މާލޭ ވިޔަފާރިވެރިންގެ މިސްކިތް ތެރެއިން މަސްތުވާތަކެއްޗާ އެކު 24 އަހަރުގެ ޒުވާނަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވި ގޮތުގައި އެ ޒުވާނާ ސެލޯފިން ކޮޅުތަކަކާ އެކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައި ވަނީ ރޭގެ ވަގުތެއްގައެވެ. އެ މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނައިރުން މާލޭ ސަރަހައްދުގެ މިސްކިތްތަކުގައި މަސްތުވާތަކެތީގެ ވިޔަފާރީ ކުރަމުންދާ ކަމުގެ ޝަކުވާތައް ވަނީ އިތުރުވެފައެވެ.

މިސްކިތުގެ ފާހާނާ ތެރޭގައި ފޮރުވާފައި ބެހެއްޓި މަސްތުވާތަކެތި އެތަނުން ނެގި ކަމަށް އެމީހާ އެއްބަސްވާ މަންޒަރު ފެންނަ ވީޑިއޯއެއް ރޭ ވަނީ މީސްމީޑިޔާގައިވެސް ދައުރުވެފައެވެ.

ކޮވިޑާއި ގުޅިގެން މިސްކިތްތަކުގެ ޖަމާއަތްތައް މެދު ކަނޑާލިފަހުން އެތަންތަނުގެ ހުރުމަތް ކެނޑޭނެ ގޮތަށް ހަތިމުގައި މަސްތުވާތަކެތި ފޮރުވުމާއި، ބޭނުން ކުރާ މައްސަލަތައް ވަނީ އިތުރުވެފައެވެ. މިކަންކަން ހުއްޓުވުމަށް ފުލުހުން މިހާރު އަންނަނީ ކޮންމެ ރެއަކުވެސް މިސްކިތްތައް ބަލަމުންނެވެ. އަދި ހުރުމަތް ކެނޑޭ ގޮތަށް އެ ތަންތަން ބޭނުންކުރާ މީހުން ފޮނުވާލުމުގެ އިތުރުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަމުންނެވެ.

މަސްތުވާތަކެތީގެ އައްޑާއަަށް މިސްކިތްތައް ހަދާތީ، އެކަން ހުއްޓުވުމަށް ކުރެވިދާނެ ކަންކަން މަޝްވަރާ ކުރުމަށްޓަކައި އިއްޔަ ސިޓީ ކައުންސިލާއި، އިސްލާމިކް މިނިސްޓްރީއާއި ފުލުހުން ވަނީ ބައްދަލުވުމެއް ބާއްފާއެވެ.

ފުލުހުންގެ ތަފާސްހިސާބުތަކަށް ބަލާއިރު ނިމި ދިޔަ އަހަރު މަސްތުވާތަކެތީގެ 1401 މައްސަލައެއް ހުށަހެޅިފައިވެއެވެ. މިއަހަރު މިހާތަނަށް 753 މައްސަލައެއް ހުށަހަޅާފައިވާއިރު ނިމި ދިޔަ މެއި މަހު 122 މައްސަލައެއް ފުލުހުން ބަލާފައިވެއެެ. އަދި މިމަހުގެ މިއަދާއި ހަމައަށް އައިރު މަސްތުވާތަކެތީގެ 45 މައްސަލައެއް ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާކަން ފާޙަގަކޮށްލެއެވެ.

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން އަންނަނީ އެއެއްޗެހީގެ ވިޔަފާރީތައް ކުރަމުން އަންނަ އައްޑާތައް ރޫޅާލުމަށް ރޭޑްތައް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޜަނާ

    މިމީހުނަށް ހަރުކަށި އަދަބު ދޭންޖެހޭ
    ﷲ އަންގަވާފައިވަނީ މަސް ތުގެ ހާލަ ތުގައި މިސްކި ތާ ކައިރިވެސް ނުވުމަށް . އެކަމަކު މިބައިގަނޑު މި ތިބެނީ މަސް ތުވެގެން މިސްކި ތަށް އަރާ ނިދާފަ .