މާލޭގައި ހިންގާ ސެލޫންތަކަށް ކޮވިޑް-19 ގެ ހާލަތާ ގުޅިގެން ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ސެލޫން ހިންގާ ފަރާތްތަކުގެ ހުރި ކަންބޮޑުވުންތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ހިއްސާކުރައްވައިފިއެވެ.

ބަލިމަޑުކަމުގެ ހާލަތާ ގުޅިގެން މާލޭގައި ހިންގަމުން އަންނަ ގިނަ ސެލޫންތަކަށް ވަނީ މާލީ ގޮތުން ބޮޑެތި އަސަރުތަކެއް ކޮށްފައެވެ. ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅެއްގެ ގޮތުން މިހާރު ވެސް ސެލޫންތައް ވަނީ ބަންދުކޮށްފައެވެ.

ސެލޫންތަކުގެ ވެރިން ރައީސްއާ އެކު އޮންލައިންކޮށް ބޭއްވި ބައްދަލުވުމުގައި، ސެލޫންތަކަށް ކުރިމަތިވެފައިވާ މާލީ ދަތިތައް ވަނީ ރައީސްގެ ސަމާލުކަމަށް ގެނެސްފައެވެ. ސެލޫންތައް ހިންގުމުގައި ދިމާވެފައިވާ ގޮންޖެހުންތަކާއި އެކަމުން އަރައިގަންނަން ކުރެވިދާނެ ކަންތައްތައްތަކާއި ގުޅޭ ގޮތުން ސެލޫންތަކުގެ ވެރިން ރައީސްއާ މަޝްވަރާ ކުރެއްވެވިއެވެ. ބައްދަލުވުމުގައި މާލޭގެ ބޮޑެތި ސެލޫންތަކުގެ ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

އެ ފަރާތްތަކުގެ ހުރި ކަންބޮޑުވުންތައް އޮޅުން ފިލުވައި އެކަންތައްތަކަށް ހައްލެއް ހޯއްދެވުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވާފައިވާ ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.

ކޮވިޑް-19 އާ ހެދި އިގްތިސާދީ ގޮތުން ކުރިމަތިވި ލޮޅުންތަކުގެ ސަބަބުން ވިޔާފަރިތަކަށް ފޫނުބެއްދޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް ވަނީ ކޮށްފައެވެ. އެ ފަރާތްތަކަށް އެހީވެ ދިނުމުގެ ގޮތުން ސަރުކާރުން މިހާރުވެސް މަސައްކަތްތަކެއް ކުރެވެއެވެ.

ބޭންކުތަކުން ވަނީ ވިޔަފާރިތަކުން ނަގާފައިވާ ބައެއް ލޯނުތައް ދައްކަން ޖެހޭ މުއްދަތު ފަސްކޮށްދީފައެވެ.