ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމުގެ ބިލަކީ "ލާދީނީ ބިލެއް" ކަމަށް ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދާމް ޝަރީފް ވިދާޅުވުމުން އެމްޑީޕީގެ މެންބަރުން ނިޒާމީ ނުކުތާތައް ނަންގަވައިގެން އޭނާގެ ވާހަކަ ހުއްޓުވައިފިއެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ސްޕޮންޝާ ކުރެއްވި ބިލުގައި ވަނީ، އާންމު ތަނެއްގައި މުސްލިމަކު ކާފަރު ކުރުމުގެ ތުހުމަތު ކުރުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށެވެ.

މި ބިލަކީ "ލާދީނިއްޔަތު" ފެތުރުމަށް ފަރުމާ ކުރި ބިލެއްގެ ގޮތުގައި ސިފަކޮށް ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކޮށް ފާޑުކިޔަމުންނެވެ.

އިދިކޮޅު ޕީޕީއެމާއި ޕީއެންސީގެ އިތުރުން ވެރިކަން ކުރާ ކޯލީޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީ ވެސް މި ބިލާ ދެކޮޅެވެ. އަދި ބިލު މިހާރު އޮތް ގޮތާ މެދު މަޖިލީހުގައި ތިއްބެވި އެމްޑީޕީގެ މަދު މެންބަރުންތަކެއް ވެސް ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.

މިދިޔަ މެއި މަހުގެ 31 ވަނަ ދުވަހު ފުރަތަމަ ކިއުން އިއްވާފައިވާ އެ ބިލުގެ އިބްތިދާއީ ބަހުސްގެ މަރުހަލާ މިއަދުގެ ޖަލްސާގައި ފެށިއިރު، އެ ބަހުސްގައި އާދަމް ޝަރީފް ފާހަގަކުރެއްވި ކަމަކީ ނަފުރަތުގެ ބަސް ފެތުރުމަކީ މިހާރު ވެސް ޓެރަރިޒަމްގެ ގާނޫނުން ގާނޫނީ ކުށެއް ކަމުގައެވެ.

މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވީ މި ކަން ފާހަގަކުރެއްވި ސަބަބަކީ ދީނަށް ފުރައްސާރަ ކުރުމަކީ މިހާރު ވެސް ގާނޫނުލް އުގޫބާތުގައި ކުށެއް ކަމުގައި މި ބިލުގެ ދިފާއުގައި ވާހަކަ ދައްކަވާ މެންބަރުން ފާހަގަކުރައްވާތީ ކަމަށެވެ.

މީގެ އިތުރުން ބިލަކީ އިސްލާމީ ހަޟާރަތް ރާއްޖޭގައި ދެމެހެއްޓުމަށް ވަރަށް ބޮޑަށް ހުރަސްއެޅި، ގާނޫނު އަސާސީން ދިވެހި ކޮންމެ ރައްޔިތަކަށް އިސްލާމް ދީނުގެ ހައްގުގައި ޚިޔާލު ފާޅު ކުރުމަށް ދެވިފައިވާ ހައްގު ހަނި ކުރެވޭ ބިލެއް ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

އެ ބިލު ފަރުމާކޮށްފައި އޮތް ގޮތުން ސާފުވާ ކަމަކީ "ލާދީނިއްޔަތު" ނުވަތަ "ސެކިއުލާ" ދައުލަތެއް ރާއްޖޭގައި ގާއިމް ކުރުމަށް ކުރެވޭ މަސައްކަތެއް ކަން އާދަމް ޝަރީފް ވިދާޅުވިއެވެ.

އެކަމަކު އާދަމް ޝަރީފްގެ ވާހަކަ އިތުރަށް ކުރިއަށް ގެންދެވޭ ގޮތެއް ނުވިއެވެ.

އެމްޑީޕީގެ މެންބަރުން ނިޒާމީ ނުކުތާ ނަންގަވަން ފެށިއެވެ. އެއް މެންބަރު ނިޒާމީ ނުކުތާ ނެންގެވުމުން އާދަމް ޝަރީފަށް ވާހަކަ ދެކެވުމުގެ ކުރިން އިތުރު މެންބަރަކު ނުކުތާއަށް އެދިވަޑައިގަންނަވައެވެ. އެ ގޮތަށް އެދިވަޑައިގަތުމުން އަނެއްކާ ވެސް ރިޔާސަތުން އެމްޑީޕީގެ މެންބަރަކަށް ފުރުސަތު ދެއްވައެވެ.

މި ގޮތުން ބިލެތްދޫ ދާއިރާގެ މެންބަރު އަހްމަދު ހަލީމް (ދޮންބިލަތް) އާއި، އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއުއާއި، އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހްމަދު (ހަސަންޓޭ) އާއި، އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ނިޒާމީ ނުކުތާތައް ނަންގަވައިގެން ވާހަކަ ދެއްކެވިއެވެ.

