ކޮވިޑް-19 ޖެހިގެން ރާއްޖެ އިން ނިޔާވި މީހުންގެ އަދަދު 1982 ގައި ރާއްޖޭގައި ސިގެއްލާ ޖެހިގެން ނިޔާވި މީހުންނަށް ވުރެ އިތުރު ވެއްޖެއެވެ.

ތާރީޚީ މައުލޫމާތުތަކުން އެނގޭ ގޮތުގައި 1982 ވަނަ އަހަރު ރާއްޖޭން 13752 މީހަކަށް ސިގެއްލާ ޖެހުނެވެ. 197 މީހަކު ވަނީ އެ ބަލީގައި ނިޔާވެފައެވެ. ރާއްޖެ މިހާތަނަށް 70673 މީހުން ކޮވިޑަށް ފައްސިވެ އޭގެ ތެރެއިން 198 މީހުން ވަނީ ކޮވިޑްގައި ނިޔާވެފައެވެ.

މާލެއާއި އަތޮޅުތަކުގައި ހަލުވިކަމާއެކު ސިގެއްލާ ފެތުރެން ފެށުމުން، ރޯގާގެ ކަންކަމަށް ޚާއްސަކޮށްގެން މައި މަރުކަޒެއްގެ ހެދީ މިހާރު ދާރުލްއާސާރު ހުރި ބިމުގައެވެ. ސަރުކާރުގެ ވެރިންނާއި، ވޮލެންޓިއަރުން ޖަމާވެ، ރޯގާ އާއި ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅުއްވާ ގޮތްތައް ނިންމަވަމުން ގެންދެވީ އެތަނުގައި ތިބެގެންނެވެ.

ސިގެއްލާ ރޯގާ ފެތުރެން ފެށުމުން ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ތެރޭގައި، ރާއްޖޭގެ ރަށްތަކުގެ ގޮނޑުދޮށްތަކާއި ވަލުތެރެއަށް ޤަޟާޙާޖާކުރުން މަނާކުރުން ހިމެނެއެވެ. މީގެ އިތުރުން މާލޭގައި ލޮނުމަސް އަވީލުމާއި، ބަކަރި ގެންގުޅުން މަނާކުރުންފަދަ ފިޔަވަޅުތައް އެޅުންވެސް ހިމެނެއެވެ.

ސިގެއްލާގެ އިތުރުން ދެން ރާއްޖޭގައި ފެތުރުނު އެންމެ ނުރައްކާތެރި ރޯގާއަކީ 1978 ވަނަ އަހަރު ފެތުރުނު ކޮލެރާއެވެ. 1978 ގައި ދުނިޔޭގައި ކޮރެލާ އެންމެ ހަލުވިކަމާއެކު ފެތުރިގެންދިޔަ ދުވަސްވަރު، ރާއްޖޭން 11303 މީހަކަށް ކޮލެރާ ޖެހުނު ކަމަށް ރެކޯޑް ކުރެވިފައި ވެއެވެ. އޭގެ ތެރެއިން 252 މީހަކު ނިޔާވިއެވެ. ރާއްޖޭގެ 119 ރަށަކުން މި ބަލި ފެނިފައިވެއެވެ. ބަލިމަޑުކަމަކާއި ގުޅިގެން ރާއްޖޭގައި "ކުއްލި ހާލަތު" އިޢުލާނު ކުރި ފުރަތަމަ ފަހަރަކީ ވެސް އެއީއެވެ.

ސިގެއްލާ އާއި ކޮލެރާގެ އިތުރުން ވެސް ނުރައްކާތެރި ރޯގާތައް ރާއްޖޭގައި ފެތުރިފައި ވެއެވެ. 1947 ވަނަ އަހަރު މާލޭގައި އިންފުލުއެންޒާ ފެތުރިގެންދިޔައިރު، މި ރޯގާ މާލޭގެ 3800 އަށްވުރެ ގިނަ މީހުންނަށް ޖެހިފައިވެއެވެ. އަދި 1959 ގައި މުޅި ރާއްޖޭގައި ފެތުރިގެންދިޔަ ‏ގަދަހުމާއި ހޮޑުލުމުގެ ރޯގާއެއްގެ ސަބަބުން 9000 މީހުން ބަލިވެ، 9 ދުވަސްވަންދެން ސަރުކާރު ބަންދުކުރަންޖެހުނެވެ.

ރާއްޖޭގެ ތާރީޚް ލިޔުއްވި ޕިރާޑްގެ ލިޔުއްވުމުގައި ބުނެފައިވާ ގޮތުގައި މާލެ އޮންނަ ގޮތުންނާއި މާލޭގައި ދިރިއުޅޭ މީހުންގެ އަމަލުތައް ހުންނަ ގޮތުން ރޯގާތައް ފެތުރުން މާލޭގައި ވަރަށް އާންމެވެ،

ކޮވިޑް-19 ރާއްޖޭގައި އަދިވެސް ހަލުވިކޮށް އަންނަނީ ފެތުރެމުންނެވެ. މިހާރު މާލެ އިން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު ކޮންމެވެސް ވަރަކަށް މަދުވެފައި ވީނަމެސް އަދިވެސް ކޮވިޑް ޖެހިގެން ނިޔާވާ މީހުންގެ އަދަދު މަދެއް ނުވެއެވެ. މިމަހު ވެސް އެވްރެޖްކޮށް ދުވާލަކު ދެމީހަކު އަންނަނީ ކޮވިޑް ޖެހިގެން ނިޔާވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކަދިއްޔާ

    1982 ގަ ރާއްޖޭގެ އާބާދީ އާ މިހާރުގެ އާބާދީއާވެސް އަޅާ ކިޔާލަބަލަ. އޭރުގެ އާބާދީ އުޅެނީ 2 ލައްކައިން ދަށުގަ.

  2. އާދަންބެ

    ޝިގައްލާ އަކީ ބެކްޓީރިއަލް އިންފެކްޝަނެއް. ކޮވިޑައްވުރެ މާ ނުރައްކާ ބައްޔެއް. އެއީ މީގެ 50 ހަކަށް އަހަރު ކުރި.

    3
    1
  3. ހަވާސާ އިބޫ

    1982ގެ ދުވަސްވަރުގައި ރާއްޖޭގައި ސިއްހީ ދާއިރާގައި މަސައްކަތްކުރަ ހމީހުންވެސް ވަރަސް މަދު ރާއްޖޭގައި ތިބެނީ 15 ވަރަކަށް ޑޮކްޓަރުން އަތޮޅުތެރޭގައި މަސައްކަތްކުރަނީ ހެލްތު ވޯކަރުން އެކަނި ހެލްތު ވޯކަރަކީ ނަރުހެއްގެދައުރާއި ޑޮކްޓަރަކީވެސް ހާރަކަށް ތަރާވީހަކަށް ސެންޓަރުމީހާ މިހާރާ އަޅާކިޔާ ނީ ކިހެނެއްބާ؟////