ޖެންޑާ މިނިސްޓްރީން ބަލަހައްޓަމުންދާ ކުޑަކުދިންގެ ހިޔާގައި އުޅޭ ކުއްޖަކަށް ޖިންސީ ގޯނާކޮށްގެން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ވިދާޅުވީ ރިޕޯޓް ލިބިގެން ތުހުނަތު ކުރެވޭ މީހާ ހައްޔަރުކޮށްފައިވަނީ މިދިޔަ ހޮނިހިރު ދުވަހު އެވެ. ހައްޔަރުކޮށްފައިވާ މީހާގެ ބަންދަށް ކުރިމިނަލް ކޯޓުން އިއްޔެ ވަނީ 10 ދުވަސް ޖަހާފަ އެވެ.

އޭނާގެ ބަންދު ޖެހި ކޯޓު އަމުރުގައި ބުނެފައިވާ ގޮތުގައި ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ކުއްޖާ ފެނިފައިވަނީ ހައްޔަރުކުރި މީހާގެ ކޮޓަރިންނެވެ. ކުއްޖާއާމެދު ބަދުއަހްލާގީ އަމަލު ހިންގާފައިވާ ކަމަށް ބެލެވޭ ހެކި ފުލުހުން ހުށަހަޅާފައިވާ ކަމަށް ވެސް ކޯޓު އަމުރުގައި ބުނެފައި ވެއެވެ. މީގެ އިތުރުން އޭނާ ކުއްޖާއަށް ކަންތައްތަކެއް ކޮށްދީ، އެ ކުއްޖާ ގްރޫމްކުރުމަށް މަސައްކަތް ކުރަމުންދާ ކަމުގެ ހެކި ވެސް ފުލުހުން ހުށަހަޅާފައިވާ ކަމަށް އަމުރުގައި ބުނެފައި ވެއެވެ.

ނަމަވެސް ފުލުހުން އޭނާގެ މައްޗަށް އަދި ކޮށްފައިވަނީ ޖިންސީ ގޯނާގެ ތުހުމަތު އެކަންޏެވެ.

ހައްޔަރުކުރި މީހާ ވަނީ އޭނާގެ މައްޗަށް ފުލުހުން ކޮށްފައިވާ ތުހުމަތުތައް ދޮގުކޮށްފައެވެ. އޭނާ ކޯޓުގައި ބުނެފައި ވަނީ ކުއްޖާއާމެދު ގޯސް އެއްވެސް ކަމެއް ކޮށްފައިނުވާނެ ކަމަށެވެ. އެ ކުއްޖާއަކީ ހިޔާއިން ނުކުމެގެން އޭނާގެ ގެއަށް ގޮސް އުޅޭ ކުއްޖެއް ކަމާއި އެކަން ހިޔާގެ މުވައްޒަފުންނަށް ވެސް އެނގޭނެ ކަމަށް އޭނާ ކޯޓުގައި ބުނެފައި ވެއެވެ.

ބަންދުގެ މުއްދަތު އިތުރު ކުރުމުގެ މަޖިލީހުގައި ދިފާއުގައި ވާހަކަ ދައްކަމުން އޭނާ ބުނީ އޭނާއަކީ ކުށުގެ ވެށީގައި ކުރިން އުޅުނު މީހެއް ކަމާއި ނަމަވެސް، މިހާރު ބަދަލުވެފައިވާ ކަމަށް ބުނެ ބަންދަށް ލުޔެއް ދިނުމަށް ކޯޓުގައި އެދުނެވެ. އޭނާ އަކީ މަސްތުވާތަކެއްޗާއި މާރާމާރީގެ ރެކޯޑް އޮންނަ މީހެކެވެ.

ނަމަވެސް ގާޒީ ނިންމެވީ ބަންދުގެ މުއްދަތު އިތުރު ކުރުމަށެވެ. އެއީ ހެއްކަށް ނުފޫޒުފޯރުވުމާއި މުޖުތަމައުއަށް ނުރައްކަލަކަށްވުމުގެ ފުރުސަތު އޮންކަމަށް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހައިލީ

    އީސަ މަތިން ގާޒީ ހަދާންނައްތާލީތޯ ، އެކިމީހުންނަށް އެކިމިންގަޑަށް ހުކުމްކުރުން ބަލައެއްނުގަނެވޭނެ،

    8
    1
    • ކޮވިޑް

      ބަލަ އީސަޔަކީ މިސަރުކާރުގެ ރޯޔަލް ބޭފުޅެކޭ. ހައްޔަރު ކުރީ އިސްލާހުވާން މަސައްކަތް ކުރާ ނިކަމެތި ދިވެއްސެކޭ، އިންޑިއާ ނަމަވެސް އޯކޭ ، ނިކަމެތި ދިވެހިންނަށް ނިކަމެތިކަމާ ދުއްޕާން ނޫންކަމެއް އެބަ އޮތްތޯ؟

  2. Anonymous

    ތިޔަ ވާނީ ސިދާތާ ހުރި އިރު ހިންގާފަ އޮތް ކަމަކަށް، މިހާރު ތިޔަ ކަހަލަ ކަމެއް ނުހިންގާނެ