އާދަމް ޝަރީފްގެ ވާހަކަތަކަށް ރިޔާސަތުން ރައްދު ދިނުން

މި މެންބަރުން ފާހަގަކުރެއްވި ކަމަކީ ބިލުގައިވާ ކަންކަން އޮޅުވާލައިގެން ބިލުގެ ރޫހާ ދެކޮޅަށް އާދަމް ޝަރީފް ވާހަކަ ދައްކަވާ ކަމުގައެވެ. ރިޔާސަތުގައި އިންނެވި ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފް ވަނީ ބިލުގެ ރޫހާ ދެކޮޅަށް ވާހަކަ ނުދެއްކެވުމަށް އިލްތިމާސް ކުރައްވައިފައެވެ.

ދެން އާދަމް ޝަރީފަށް ދެއްވި ފުރުސަތެއްގައި އޭނާ ވިދާޅުވީ ކޮންމެ މެންބަރަކަށް ވެސް އިސްލާމް ދީނާ ޚިލާފު ނުވާނެ ގޮތުގެ މަތިން ޚިޔާލު ފާޅުކުރުމުގެ ހައްގު ލިބިގެންވާ ކަމަށެވެ.

އެ ގޮތަށް އާދަމް ޝަރީފް ވިދާޅުވުމުން ރިޔާސަތުން ރައްދު ދިނެވެ. މި ގޮތުން އަފީފް ވިދާޅުވީ ކޮންމެ މެންބަރަކަށް ވެސް ޚިޔާލު ފާޅުކުރުމުގެ ހައްގު އޮންނާނެ ކަމަށާއި އެކަމަކު ސިޔާސީ މަގްސަދެއްގައި ނަފުރަތު އުފައްދަން އުޅޭނަމަ އެ ކަން ހުއްޓުވާނެ ކަމަށެވެ.

އެހެން ވިދާޅުވެފައި ވެސް އާދަމް ޝަރީފަށް ފުރުސަތު ދެއްވިއެވެ. އެހެންވިޔަސް އަލުން ވެސް ނިޒާމީ ނުކުތާތައް އެމްޑީޕީގެ މެންބަރުން ނަންގަވާތީ ވާހަކަ ކުރިއަށް ގެންދެވޭ ގޮތެއް ނުވިއެވެ.

އޭގެ ފަހުން އަނެއްކާ ވެސް އާދަމް ޝަރީފަށް ވާހަކަ ދައްކަވަން ފުރުސަތު ދެއްވާފައިވާ އެއީ ދީނާ ޚިލާފު ބިލެއް ކަމަށް ވިދާޅުވުމުން ވާހަކަ މެދުކަނޑާލާފައި އަފީފް ވާހަކަ ދެއްކެވިއެވެ.

އޭނާ ވިދާޅުވީ ގާނޫނު އަސާސީއާއި އިސްލާމް ދީނާ ޚިލާފު ބިލަކަށް މަޖިލީހުގެ ތަޅުމުން ބަލައިނުގަންނާނެ ކަމަށެވެ. އަދި މިހާރު ބަހުސް ކުރިއަށްދާ ބިލަކީ އިސްލާމް ދީނާ ޚިލާފު ބިލެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ކޮވިޑް

    އެއީ އަސްލު ވަކަރުގެ މަގުމަތީ އެމްޑީޕީގެ މެމްބަރުންގެ ހަޤީގަތް ، މިއަދު ވެސް ތި ފެންނަނީ. ހަމަސީދާ ލާދީ ބައިގަންޑެއް. ޔާﷲ މި ނުބައި ނުލަފާ އެމްޑީޕީ ލާދީނީ ބައިގަނޑުގެ ކިނައިން މި ޤައުމު ސަލާމަތް ކޮށް ދެއްވާށި އާމީން.

    48
    • ލާދީނީ ބިލާ ދެކޮޅު

      އަނެއްމީހާ ދައްކާ ވާހަކަ އަޑުއަހާލުމުގެ ގާބިލުކަން ނެތް ބަޔަކު ޕާޓީ ހަދައިގެން މަޖިލިސް ތެރޭގައި ލާހޫރެނީ. ނަމުން ހެޔޮވެރިކަން.

      42
  2. ސަޢީދު

    ލާދީނީ ވީމާ ލާދީނީ އޭ ކިޔާނެ ދޯ؟ ރިޔާސަތަށް ބެލިޔަސް ނިޒާމީ ނުކުތާ ނެގި ފަރާތްތަކަށް ވިސްނިއަސް ފެންނަނީ ހަމަ އެމަންޒަރު..

