ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގައި އޮންނަން ޖެހޭ އިސްލާމް ދީނުގެ ކަންކަމާ ބެހޭ ކޮމިޓީ ނެތި ފަސް އަހަރުގެ މުއްދަތު ހިނގާފައިވާތީ ވީ އެންމެ އަވަހަށް އެ ކޮމިޓީ އެކުލަވާލަން ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު އަބްދުﷲ ސަނީފް ގޮވާލައްވައިފިއެވެ.

އާންމު ތަނެއްގައި މުސްލިމަކު ކާފަރު ކުރުމުގެ ތުހުމަތު ކުރުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅާ ގޮތަށް ގާނޫނުލްއުގޫބާތަށް އިސްލާހު ގެންނަ ބިލަށް ތާއީދު ނުކުރައްވާ މަދު އެމްޑީޕީގެ މެންބަރުންގެ ތެރޭގައި ސަނީފް ހިމެނިވަޑައިގަންނަވައެވެ.

ސަރުކާރުގެ ފަރާތުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް އަދި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށަހަޅުއްވާފައިވާ ގާނޫނުލްއުގޫބޫތަށް އިސްލާހު ގެންނަ ބިލަށް ވެރިކަން ކުރާ ކޯލިޝަންގެ އެހެން ޕާޓީތަކުން ވެސް ތާއީދެއް ނުކުރެއެވެ.

އެ ބިލުގެ އިބްތިދާއީ ބަހުސްގައި ވާހަކަ ދައްކަވަމުން ސަނީފް ވިދާޅުވީ ބިލު މިހާރު އޮތީ ވަރަށް ފުޅާ ދާއިރާއެއްގައި ކަމަށެވެ. އެ ގޮތަށް އޮތުމުން މީހަކު ދީނާ ޚިލާފުވެގެން އެ ކަން ފާހަގަކުރުމުގެ މިނިވަން ކަމަށް ވެސް ހުރަސް އެޅޭނެ ކަމަށް ސަނީފް ގަބޫލު ކުރައްވައެވެ.

"އެމްޑީޕީގެ ވިސްނުމެއް ނޫން އެއީ ބަސް ބުނުން ހުއްޓުވުން، އަނގަ މަތީ ޓޭޕް އެޅުމަކީ އެމްޑީޕީގެެ ވިސްނުމެއް ނޫން،" ސަނީފް ވިދާޅުވިއެވެ.

ސަނީފް ވިދާޅުވީ މިހާރު ބިލު އޮތީ ސިޔާސީ މަގްސަދެއްގައި ބަޔަކު ބަންދު ވެސް ކުރެވޭ ގޮތަށެވެ. އެއީ ޒަމާނުއްސުރެން އެމްޑީޕީން އެކަމަކާ އެންމެ ދެކޮޅު ހެދި ކަންކަން ކަމަށް އޭނާ ވިދާޅުވިއެވެ.

"އަބަދު އެމްޑީޕީއެއް ނޫން ބާރުގައި ވެސް ތިބޭނީ، އެހެން ބަޔަކު ވެސް ތިބޭނެ ދުވަހެއް އަންނާނެ، މިހާރު މި އޮތީ ކޮންމެ ވެސް ދުވަހަކުން ވިޔަސް ސިޔާސީ މަގްސަދެއްގައި ބަޔަކު މީހުން ޖަލުތަކަށް ލައިގެން ޖަލުތައް ފުރައިލެވޭ ގޮތަށް،" ސަނީފް ވިދާޅުވިއެވެ.

ސަނީފް ވިދާޅުވީ އެމްޑީޕީ އާއި ރާއްޖޭގެ ކޮންމެ ސިޔާސީ ޕާޓީއެއްގެ ވެސް މައިގަނޑު ފަލްފަސަފާއަކީ އިސްލާމް ދީން ކަމަށެވެ. މިގޮތުން އެމްޑީޕީގެ އަސާސީ ގަވާއިދުގައި ވެސް އިސްލާމް ދީނާ ބެހޭ ކަންކަމުގައި ކޮމިޓީއެއް އޮންނަން ޖެހޭ ކަމަށް އޮތް އޮތުން އޭނާ ފާހަގަކުރެއްވިއެވެ.

