މާލެ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން އައިޖީއެމްއެޗްގައި ޓެކްސީ ސްޓޭންޑެއް ހަދައިފިއެވެ.

މި ޓެކްސީ ސްޓޭންޑް ހަދާފައިވަނީ ކަނބާއައިސާ ރަނި ހިނގުމުގައިވާ އައިޖީއެމްއެޗްގެ މައި ދޮރާށި ކައިރީއެވެ. އެތަނުގެ މަސައްކަތް ނިމި މިހާރު ބޭނުންކުރަމުން އަންނަ ކަމަށް ފެން ކުންފުނިން މިއަދު ވަނީ ވިދާޅުވެފައެވެ.

މި މަސައްކަތަށް 1.2 މިލިއަން ރުފިޔާ އެމްޑަބްލިއުއެސްސީ އިން ވަނީ ހަރަދުކޮށްފައެވެ.

އެމްޑަބްލިއެސްސީގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުރި މި މަސައްކަތުގެ މަގްސަދަކީ އައިޖީއެމްއެޗްގެ މެއިން އެންޓްރަންސް ސަރަހައްދުން ޓެކްސީ ހިދުމަތް ހޯއްދަވަމުން ގެންދަވާ ފަރާތްތަކަށް ދިމާވަމުން ދިޔަ ދަތިތަކަށް ހައްލު ހޯދައި ދިނުން ކަމަށެވެ.

މިގޮތުން، ވިއްސާރަ ދުވަސްވަރު މި ސަރަަހައްދުގައި ޓެކްސީ ހޯދަން މަޑުކޮށްލައިގެން ތިބެވޭނެ ހިޔާވަހިކަމެއް ނެތުމުން ދިމާވާ ދަތިތަކާއި، ޓެކްސީ ނަންގަވަން ބޭނުންފުޅުވާ ފަރާތްތަކުން ހިޔަލުގައި މަޑުކޮށްލައި، ޚާއްސަކޮށް އުމުރުން ދުވަސްވީ ފަރާތްތަކަށް، އިށީންދެލައިގެން ތިބެވޭނެ ތަނެއް ނެތުމުގެ މައްސަލައަށް، މި ޓެކްސީގެ ބޭނުން ހިއްޕަވާ ފަރާތްތަކަށް، ޚާއްސަ ގޮތެއްގައި ވިއްސާރަ ދުވަސްވަރު، މި ކަމުގެ ފަސޭހަކަން ލިބޭނެއެވެ.

އެމްޑަބްލިއުއެސްސީން ވިދާޅުވި ގޮތުގައި އެ ކުންފުނީގެ އަމާޒަކީ ކުންފުނިން ތަރައްގީގެ ހަރުފަތްތައް ގިރާކުރަމުންދާ އިރު ކުރިމަގުގައި ވެސް ކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުން، ދިވެހި މުޖުތަމައުގެ ކުރިއެރުމާއި ލާބަ އާއި މަންފާ އަށް ތަފާތު އެކިއެކި ރޮނގު ރޮނގުން އެހީތެރިވެ މަސައްކަތް ކުރުމެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބީރުމީހާ

    މި ސަރުކާރުގައި ތިތަފަދަ ކަމެއްކޮއްލުމުގެ ގާބިލުކަމެއްވެސް ނެތީތަ ސްޓެކްކޯވެސް ބަސް ހުއްޓިތައް ހަދާދީފަ ތަނެއް ހަދައްޖެހިއްޖެނަމަ ސިފައިން އޮތަ ކަމެއް ކުރުމަށް ވިސްނިފަ ނެތީތަ