    37
  3. ކްރިޓިކަލް ތިންކިން

    ދީނުގެނަމުގަ އި މީހުންގެ މުދަލަށް ގެ އްލުންދީ، ފުރާނަ އަށް ގެ އްލުން ދެނީވެސް މުސްލިމު ނަމުގަ އި ތިބޭ މީހުން.ދީނާ އި ދުރު ވާހަކަތަކާ އި، އިސްލާމް ދީން ނޫން ދީނަށް ބާރު އަޅަ އި ޕްރޮމޯޓް ކުރަނީވެސް މުސްލިމު ނަމުގަ ތިބޭ މީހުން... މިދެފިކުރަކީވެސް މާތްވެގެންވާ އިސްލާމްދީނާ އި ދުރު ދެފިކުރު...

    26
    1
  4. ހުސޭނުބޭ

    ފުރަތަމަ ތި ބިލަކީ ނަފްރަތު އުފައްދާ ބިލެއް! ދެން އެހެންވިއްޔާ ތި ބިލުވެސް ވާނީ ބާޠިލު

    10
  5. ކޮރަލް

    ދީން ދޫކޮށްލާފަ މުސްލިމްނަމެއް ކިޔާ ދިވެހީން އެބަ އުޅެ އެވެ. ދެންމުސްލިމެކޭ ނުބުނެ ވޭނެ އެވެ.

  6. އަބްދޫ

    ކީރިތި ރަަސޫލާ އަށާ ކީރިތި ގުރްއާނަށް ފުރައްސާރަ ކޮށްފިނަމަ އެމީހަކީ ކާފަރެކޭ ބުނެވިދާނެ އެކަންއެގެނީ ކީރިތި ގުރްއާނުގެ ތައުބާ ސޫރަތުގެ 65،66 މި ދެއާޔަތުން ،ﷲގެ ރަސޫލާ އަށާއި ކީތިތި ގުރްއަނަށް ފުރައްސާރަ ކުރިމީހަކަށް އެމީހާ ތައުބާވެ އަލުން އިސްލމްދީނަށް ވަނުމުގެ ކުރިން މުސްލިމެކޭ ބުނެފިނަމަ އެ ހެދެނި ދޮގެއް. އެފަދަ މީހަކަ ދިމާލަށް އިސްލާމެކޭ ނުބުނެވޭނެ ބުނެވޭނީ އެހުރީ ކާފަރު ވެފައޭ ލާދީނީ ގެ އަސްލު މާނަޔަކީ ކާފަރު ވުން. ކީރިތި ގުރްއާނުގެ އެންމެ އާޔަތެއް ގަބޫލް ނުކުރާމީހާ ވެސް ވާހުށީ ކީރިތި ގުރްއާނަށް ފުރައްސާރަކުރާ މީހަކަށް. ﷲ ބާވައިލެއްވި އެއްވެސް ފޮތެއް ނުވަތަ އެއްވެސް ނަބިއްޔަކު ނުވަތަ ރަސޫލަކު ގަބޫލު ނުރުރާމީހާގެ އިސްލާމްކަން ފުރިހަމަ ނުވާނެ.

  7. ކަލްޓް

    ދިވެހި ރައްޔިތުން އެންމެން މަގުތަކަށް ނިކުމެ މުޖޫ ނައީމަކީ ކާފަރެކޭ ބުނެ ބިލް ޑީ އެކްޓިވޭޓް ކުރަންވީ، ރައްޔިތުން ޖަލަށް ލެވޭތޯ ބަލަން، ބޮޑާ ވަނީ ތިބެގެން.

    13
  8. މުހައްމަދު

    ހަމަ ލާދީނީ . ކިޔާނަން. ދެންހަދާ އެއްޗެއްހަދާ ބަލަ. ހަމަ ދިމާލައް މިބުނަނީ ކިޔާނަން.

    16
  9. އާދަމުގެދަރި

    ލާދީނީއޭ ބުނުމަކީ މީހަކު ކާފަރުކުރުމެއް ނޫން. މުސްލިމުންގެ ތެރޭގައި މުނާފިގުން ތިބޭނެ. ފާސިގުން ތިބޭނެ. އެފަދަ މީހުންނާ ދިމާލަށް މުނާފިގެކޭ ނުވަތަ ފާސިގެކޭ ނުބުނެވޭނެ ކަމަށް ހަދީސް އެބައޮތޭ އެބުނަނީ ކަނޑައެޅިގެން ދޮގެއް. މުނާފިޤުންގެ ވާހަކަ ބަޔާންކޮށް ސޫރަތެއް އެބައޮތް. އެހެންވީމާ މުނާފިގު މީހަކާ ދިމާލަށް މީހަކަށް ލާދީނީ މީހެކޭ ބުނެވޭނެ. މުނާފިގެކޭ ބުނެވޭނެ. ފާސިގެކޭ ބުނެވޭނެ. އެއީ ދީން މަނާކުރާ ކަމެއް ނޫން.