ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއަށް އެ ރަށުން އިތުރު ބިން ނެގުމާ ދެކޮޅަށް "ސޭވް ހަނިމާދޫ" ނަމުގައި ޕެޓިޝަނެއް ތައްޔާރުކޮށްފިއެވެ.

މި ޕެޓިޝަނަށް ސޮއި ހަމަ ކުރުމުގެ މަސައްކަތް ދަނީ އޮންލައިންކޮށެވެ. "ހަނިމާދޫ" ނަމުގައި އޮންނަ ފޭސްބުކް ޕޭޖެއް މެދުވެރިކޮށް ކޮށްފައިވާ ޕޯސްޓެއްގައި އެ ޕެޓިޝަންގެ ގޫގަލް ފޯމް ލިންކް ވަނީ ޚިއްސާކޮށްފައެވެ.

މި ކަމުގައި އިސްކޮށް ހަރަކާތްތެރިވާ ޒުވާނަކު މައުލޫމާތު ދިން ގޮތުގައި މިހާތަނަށް 200 އަށް ވުރެ ގިނަ މީހުން މި ޕެޓިޝަންގައި ސޮއިކޮށްފައިވާ ކަމަށެވެ. އަދި ޕެޓިޝަނަށް ވީހާވެސް ގިނަ ބައެއްގެ ސޮއި ހަމަކޮށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ހުށަހަޅަން ވިސްނާފައިވާ ކަމަށް އޭނާ ބުންޏެވެ.

ހަނިމާދޫ އެއާޕޯޓަށް އިތުރު ބިން ނެގުމަށް ނިންމާފައިވާ ނިންމުން ބަދަލުކޮށް ހަނިމާދޫ ފަޅު ހިއްކައިގެން އިތުރު ބިން ނެގޭނެ ގޮތް ހަދަައިދިނުމަށް އެދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް މީގެ ކުރިން ސިޓީއެއް ވެސް ހުށަހަޅުއްވާފައިވެއެވެ.

އެއީ ހަނިމާދޫގެ ތިން ޖަމިއްޔާއެއްގެ ރައީސުން ސޮއި ކުރައްވައި ރައީސް ސޯލިހަށް ފޮނުއްވި ސިޓީއެކެވެ. އެއީ ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާގެ ރައީސާއި، ސާއްބަ އެކުވެރި ކްލަބްގެ ރައީސްއާއި، ކެތިއަރާ ޖަމިއްޔާގެ ރައީސްއެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓްގެ މަޝްރޫއަށް އަށް ލައްކަ ފޫޓުގެ ބޮޑު ބިމެއް ނަގަން ނިންމާފައިވާއިރު އެ ސަރަހައްދަކީ ހަނިމާދޫގެ ރައްޔިތުން މިހާރު ވެސް މޫދަށް އެރުމަށާއި ހިތްފަސޭހަކޮށް މަޖާ ކުރުމަށް ބޭނުންވާ ސަރަހައްދެއް ކަމުގައި އެ ރަށުގެ މީހުން ފާހަގަކުރެއެވެ.

ސަރުކާރުން މި ގޮތަށް ނިންމީ އެ މަޝްރޫއު ހިންގުމުގައި އެހީތެރިކަން ފޯރުކޮށްދޭ އިންޑިއާއަށް ދިނުމަށް އުޅޭ ބިމެއް ކަމަށް ބުނެ އެކި އަޑުތައް ވެސް ފެތުރުނެވެ. އެކަމަކު އެއީ އިންޑިއާއަށް ދޭން އުޅޭ ބިމެއް ނޫން ކަމަށް ދިވެހި ސަރުކާރުންނާއި އިންޑިއާ ކޮމިޝަނުން ވެސް ވިދާޅުވެއެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކޮށް ތިލަދުންމަތީ ސަރަހައްދުގައި ފަތުރުވެރިކަމުގެ ވިޔަފާރި ފުޅާ ކުރުމަކީ ރައީސް ސޯލިހްގެ ރިޔާސީ ވައުދުފުޅެކެވެ.