ރާއްޖެ އިން މިއަދު ނިޔާވި މީހާއަކީ ކޮވިޑް-19 ޖެހިގެން ނިޔާވި މީހެއްގެ ގޮތުގައި ކަނޑައެޅި ނަމަވެސް، އެ ނިންމުން ބަދަލުކޮށްފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ވިދާޅުވީ ކޮވިޑް-19 ބަލީގައި ފަރުވާދެމުން ދަނިކޮށް ނިޔާވެފައި ވަނީ 55 އަހަރުގެ އަންހެނެއް ކަމަށެވެ. އެމީހާ ނިޔާވެފައި ވަނީ ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް ހެނދުނު 11:19 ގައެވެ.

މިއީ ކޮވިޑް ޖެހިގެން ރާއްޖެ އިން ނިޔާވި 198 ވަނަ މީހާގެ ގޮތުގައި އެޗްޕީއޭ އިން ކަނޑައަޅާފައިވެއެވެ.

އެކަމަކު، އޭގެ ކުޑަ ވަގުތުކޮޅެއް ފަހުން، އެމީހާ ނިޔާވީ ކޮވިޑް ބަލީގައި ނޫން ކަން އެޗްޕީއޭ އިން ވަނީ ކަނޑައަޅައިފައެވެ.

އެމީހާ އަށް ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގައި ފަރުވާދެމުން ދިޔައީ ކޮވިޑް ޖެހިގެންނެވެ. އަދި އެމީހާ ނިޔާވުމާ ގުޅިގެން އާންމު އުސޫލުގެ ތެރެއިން އެކަން ހުޅުމާލެ ސަހަރާ އަށް ވެސް އެންގިއެވެ.

"ވަގުތަށް" އެނގިފައިވާ ގޮތުގައި އެމީހާ ނިޔާވި ފަހުން ކޮވިޑަށް ޓެސްޓް ކުރުމުން ނަތީޖާ ވަނީ ނައްސިވެފައެވެ.

މީގެކުރިން ކޮވިޑަށް ފައްސިވެގެން ކޮވިޑް ފެސިލިޓީ ނުވަތަ ހޮސްޕިޓަލްތަކުގައި ފަރުވާ ދެނިކޮށް ނިޔާވުމުން އިތުރު ކޮވިޑް ޓެސްޓެއް ހަދާކަން އެނގިފައެއް ނުވެއެވެ.

ނިޔާވި މީހާ ވަޅުލުމަށްޓަކައި އާސަހަރާ އަށް ގެންދިއުމަށް މިހާރު ވަނީ ހަމަޖެހިފައެވެ. މާލެ ސަރަހައްދުން ކޮވިޑް ބަލީގައި ނިޔާވާ މީހުން ވަޅުލުމަށް ހާއްސަކޮށްފައި ވަނީ ހުޅުމާލެ ސަހަރާގައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސުންކު

    ދަގަނޑޭގެ ނެގެޓިވް ވުމަށް. ގޯހެއްނޫން.

  2. މުޅުމިހށ

    އެޗް. ޕީ.އޭގެ ޕްރޮފެޝަނަލް ކަމާއިމެދު ސު ވާލު އުފެދޭ..