މަޝްހޫރު ވިޔަފާރިވެރިޔާ އަދި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމްގެ ސަން މީޑިއާ ދަށުން ހިންގަމުން އަންނަ "ސަން އޮންލައިން" ގެ ޗީފް އެޑިޓަރު ކަމުގެ މަގާމުން އަހުމަދު ޒާހިރު (ހިރިގާ ޒާހިރު) އިސްތިއުފާ ދެއްވައިފިއެވެ.

ސަން ގައި 10 އަހަރަށް ހިދުމަތް ކުރެއްވި ޒާހިރު އިސްތިއުފާ ދެއްވީ މީގެ ދެ ދުވަހެއް ކުރިންނެވެ.

ޒާހިރު މިއަދު "ވަގުތު" އަށް ވިދާޅުވީ އިސްތިއުފާ ދެއްވީ އެއީ މިވަގުތަށް ފެނުނު އެންމެ ރަނގަޅު ގޮތް ކަމަށްވާތީ ކަމަށެެވެ. އެކަމަކު ސީދާ ސަބަބެއް ޒާހިރު ވިދާޅެއް ނުވެއެވެ.

ޒާހިރު ވިދާޅުވި ގޮތުގައި، އާ ނޫހެއް އުފެއްދުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.

ޒާހިރު ސިފަކުރެއްވި ގޮތުގައި ސަންގައި ހޭދަކުރެއްވި ދިހަ އަހަރަކީ "ކާމިޔާބު" އަދި ހިތްހަމަ ޖެހޭ އަހަރުތަކެކެވެ.

"ސަން" އޮންލައިން އުފައްދެމުގައި ވެސް ޒާހިރު ވަނީ އިސްދައުރެއް އަދާކުރައްވައިފިއެވެ.

ރާއްޖޭގައި ލީޑިން މީޑިއާއެއްގެ ގޮތުގައި ސަން ގެނެސްދިނުމަށްޓަކައި މަސައްކަތްތަކެއް ކުރެވި، މީޑިއާއަށް "އިންގިލާބީ" ބަދަލުތަކެއް ގެނެވުނު ކަަމަށް 2010 ވަނަ އަހަރު ސަންއާ ގުޅިވަޑައިގެންނެވި ޒާހިރު ވިދާޅުވިއެވެ.

ޒާހިރު މައިގަނޑު ގޮތެއްގައި ލިޔުއްވަނީ ސިޔާސީ މަސްރަހުގެ ހަބަރުތަކާއި ރިޕޯޓްތަކާއި އިޖްތިމާއީ މަސްރަހުގެ ހަބަރުތަކާއި ރިޕޯޓްތަކެވެ.

ނޫސްވެރިކަމުގެ ދާއިރާއަށް ޒާހިރު ނިކުމެ ވަޑައިގެންނެވީ 1989 އަހަރު "ހަވީރު" ނޫހުންނެވެ. އެންމެ އާދައިގެ ނޫސްވެެރިއެއްގެ މަގާމުން ފެއްޓެވި ޒާހިރު އެ ނޫހުގެ އެޑިޓަރުކަން ވެސް ކުރެއްވިއެވެ.

ނޫސްވެރިކަމުގެ ގައުމީ އިނާމާއި، މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ ނޫސްވެރިކަމުގެ އަލިމަސް ގަލަން ޒާހިރަށް ވަނީ ލިބިވަޑައިގެންފައެވެ.

ނޫސްވެރިކަމުގެ ރަން ޖީލުގައި ހިމެނިވަޑައިގަންނަވާ ޒާހިރަކީ ނޫސްވެރިކަން ކުރިއެރުވުމަށް ވެސް މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ.

ނޫސްވެރިންގެ ޖަމިއްޔާ، މޯލްޑިވްސް ޖާނަލިސްޓު އެސޯސިއޭޝަން (އެމްޖޭއޭ) އަކީ ޒާހިރު އިސްވެ ހުންނަވާ އުފެއްދެވި ޖަމިއްޔާއެކެވެ.

ރާއްޖެއާ ރާއްޖެއިން ބޭރުގައި ރާއްޖެގެ މީޑިއާ ތަމްސީލު ކުރައްވައި ގިނަ ފޯރަމްތަކެއްގައި ވެސް ބައިވެެރިވެވަޑައިގެންނެވި ޒާހިރަށް ވަނީ ސިންގަޕޫރު ރޯޔަލް އިންސްޓިޓިއުޓް އިން ދޭ ރެކޮގްނިޝަން، ފެލޯ ޖާނަލިސްޓްގެ ޝަރަފު ވެސް ލިބިވަޑައިގެންފައެވެ.