އެޕޯލޯ ހޯލްޑިންގް ޕްރައިވަޓް ލިމިޓެޑުން ހުޅުމާލޭ ފޭސް އެކެއް އަދި ދޭއްގައި އިމާރާތް ކުރާ 1000 ހައުސިން ޔުނިޓްގެ ބިންގާ އަޅައިފިއެވެ.

މި މަޝްރޫއުގެ ދަށުން ހުޅުމާލޭ ފޭސް އެކެއް އަދި ދޭއްގައި އެޅުމަށް ހަމަ ޖެހިފައިވަނީ ކައުންސިލް ހައުސިން ޔުނިޓްގެ 120 ޔުނިޓާއި އެފޯޑަބަލުން ހައުސިން ޔުނިޓްގެ 220 ޔުނިޓާއި މިޑްރޭންޖުގެ 660 ޔުނިޓެވެ.

ކައުންސިލް ޔުނިޓްތަކަކީ 650 އަކަފޫޓުގެ 2 ކޮޓަރީގެ އެޕާޓްމެންޓްތަކާއި 800 އަކަފޫޓުގެ 3 ކޮޓަރީގެ އެޕާޓްމެންޓްތައް ހިމެނޭ ގޮތަށް އިމާރާތް ކުރާ ޔުނިޓްތަކެވެ. އަދި އެފޯޑަބުލް ހައުސިން ޔުނިޓްތަކުގައި 650 އަކަފޫޓުގެ 2 ކޮޓަރީގެ އެޕާޓްމެންޓްތަކާއި 900 އަކަފޫޓުގެ 3 ކޮޓަރީގެ އެޕާޓްމެންޓްތައް އިމާރާތް ކުރާއިރު، މިޑް ރޭންޖުގެ ޔުނިޓްތަކުގެ ތެރޭގައި ހިމެނެނީ 750 އަކަފޫޓުގެ 2 ކޮޓަރީގެ އެޕާޓްމެންޓްތަކާއި 1000 އަކަފޫތުގެ 3 ކޮޓަރީގެ އެޕާޓްމެންޓްތަކެވެ.

މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެޗްޑީސީގެ މެނޭޖިންގް ޑިރެކްޓަރު ސުހައިލް އަހުމަދު ވިދާޅުވީ، މި މަޝްރޫއު އަކީ ދިވެހި އަމިއްލަ ކުންފުންޏަކުން މިހާތަނަށް ހިންގާ އެންމެ ބޮޑު ބިޔަ އެއް މަޝްރޫއުކަން ފާހަގަ ކޮށްލެވޭ ކަމަށާއި މި މަޝްރޫއުގެ ސަބަބުން ބޯހިޔާވަހިކަމަށް ފެންވަރު ރަނގަޅު ހައްލެއް ލިބިގެން ދާނެ ކަމަށެވެ.

ހުޅުމާލޭގައި އިމާރާތް ކުރާ 1000 ހައުސިން ޔުނިޓުގެ ބިންގާ އަޅުއްވައި ދެއްވާފައިވަނީ ރަސްމިއްޔާތުގެ ހައުންސިން މިނިސްޓަރ މުހައްމަދު އަސްލަމެވެ.

މި މަޝްރޫއަކީ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި އެކީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހު ސޮއިކޮށްފައިވާ އެއްބަސްވުމެކެވެ.