އެޕޮއިންޓްމެންޓް ހަމަޖައްސައިގެން ހިދުމަތް ދެވޭ ގޮތަށް ސެލޫންތަކާއި، ބޯކޮށާ ތަންތަން ހުޅުވާލަން ތައްޔާރުވަމުންދާކަމަށް ހެލްތް އެމާޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ން ވިދާޅުވެއްޖެއެވެ.

އެޗްއީއޯސީން މިހެން ވިދާޅުވީ، މިއަދު ހަވީރު ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

އެ ބައްދަލުވުމުގައި އެޗްއީއޯސީގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، ސެލޫން ނުވަތަ ބޯކޮށާ ތަންތަން ހުޅުުވުމަށް އަލުން ގައިޑްލައިނެއް އާއްމު ކުރާނެ ކަމަށެވެ.

އަދި އެގައިޑްލައިން އާއްމު ކުރުމުން ކޮންމެ ތަނަކުންވެސް ސާވިސް ޕްލޭނެއް އެޗްޕީއޭ އަށް ހުށަހަޅަން ޖެހޭނެ ކަމަށާއި، އަދި އެ އޮތޯރިޓީގެ ޓީމެއް އެ ޕްލޭން ބަލާލުމަށްފަހު، އެތަންވެސް އިންސްޕްކެޓްކޮށް ހުއްދަ ދޭނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

"އެޕޮއިންޓްމެންޓް އުސޫލުން ވަކިވަކި ގަޑިތަކަކަށް ވަކި ބަޔަަކަށް ކިޔާ ގޮތަށް އެތަންތަނުން ހިދުމަތް ދެވޭ ގޮތަށް ހުޅުވާލެވޭނެ".

ނަޒްލާ ވިދާޅުވީ، އެތަންތަނުން ހިދުމަތް ދެވޭނީ ކާފިއު ނޫން ގަޑިތަކުގައި ކަމަށެވެ.

"އެހެން ނަމަވެސް މިކަން ކުރިއަށްދާނީ، އަޅުގަނޑުމެންގެ ގައިޑްލައިން އާއްމުވެގެން، އާއްމުވުމާއެކު އެއާ އެއްގޮތަށް ތަންތަނުގެ ސާވިސް ޕްލޭންތައް ހުށަހަޅައި، އިންސްޕެކްޝަންސް ކުރިއަށް ގެންގޮސް، އިންސްޕެކްޝަނުން ފާސްވެގެން"،

ޑރ. ނަޒްލާ ފާހަގަކުރެއްވި ގޮތުގައި، މި މަސައްކަތް ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ކުރިއަށްދާނެއެވެ.

ވަކި ގައިޑްލައިނެއްގެ ދަށުން ސެލޫންތަކާއި ބޯކޮށާ ތަންތަން ހުޅުވުމަށް ނިންމާފައިވާއިރު، ސެލޫންތަކުގެ ވެރިން ދާދި ފަހުން ވަނީ ރައިސޫލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސަލިހާއެކު އޮންލައިން ބައްދަލުވުމެއް ބާއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަހުމަދު

    ތިޔަ ހުއްދަ ބޭނުންވަނީ ބޮޑު މަގުގަ ޑައިރެކްޓް ޑޯ ހުންނަ ތަންތަން. މިހާރު ވެސް ކެފޭ ، ސެލޫން ތަށް ބަރާބަރަށް ޚިދުމަތް ދޭ ؟ ވަލު ދޮރާށިން ވައްދަނީ. އެއީ ވަރަށް ބޮޑު ބޭ އިންސާފެއް. ވަކި ބަޔަކަށް ނަފާ ވާ ގޮތަށް ރާއްޖޭގައި ހެދޭ އުސުލުތަކެއް ކަމަށް ޤަބޫލު ކުރެވޭ.