ކޮވިޑް ޖެހިގެން އަންހެނަކު މިއަދު ނިޔާވެއްޖެއެވެ.

"ވަގުތަށް" އެނގިފައިވާ ގޮތުގައި 53 އަހަރުގެ ދިވެހި އަންހެނެކެވެ. އޭނާ އަށް ފަރުވާދެމުން އައީ ދަރުމަވަންތަ ހޮސްޕިޓަލްގައެވެ. މިއާއެކު، މި ބަލީގައި ނިޔާވި މީހުންގެ އަދަދު ވަނީ 198 އަށް އަރައިފައެވެ. މިއީ ކޮވިޑް ބަލީގައި މިއަދު މީހަކު ނިޔާވި ފުރަތަމަ ފަހަރެވެ.

ކޮވިޑް ޖެހިގެން އިއްޔެ 83 އަހަރުގެ ދިވެހި އަންހެނަކު ވަނީ ނިޔާވެފައެވެ.

އޭގެ ކުރީ ދުވަހު ކޮވިޑް ޖެހިގެން ހަތަރު މީހަކު ވަނީ ދުނިޔެ ދޫކޮށްފައެވެ. މި ހަތަރު މީހުންގެ ތެރެއިން ދެ މީހަކު ނިޔާވެފައިވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދަނިކޮށެވެ. އެއީ އުމުރުން 84 އަހަރުގެ ދިވެހި ފިރިހެނަކާއި އުމުރުން 63 އަހަރުގެ ދިވެހި އަންހެނެކެވެ. މީގެއިތުރުން ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާ ހޯދަމުން ދަނިކޮށް އުމުރުން 25 އަހަރުގެ އަންހެނަކުވެސް ވަނީ ނިޔާވެފައެވެ. އެއީ ރާއްޖެ އިން މި ބަލީގައި ނިޔާވި އެންމެ ޒުވާން މީހާއެވެ. އެ ދުވަހު ލ. އަތޮޅު ކޮވިޑް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ 92 އަހަރުގެ ފިރިހެނަކު ވެސް ވަނީ ނިޔާވެފައެވެ.

ރާއްޖެއިން މިހާތަނަށް 198 މީހަކު ކޯވިޑް ޖެހިގެން ނިޔާވެފައިވާއިރު މީގެތެރޭގައި ހިމެނެނީ 181 ދިވެހިންނާއި 17 ބިދޭސީންނެވެ.

ކޮވިޑްގައި އެންމެ ހާލު ބޮޑުވާ މީހުންގެ ތެރޭގައި އުމުރުން ދުވަސްވީ މީހުން ހިމެނެއެވެ. ހާއްސަކޮށް ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުން އަންނަ މީހުންނާއި ދާއިމީ ބައްޔަކަށް ބޭސް ކައި އުޅޭ މީހުންނަށް ވެސް މި ބަލީގެ ނުރައްކާ ބޮޑެވެ.

ނަމަވެސް ދުނިޔޭގެ އެކިކަންކޮޅުތަކުގައި ކޮވިޑްގެ އެކި ވޭރިއަންޓުތައް ފެތުރިފައިވާ އިރު، އުމުރުން ދުވަސްވީ މީހުންނަށް އެކަނި ބަލީގެ ނުރައްކާ އޮތް ކަމަށް ބެލުމުގެ ފުރުސަތު ކުރިން އޮތަސް، މިހާރު އެހެން ބުނުމުގެ ފުރުސަތެއް ނެތެވެ. އެއީ މި ބަލީގައި ބޮޑުވަރުވާ މީހުންގެ ތެރޭގައި ޒުވާނުންނާއި ކުޑަކުދިން ވެސް އާދަޔާ ހިލާފަށް ގިނަވެފައިވާތީއެވެ.

ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް ރާއްޖޭގައި ވަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅައިފައެވެ. ހާއްސަކޮށް މާލެ ސަރަހައްދުގައި ހަރުކަށި ފިޔަވަޅުތަކެއް ވަނީ އަޅައިފައެވެ.

ކިޔުންތެރިންގެ ހިޔާލު