ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއަށް ފަހު އައްޑޫ ސިޓީގައި ފުލުހުން ކުރިއަށްގެންދެވި ކައުންޓަރ ޓެރަރިޒަމް އޮޕަރޭޝަންގައި ހައްޔަރުކުރި މީހުންގެ ތެރެއިން ފަސް މީހުން ބަންދުން ދޫކޮށްލުމަށް ދަށުކޯޓުން ނިންމި ނިންމުން ބަދަލުކޮށް އެމީހުން ބަންދުކުރަން ހައިކޯޓުން އަމުރު ކޮށްފިއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ދެންމެ ވިދާޅުވީ ހައިކޯޓުން ނިންމެވީ މި ފަސް މީހުން ބަންދުން ދޫކޮށްލުމަށް ކުރި އަމުރުތައް ބާޠިލު ކަމަށެވެ. އަދި މި ފަސް މީހުން މިއަދުން ފެށިގެން 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް އަމުރު ކުރެއްވި ކަމަށް ވެސް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވިއެވެ.

ހައްޔަރުކުރަން އަމުރުކޮށްފައިވަނީ، އިއުތިސާމް މުހައްމަދު ސައީދު، ގަމަރީ، ގދ. މަޑަވެލި އާއި އަބްދުﷲ ހައިޝަމް، ސައީދާމަންޒިލް، ސ. މީދޫ އާއި މަފްތޫހް ސައީދު، ވިކްޓްރީ، ގއ. ކޮލަމާފުށި އާއި މުހައްމަދު ތަސްލީމް، އަލަނާސިގެ، ހއ. ހޯރަފުށި އަދި ހަސަން ޝިހާނު އިބްރާހީމް، ކާކީގެ، ސ. ހިތަދޫ އެވެ.

މި ފަސް މީހުންގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ ސަބަބުން އެމީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމުގެ ޝަރީއަތުގެ މަޖިލިސް ހައިކޯޓުން ކުރިއަށް ގެންދިޔައީ ސިއްރު ކޮށްގެންނެވެ.

ނަޝީދު އަވަހާރަކޮށްލަން މިދިޔަ މަހު ދިން ހަމަލާއަށް ފަހު އައްޑޫގައި ވަނީ ފުލުހުން ބޮޑު އޮޕަރޭޝަނެއް ހިންގާފައެވެ. އެއޮޕަރޭޝަނުން ވަނީ ހަރުކަށި ފިކުރު ފެތުރުމުގެ މަސައްކަތް ކުރާ ގިނަ ބަޔަކު ހައްޔަރުކޮށްފައެވެ. ހައްޔަރުކުރި މީހުންގެ ތެރެއިން ފަސް މީހަކު ފިޔަވައި އެހެން މީހުންގެ ބަންދުގެ މުއްދަތު ކޯޓުން އިތުރު ކޮށްދިނެވެ.

ކިޔުންތެރިންގެ ހިޔާލު