ވިމެން އިން ޑިޕްލޮމަސީ ނެޓްވަރކްގެ ރައީސާއަށް ދިވެހިރާއްޖޭން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ.ފަރަހަނާޒް ފައިސަލް މިއަދު ހަމަޖައްސަވައިފިއެވެ.

އިނގިރޭސިވިލާތުގައި ހުންނަ ޖޯޖިއާ އެމްބަސީގައި މިއަދު ބޭއްވުނު ހަފްލާގައި އެކަމަނާއާއި ރައީސާކަން ހަވަލާކޮށްދެއްވީ އެ ޖަމްއިއްޔާގެ މިހާރުގެ ރައީސާ، އަދި އިނގިރޭސިވިލާތަށް ނެމީބިއާއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހަރ އެކްސަލަންސީ މިސް. ލިންޑާ ސްކޮޓްއެވެ.

ޑރ.ފަރަހަނާޒް ރައީސާކަމުގެ ދައުރުގައި އެކަމަނާގެ ނާއިބުއަކަށް ހުންނަވާނީ އިނގިރޭސިވިލާތަށް ޖޯޖިއާއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހރ އެކްސަލަންސީ މިސް. ސޮފީ ކަޓްސަރަވާއެވެ. އަދި މި ނެޓްވަރކްގެ މަސައްކަތުގައި ދުވަހުން ދުވަހަށް ކުރައްވަންޖެހިވަޑައިގަންނަވާ ކަންތައްތައް ކުރެއްވުމުގައި އިސްކޮށް ހުންނަވާނީ އިނގިރޭސިވިލާތުގައި ހުންނަ ޔޫ.އޭ.އީ. އެމްބަސީގެ ސަފީރުގެ ނާއިބުއެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން ވިދާޅުވީ ޑރ.ފަރަހަނާޒް މަޤާމުގެ މަސްއޫލިއްޔަތުން ނަންގަވާނީ މި އަހަރުގެ ޖުލައި މަހުއެވެ. ވިމެން އިން ޑިޕްލޮމަސީ ނެޓްވަރކްއަކީ މީގެ އެތަށް އަހަރެއްކުރިން، އިނގިރޭސިވިލާތުގައި ތިއްބަވާ އަންހެން ޑިޕްލޮމެޓުންގެ މައްޗަށް އެކުލަވާލައިގެން އުފައްދާފައިވާ ނެޓްވަރކްއެކެވެ. އެތަކެއް އަހަރެއްވަންދެން މި ނެޓްވަރކްގެ މަސައްކަތްތައް މަޑުޖެހިފައިއޮތުމަށްފަހު، އެމްބަސީ މެގަޒިންއާއި ގުޅިގެން މި ނެޓްވަރކްގެ މަސައްކަތް އަލުންވަނީ މިދިޔަ އަހަރު އޭޕްރިލް މަހުފަށާގަނެފައެވެ.

މި ޖަމްއިއްޔާގެ މައިގަނޑު މަޤްސަދަކީ އަންހެނުން ބާރުވެރިކުރުވާ، މަސައްކަތުގެ މާހައުލުގައި އަދި ދރިއުޅުމުގައި އަންހެން ޑިޕްލޮމެޓްސްއަށް ދިމާވާކަންތައްތައް ދެންތިއްބަވާ ބޭފުޅުންނާ ހިއްސާކޮށް، އެކަންތައްތަކަށް ހުރިހާ ބޭފުޅުން އެކުގައި ވާހަކަ ދައްކާ ހައްލުހޯދުމަށް މަސައްކަތްކުރުމެވެ. އަދި މި ޖަމްއިއްޔާއިން އިސްނަގައިގެން އެހެން އެމްބަސީ އަދި ހައިކޮމިޝަންތަކުގައި ތިއްބަވާ އަންހެން ޑިޕްލޮމެޓުންނަށް ހާއްސަކޮށްގެން ޓްރެއިނިންގެ ޕްރޮގްރާމާއި ވަރކްޝޮޕްތައްވެސް ހިންގައެވެ. އަ

ދި އިނގިރޭސިވިލާތަށް އަލަށް ވަޑައިގަންނަވާ ޒުވާން ޑިޕްލޮމެޓުންނަށް އަމާޒުކޮށްގެން މެންޓަރޝިޕް ޕްރޮގްރމްތައްވެސް މި ނެޓްވަރކުން އިސްނަގައިގެން ކުރިއަށް ގެންދެއެވެ.

މި ޖަމްއިއްޔާގެ ރައީސާއަކީ ކޮންމެ ހަ މަހަކުން ބަދަލުވާ މަޤާމެކެވެ. އެ ގޮތުން މި ނެޓްވަރކްގެ މަސައްކަތް އަލުން ފަށާގަތުމަށްފަހު ފުރަތަމަ ފަހަރަށް ރައީސަކު އައްޔަންކުރެވުނީ މިދިޔަ އަހަރު އޭޕްރިލްމަހުގެ އެވެ. މި ނެޓްވަރކްގެ ފުރަތަމަ ރައީސްއަކީ އިނގިރޭސިވިލާތުގައި ހުންނަ ސައުތު އެފްރިކާ ހައިކޮމިޝަންގެ ސަފީރުއެވެ. މި ގޮތުން ޖުލައި މަހުގެ ދައުރުގެ ރައީސާކަން ކުރައްވާނީ ހައިކޮމިޝަނަރ ޑރ ފަރަހަނާޒްލްއެވެ.

އެކަމަނާގެ ރައީސާކަމުގެ ތީމްއަކީ މޫސުމަށް އަންނަ ބަދަލުތަކާއި ގުޅޭގޮތުން ދިމާވާ ކަންތައްތަކަށް އަލިއަޅުވާލާ މަސައްކަތްކުރުމެވެ. މީ މި ނެޓްވަރކްގެ ތިންވަނަ ރައީސާއެވެ. އަދި މީ މި ނެޓްވަރކްގެ ރައީސާކަން ފުރަތަމަ ފަހަރަށް ދިވެހިރާއްޖެއަށް ލިބުނުފަހަރުވެސް މެއެވެ.

ހައިކޮމިޝަނަރ ޑރ.ފަރަހަނާޒް އަކީ ދިވެހިރާއްޖޭން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ އިތުރުން، ފްރާންސް، އަޔަރލަންޑް އަދި ސްޕެއިންއަށް ދިވެހިރާއްޖޭން ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެސިޑެންޓް ސަފީރެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހާމިދު ޝާހިދު

    ތިއީ އަސްލު ދިވެއްސެއްނޫން. މުޅިންވެސް އުޅެ ބޮޑުވީ ލަންޑަންގައި. އެތާ އެހެން އުޅެނިކޮށް ހަދިޔާއަކަށް އެމްބެސެޑަރުކަން މިދެނީ، އެމްޑީޕީ ސަރުކާރުން، ކޮންމެ ފަހަރަކުވެސް. ހަގީގީ ދިވެހިންނަކީ ޤައުމުދެކެ ލޯބިވާ ޤައުމުގެ މާހައުލުގައި ބޮޑުވާ ދަރިން. އަފަދަ ކުދިންނަށް ތިކަހަލަ މަގާމުތައް ދޭންވީ.