ށ. ފޭދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 28 ޕަސެންޓް ނިމިއްޖެއެވެ.

އެ މަޝްރޫއުގެ މަސައްކަތް ކުރަނީ އެމްޓީސީސީންނެވެ.

އެމްޓިސީސީން ވިދާޅުވީ، މި މަޝްރޫއުގެ ދަށުން، މިހާރު ކުރިއަށްދަނީ އައު ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތް ކަމަށެވެ.

މި މަޝްރޫއުގެ ދަށުން ކުރިއަށް ގެންދާނެ މަސައްކަތްތަކަށް ބަލާއިރު، 27,500 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 378 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 90 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 276 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 1,380 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމެންޓް ހެދުމާއި، މަގުބައްތި ހަރުކުރުމާއި ނެރުބައްތި ހަރުކުރުން ހިމެނެއެވެ.

މި މަޝްރޫއަކީ 33.1 މިލިއަން ރުފިޔާގެ މަޝްރޫއެއްކަން ފާހަގަކޮށްލަން ޖެހެއެެވެ.

އެމްޓީސީސީން މިހާރުވެސް ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޮޑެތި އެތައް މަޝްރޫއުތަކެއް ހިންގަމުންނެވެ.