އެކަމަކު، އެ ކޮމިޓީ ނެތި މިހާރު ފަސް އަހަރު ދުވަސް ވެފައިވާ ކަމަށް ސަނީފް ވިދާޅުވިއެވެ. އަދި ވީ އަވަހަކަށް އެ ކޮމިޓީ އެކުލަވާލުމަށް ޕާޓީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފަށް ސަނީފް ގޮވާލެއްވިއެވެ.

"މިއީ އިސްލާމް ދީނަށް ލޯބި ކުރާ ޕާޓީއެއް، އެހެންވެ ދީނާ ބެހޭ ކަންކަމުގައި ޕާޓީން ނަގާނެ ގޮތެއް ނިންމަން ކޮމިޓީއެއް އެ އޮންނަނީ، މި ބިލާ ގުޅިގެން ވެސް ގޮތެއް ނިންމަން ވާނީ އެ ކޮމިޓީން، އެ އެކުލަވާލަން އަޅުގަނޑު ވަރަށް ބޮޑަށް އެދެން،" ސަނީފް ވިދާޅުވިއެވެ.

މި ބިލާ ގުޅިގެން އާންމުންގެ ފާޑުކިއުންތައް އިންތިހާއަށް އަމާޒުވުމުން، އިސްލާމް ދީނަށް ފުރައްސާރަ ކުރުމުގެ ކުށް އިތުރަށް ތަފްސީލްކޮށް އެހެން ބިލެއް ވެސް އެޓާނީ ޖެނެރަލްގެ އޮފީހުން ވަނީ ތައްޔާރުކޮށްފައެވެ.

އެ ބިލު ވެސް މަޖިލީހަށް ހުށަހެޅުއްވީ މެންބަރު ހިސާނެވެ. އެ ބިލުގެ ފުރަތަމަ ކިއުން ވަނީ މިއަދުގެ ޖަލްސާގައި އިއްވައިފައެވެ.

ލާދީނީ ކިޔުން ހުއްޓުވޭ ގޮތަށް ބިލެއް ހުށަހެޅީ ނަފުރަތުގެ ބަސް އާންމުވެ މީހުންގެ ލޭ ހުއްދަ ކުރަމުންދާ ދިއުން ހުއްޓުވަން ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެސް ވަނީ ވިދާޅުވެފައެވެ. އެ ބިލު ހުށަހެޅީ ވަކި ބަޔެއްގެ ޚިޔާލަށް ހުރަސް އަޅަން ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ލޮލް

  ދީނީ ކޮމެޓީއެކޭ، އެމްޑީޕީއަށް އެކުލަވާލެވޭނީ ލާދީނީ ކޮމެޓީއެއް. ތިޔަބުނާ ދީނީ ކޮމެޓީއަކަށް އެމްޑީއެން މީހުން ލައިގެން ހިންގާލާ.

  12
 2. ލާމު

  ތިޔަ ކޮމިޓީ އުފަން ނުކުރުވައި 5 އަހަރު ވީމަ އއނގޭ ދީނީ ކަންކަމަށް އަހަންމިއްޔަތުކަން ދޭ މިންވަރު.

 3. ކޮރަލް

  ފާޅުގަ ދީން ދޫކޮށްފަ ހުރިމުސްލިމްނަން ކިޔާމީހުން އެބައުޅެ އެވެ. އެމީހުން ނަކަށް މުސްލިމެކޭ ނުބުނެވޭނެއެވެ.

 4. އަހުމަދު

  ވައްކަން ކުރުމަކީވެސް އިސްލާމް ދީނާ ހިލާފްކަމެއް، ބަޔަކު ވެގެން ގައުމު ހުސްކޮއްލާއިރުވެސް މިމީހުންނަކަށް ނުކެރޭ އެއްޗެއްބުނާކަށް.