ބޭންކް އޮފް މޯލްޑިވްސްގެ ނަމުގައި ފޯނުން މީހަކަށް ގުޅައިގެން މަކަރާއި ހީލަތުން -/60000 ރުފިޔާއަށްވުރެ ގިނަ ފައިސާ ހޯދާފައިވާ މައްސަލައަކާއި ގުޅިގެން ހައްޔަރުކޮށްފައިވާ މީހެއްގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ މަކަރާއި ހީލަތުން މީހެއްގެ އަތުން ބައިލައްކައަށްވުރެ ގިނަ ރުފިޔާ ހޯދި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ 34 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ހައްޔަރުކުރީ މިމަހުގެ 09 ވަނަ ދުވަހު އެވެ. ކްރިމިނަލް ކޯޓުން މިހާރު ވަނީ އޭނާ ބަންދުގައި ބަހައްޓައިގެން ތަހްގީގު ކުރިއަށް ގެންދިއުމަށް 15 ދުވަހުގެ މުހުލަތެއް ދީފައެވެ.
މީހުންނަށް ފޯނުކޮށް އެކިނަންމުގައި އޮޅުވާލައިގެން ގިނަ އަދަދެއްގެ ފައިސާ ހޯދުން އެއީ ރާއްޖޭގައި ވަރަށް އާއްމު ކަމެކެވެ. ފޯނުކޮށް މީހުންގެ ކާޑުގެ ނަމްބަރު ދޭން ބޭންކުން ނޭދޭނެ ކަމަށް ތަކުރާރުކޮށް ބޭންކްތަކުން ބުނި ނަމަވެސް އަދިވެސް ގިނަ ބަޔަކު ގެންދަނީ އެފަދަ މަޅީގައި ޖެހެމުންނެވެ. ބައެއް ޕްރޮމޯޝަންތަކުގެ ނަމުގައި ނުވަތަ ބޮޑެތި ކުންފުނިތަކުގެ ނަމުގައި ވެސް މީހުންނަށް ގުޅައިގެން ގިނަ އަދަދެއްގެ ފައިސާ ހޯދުން އެއީ ވަރަށް އާއްމު ކަމެކެވެ.
ފައިސާއާއި އަގުބޮޑޫތަކެތި ހިމެނޭ މުއާމަލާތްތައް ކުރާއިރު އެކުރެވޭ މުއާމަލާތަކީ ސައްހަ މުއާމަލާތެއްތޯ ކަށަވަރުކުރުމަށް ސަމާލުކަންދެއްވުމަށް ފުލުހުންނާއި އަދި ކުންފުނިތަކުން ވެސް އަންނަނީ ތަކުރާރުކޮށް އިލްތިމާސް ކުރަމުންނެވެ. އަދި ސައްހަނޫން މުއާމަލާތެއް ހިންގުމަށް މަސައްކަތްކުރާކަމަށް ޝައްކުކުރެވޭނަމަ، ލަސްނުކޮށް އެ މުއާމަލާތެއްގެ މައުލޫމާތު ފުލުހުންނަށް އަންގަވައި ދެއްވުމަށް ފުލުހުން އެދެއެވެ.
" ފުލުހުން ވިދާޅުވީ މަކަރާއި ހީލަތުން މީހެއްގެ އަތުން ބައިލައްކައަށްވުރެ ގިނަ ރުފިޔާ ހޯދި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ 34 އަހަރުގެ ދިވެހި ފިރިހެނެކެވެ." މިވަރަކުން ނުފުދޭ. މިކަންކަމުން ޢާންމުން ސަލާމަތްކުރުމަށްޓަކައި މިކަހަލަ ވަގުންގެ ފުރިހަމަ ވަނަވަރު ހާމަކުރަންޖެހޭ!
ކޮމެންޓެއް ކޮއްލާ މީހެއް ވެއްޖާ ޕޮލިހުން ވަނަވަރު ހާމަކޮއް ކުޑަ ގޮޅިޔައްލާ އަދަބުދީ ހަދާނެ.