ދިވެހި ފަނޑިޔާރުންގެ ޖަމިއްޔާގެ ރައީސް ކަމަށް ހައިކޯޓުގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމް އިންތިހާބުވެއްޖެއެވެ.

ރައޫފް މި މަގާމަށް އިންތިހާބުވީ އެ މަގާމަށް އިތުރު ފަނޑިޔާރަކު ކުރިމަތިލައްވާފައި ނުވުމުންނެވެ.

ރައޫފަކީ މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަސިޓީ އިން ބެޗްލަ އޮފް ލޯ ޑިގްރީ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ އަދާކުރައްވާފައިވާ ވަޒީފާތަކުގެ ތެރޭގައި އެޓާނީ ޖެނެރަލްގެ އޮފީހުގެ ގާނޫނީ ވަކީލުކަމާއި، ސިވިލްކޯޓުގެ އެސިސްޓެންޓް ރަޖިސްޓްރާ ކަން ހިމެނެއެވެ. އެމަނިކުފާނު ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަނުކުރައްވާފައި ވަނީ 2011 ވަނަ އަހަރުއެވެ.

ފަނޑިޔާރުންގެ ޖަމިއްޔާގެ މަސައްކަތްތައް މަޑުޖެހިފައި ވަނިކޮށް އަނެއްކާވެސް އެ ޖަމިއްޔާގެ ހަރަކާތްތައް ފެށުމަށް އިއްޔެ ވަނީ ހިންގާ ކޮމިޓީ އިންތިހާބު ކޮށްފައެވެ.

އެގޮތުން އެ ޖަމިއްޔާގެ ނައިބު ރައީސް ކަމަށް ވާދަ ކުރެއްވީ ގދ. ގައްދޫ މެޖިސްޓްރޭޓު ކޯޓުގެ އިސް މެޖިސްޓްރޭޓު އަބްދުﷲ ޝަނީޒް އިބްރާހިމާއި ދ. ޖުޑިޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓު އަހުމަދު އާމިރެވެ. އަށާރަ ވޯޓުގެ ތަފާތުން ޖަމިއްޔާގެ ނައިބު ރައީސްއަކަށް ހޮވިވަޑައިގަތީ މެޖިސްޓްރޭޓު އާމިރެވެ. އާމިރަށް ޖުމްލަ 66 ވޯޓު ލިބިވަޑައިގެންފައިވާ އިރު ޝަނީޒްއަށް ލިބިވަޑައިގަތީ 48 ވޯޓެވެ.

ސެކެޓްރީ ޖެނެރަލްއަކަށް ސިވިލް ކޯޓުގެ ގާޒީ ޒުބެއިރު މުހައްމަދު ހޮވިވަޑައިގެންފައިވާ އިރު، އިންތިޒާމް ސެކެޓްރީއަކަށް ހޮވިވަޑައިގަތީ އއ. އުކުޅަހު ކޯޓުގެ އިސް މެޖިސްޓްރޭޓު އަހުމަދު މުއާވިޔަތު ގާސިމްއެވެ. ހަޒާންދާރު ކަމަށް ސިވިލް ކޯޓުގެ ގާޒީ އަޒްފާ އަބްދުއްރައޫފް، އަދި ހަޒާންދާރުގެ ނައިބަކަށް ހޮވިވަޑައިގެންނެވީ ރ. ކިނޮޅަހު މެޖިސްޓްރޭޓު ކޯޓުގެ އިސް މެޖިސްޓްރޭޓު އިބްރާހިމް ޒާހިރެވެ. ޖަމިއްޔާގެ ތަރުޖަމާނަކަސް ހޮވެވަޑައިގަތީ ކްރިމިނަލް ކޯޓުގެ ގާޒީ އާދަމް މުހައްމަދުއެވެ.

އިންތިހާބަކާއި ނުލާ މި ބޭފުޅުން އެ މަގާމުތަކަށް އަޔަންކުރެވުނީ އިތުރު އެއްވެސް ބޭފުޅަކު ވާދަކޮށްފައި ނުވުމުންނެވެ.

ޖަމިއްޔާގެ ހަރަކާތައް ފަށާ، މިދިޔަ ހޮނިހިރު ދުވަހު ވަނީ ފަނޑިޔާރުންގެ އަހަރީ ބައްދަލުވުން ވެސް ބާއްވާފައެވެ.