މިއަދު ކޮވިޑް-19 އަށް އިތުރު 224 މީހުން ފައްސިވެއްޖެއެވެ.

މިއަދު ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު އިއްޔެއަށްވުރެ މަދުވި ނަމަވެސް މިއަދު މާލެ އިން ފައްސިވި މީހުންގެ އަދަދު ވަނީ އިއްޔެއަށްވުރެ އިތުރު ވެފައެވެ. އިއްޔެ ފައްސިވީ 246 މީހުންނެވެ. އޭގެތެރެއިން މާލެ އިން ފައްސިވީ 88 މީހުންނެވެ.

މިއަދު މާލެ އިން ވަނީ 113 މީހުން ފައްސިވެފައެވެ. އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން މިއަދު ފައްސިވީ 104 މީހުންނެވެ. އޭގެ އިތުރުން ހިންގަމުންދާ ރިސޯޓްތަކުން އިތުރު 07 މީހުން މިއަދު ފައްސިވިއެވެ.

މިއަދަކީ މެއި މަހުގެ 18 ވަނަ ދުވަހަށް ފަހު ރާއްޖެ އިން އެންމެ މަދުއަދަދެއްގެ މީހުން ކޮވިޑަށް ޓެސްޓް ކުރި ދުވަހެވެ. މިއަދު ކޮވިޑަށް ޓެސްޓް ކޮށްފައި ވަނީ 3734 މީހުންނެވެ. މިއަދު ކޮވިޑަށް ޓެސްޓް ކުރި މީހުންގެ ތެރެއިން %6 މީހުން ވަނީ ކޮވިޑަށް ފައްސިވެފައެވެ.

އިއްޔެ ކޮވިޑަށް 4788 މީހުން ޓެސްޓް ކުރިއެވެ. އިއްޔެ ކޮވިޑަށް ފައްސިވީ ޓެސްޓް ކުރި މީހުންގެ %5 އެވެ.

ރާއްޖޭގައި މިހާރު ތިބި ކޮވިޑް ބަލި މީހުން ނުވަތަ އެކްޓިވް ކޭސްގެ އަދަދު ވަނީ މިއަދު 9326 އަށް މަދުވެފައެވެ. މިއަދަކީ މެއި މަހުގެ 08 ވަނަ ދުވަހަށް ފަހު އެކްޓިވް ކޭސްގެ އަދަދު މިހައި ދަށަށް ދިޔަ ފުރަތަމަ ދުވަހެވެ.

މިހާރު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ގެންދަނީ ވެސް 88 މީހުންނަށެވެ. އެހެންކަމުން މިއަދަކީ އޭޕްރީލް މަހުގެ 21 ވަނަ ދުވަހަށް ފަހު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާދޭ މީހުންގެ އަދަދު އެންމެ ދަށަށް ދިޔަ ދުވަހެވެ.

ކޮވިޑް ޖެހިގެން މިއަދުވެސް ރާއްޖެ އިން ވަނީ ދެމީހަކު ނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު