ރައްޔިތުންނާ ގާތް ކައުންސިލްތަކުގެ އެންމެ މުހިއްމު ސިފައަކީ އޯގަތެރިވުމާއި އުފެއްދުންތެރިކަން އިތުރު ކުރުން ކަމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ސީއީއޯ އަފްޝަން ލަތީފް މިއަދު ވިދާޅުވެއްޖެއެވެ.

އަލަށް އިންތިހާބު ކުރެވުނު ކައުންސިލްތަކުގެ ތަރައްގީގެ ޕްލޭނާ ފައިނޭންޝަލް ޕްލޭން ތައްޔާރުކުރުމާ ގުޅޭގޮތުން އެލްޖީއޭ އިން ވަނީ ތަމްރީން ޕްރޮގްރާމެއް ފަށާފައެވެ.

މިއަދުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ އެ ތަމްރީން ޕްރޮގްރާމް ގައި އެންމެ އިސްކަމެއް ދިނުމަށް ހަމަޖެހިފައިވަނީ ލާމަރުކަޒީ ގާނޫނަށް ގެނެވުނު އަށްވަނަ އިސްލާހުން، ކައުންސިލްތައް މަގާމާ ހަވާލުވާތާ ތިން މަސް ދުވަހުގެ ތެރޭގައި ހަދަން ލާޒިމްވާ ލޭންޑް ޔޫސް ޕްލޭނާއި، ތަރައްގީގެ ޕްލޭނާ އަދި ކައުންސިލްތަކުން އެކުލަވާލާ ފައިނޭންޝަލް ޕްލޭންގައި ހިމެނުން މުހިއްމު ބައިތަކަށް އަލިއަޅުވާލުމަށާއި، ޕްލޭންތައް ތައްޔާރު ކުރުމަށް ކައުންސިލަރުންނަށް މުހިއްމު މައުލޫމާތު ހިއްސާކުރުމެވެ.

ތަމްރީނު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އަފްޝަން ވިދާޅުވީ، ލެންޑް ޔޫޒް ޕްލޭނަކީ ކައުންސިލަރުންގެ ދައުރުގެ މިސްރާބު ކަނޑައެޅުމާއި، ރަށާއި އަތޮޅާ ސިޓީއާ މެދު ދެކޭ ތަސައްވަރު ކަރުދާހެއްގެ ސިފައިގައި އެކުލަވާލުން ކަމަށެވެ.

މުޖުތަމައުގެ ބައިވެރިވުން ހިމެނޭ ގޮތަށް ރޭވުންތެރިކަމާއި އެކީ ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ކުރެވޭ އެންމެ މުހިއްމު މަސައްކަތަކީވެސް ލެންޑްޔޫޒް ޕްލޭން ކަމުގައި އެމްޑީޕީގެކުރީގެ އެސްޖީކަންވެސް ކުރައްވާފައިވާ އަފްޝަން ދެކިވަޑައިގަންނަވައެވެ.

"މި މަސައްކަތް އެންމެ ފުރިހަމައަށް ކުރެއްވުމަށް ވެދެވެން ހުރި ހުރިހާ އެހީއެއް ފޯރުކޮށްދިނުމަށް އަޅުގަނޑުމެން ނުހަނު ޝައުގުވެރިވަން" ލެންޑްޔޫޒް ޕްލޭންއަށް އެލްޖީއޭގެ ހުރި ޝައުގުވެރިކަން ފާޅުކުރައްވައި އަފްޝަން ވިދާޅުވިއެވެ.

ތަރައްގީ އަކީ އިންސާނާގެ ދިރިއުޅުމުގެ ފެންވަރާ، އޭނާގެ އިޖްތިމާއީ އަދި މާލީ ހާލަތާ ދުޅަހެޔޮކަމާ ރައްކާތެރިކަމާ ހިތްހަމަޖެހުމާ، އޭނާއަށް ކުރިއަށް ދިއުމުގެ ފުރުސަތުތަކާ، ވިސްނުމަށް އަންނަ ތަރައްގީއެއް ކަމަށާއި، އެއީ އަދި އޭނާގެ މުޅި މުޖުތަމައުގެ ވެއްޓަށް ލިބޭ ކުރިއެރުމެއްކަން އަފްޝަން ފާހަގަކުރެއްވިއެވެ.

