، މުއައްޒަފުންނާއި، ސެކްޝަންތަކާއި، ޑިޕާޓުމަންޓުތައް ހުރީ މާލޭގެ އެތައްމިތަނުގައިކަން ވަނީ ފާހަގަކޮށްފައެވެ.

ކައުންސިލް އިންތިހާބުގައި އެމްޑީޕީއަށް މިޕާޓީއަށް މާލޭ ސިޓީ ކައުންސިލުން ކާމިޔާބުކުރެވިފައިވަނީ ހަ ގޮނޑިއެވެ. ޖުމްހޫރީ ޕާޓީއަށް އެއް ގޮނޑިއެވެ. ޕީޕީއެމްއިން 11 ގޮނޑިއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ރަން ރީނދޫ

    އެއްބާރުލުން ދިނަސް ނުދިނަސް ހަމަ.

  2. Anonymous

    މޑޕ ދޮގެއް ނޫނިއްޔާ ނަހަދާނެ. މިހެން ބުނެގެން ދެންލާ ކުޑަ ގޮޅިޔައް.

  3. ......

    ރައްޔިތުންނަށޭ ނުބުނޭ ނަޝީދަށޭ ބުނޭ...

  4. އެހެންތޯ

    މާނައަ ކީ އިސްލާމްދީނަށް ފުރައްސާރަ ކޮށް އިސްލާމްދީނުގައި ނަހީ ކުރައްވާފައިވާ ކަން ކަން ޕްރޮމޯޓު ކުރާ ފަރާތްތަ ކާ ދެ ކޮޅަށް ބަސްބުނުން މަނާ ކުރުމަ ކީ އެމްޑީޕީގެ އަސާސްތަ ކާއި އެޕާޓީން ނަގަހައްޓާ ދަމަހައްޓާ ވެލިއުތަ ކުގެ ތެރޭގައި ހިމެނޭ ކަން ކަން ކަމަށް އިއުތިރާފުވީއޭތޯ؟

  5. ސަލާމް

    ރިޔާސީ އިންތިހާބާއި، އާންމު އިންތިހާބާއި ކައުންސިލް އިންތިހާބު އެއް ދުވަހެއްގައި ބޭއްވޭ ގޮތަށް ގާނޫނު އިސްލާހުކުރައްވާށެވެ. 2023ގެ ރިޔާސީ އިންތިޚާބާއެކު މި ބަދަލު ގެނެވެއްޖިނަމަ، ހާދަ ރަނގަޅެވެ.

  6. އިންޑިއާ އައުޓް

    ގާބިލުބަޔަކު ކައުންސިލުގަނެތޯ ދެތިޔަހާ ނާގާބިލު ބަޔަކަށް ކޮން ގޮނޑިއަކާ މޭޒަކާ ކޮމްޕިއުޓަރެއް