އަދި ވިދާޅުވީ، އެ ވިސްނުމުގަ ތަރައްގީ ތަސައްވަރުކުރެވޭއިރު އެކަންތައް ހާސިލްކުރުމަށް އެންމެ ގިނަ މައުނަވީ މަސައްކަތްތަކެއް ކުރެވެން އޮތީ ކައުންސިލްތަކަށްކަން ޔަގީން ކަމަށެވެ.

ކައުންސިލްތަކަށް ބޮޑެތި ބާރުތަކެއް ލިބޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ބޮޑެތި އިސްލާހުތަކެެއް ވަނީ ގެނެސްފައެވެ. ގާނޫނަށް ގެނައި އެންމެ ބޮޑު އެއް ބަދަލަކީ ކައުންސިލްތައް މާލީ ގޮތުން ބާރުވެރި ކުރުމެވެ. ދައުލަތުގެ ބަޖެޓުގައި ކައުންސިލްތަކަށް ހިލޭ އެހީގެ ގޮތުގައި 1.6 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާނެއެވެ. މި އަދަދު ފިސްކަލް ފޯމިއުލާއެއްގެ ދަށުން ކައުންސިލަތަކަށް ބަހާލުމުން، ބޮޑު ޕަސެންޓެއް ލިބެއެވެ.

ކައުންސިލަރުންނާ މުހާތަބުކުރައްވާ އަފްޝަން ވިދާޅުވީ، ގާނޫނަށް ގެނެވުނު ބަދަލުތަކާއެކު މަގާމު ހަވާލުވެވަޑައިގަތް ފުރަތަމަ ކައުންސިލްތަކުގެ ތަރައްގީގެ މަގުޗާޓުތައް ކުރެއްސެވުމަށް ދައުރު މުހިއްމު ކަމަށެވެ.

"ޒިންމާދާރު، އޯގާތެރި، އިހްލާސްތެރި، އުފެއްދުންތެރި، ދުރު ރާސްތާއަށް ވިސްނާ، ރައްޔިތުންނާ ގާތް ކައުންސިލްތަކެއްގެ ސިފަތައް ތިބޭފުޅުންގެ މިޕްލޭންތަކުން ފެނިގެންދާނެކަމަށް އަޅުގަނޑު ގަބޫލުކުރަން" ކައުންސިލެއްގެ މުހިއްމުކަން ސިފަކުރައްވާ އަފްޝަން ވިދާޅުވިއެވެ.

އެކަމުގައި އެހީތެރިވި ހުރިހާ ފަރާތްތަކަށް އަފްޝަން ވަނީ ޝުކުރު އަދާކުރައްވާފައެވެ. ވަކިން ހާއްސަކޮށް އެ މަސައްކަތުގައި އެހީތެރވި ދެ ކޮންސަލްޓަންޓުން، އައިޝަތު އަޒްފާއާ ރިޔާޒް ޖައުހަރީ އަށް އޭނާ ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޚކކ

    ޢެއްޗެއް ދަންނަމީހަކު ކައުންސިލްގެ ރައީސްކަމަށް ހޮވިފައެއްނެތް. ބާރުވެރިކަނޭ ބުނީމަ ކައުންސިލުން އުޅެނީ ނުފޫޒުބޭނުންކޮށްގެން ގަދަބާރުދައްކައިގެން ކަންތައްތައްކުރަން. ވަޒީފާތައްވެސް ނުގަވާއިދުން ތިމާބޭނުންނީހާއަށް ދޭން އަދުލު އިންސާފެއްނޭގެ.....

  2. މުދިމު

    އެލްޖީއޭ ޢީން ކުރަންވި ކަމަކީ ކައުންސިލްތައް ސަސްބެންޑުކޮށް މުސާރަ ކަންޑާފަ އެންގޭކަމަށްވެސް ހަދާނުލާ އޯގާވެރިކަމާ އެކު ތިބެންވީ