ބޯކޮށާތަންތަނާއި ސެލޫންތަކުން އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތްވާ ގޮތުގެ މަތިން ޚިދުމަތް ދިނުމަށް ހުއްދަ ހޯދުމަށް އަމަލު ކުރަން ޖެހޭ ގޮތް އާއްމުކޮށްފިއެވެ.

އެޗްޕީއޭ އިން ވިދާޅުވީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލުކުރުމަށް މާލެ ސަރަޙައްދުގައި އެޅިފައިވާ ފިޔަވަޅުތަކަށް 16 ޖޫން 2021 އިން ފެށިގެން ލުއިދިނުމުގެ ފިޔަވަޅުތަކުގެ ތެރޭގައި މާލެ ސަރަޙައްދުގައި ޚިދުމަތްދެމުންދާ ބޯކޮށާ ތަންތަނާއި ސެލޫންތައް އެޕޮއިންޓްމަންޓު އުޞޫލުން ޚިދުމަތްދޭގޮތަށް ހުޅުވައިގެން ޚިދުމަތްދިނުމުގެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށެވެ.

އަދި މިގޮތަށް އެޕޮއިންޓްމަންޓު އުޞޫލުން ޚިދުމަތްދިނުމަށް ބޭނުންވާ ބޯކޮށާތަންތަނާއި ސެލޫންތަކުން މިރޭ އެޗްޕީއޭ އިން އިއުލާން ކުރި މައުލޫމާތު ހިމެނޭގޮތަށް ތަނުގައި އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތްވާގޮތުގެ މަތިން ޚިދުމަތްދިނުމުގައި އަމަލުކުރާނެ ގޮތުގެ އުޞޫލެއް ތައްޔާރު ކުރައްވާ އީމެއިލް ކުރެއްވުމަށް އެޗްޕީއޭ އިން އެދިވަޑައިގެންނެވިއެވެ.

ތަނުގައި މަސައްކަތްކުރުމަށް ކަނޑައަޅާފައިވާ ގަޑިތަކާއި، ކޮވިޑް-19 އިން ރައްކާތެރިވުމަށް ކަނޑައެޅިފައިވާ ގައިޑްލައިންތަކާއި އެއްގޮތްވާގޮތުގެ މަތިން ދުވާލެއްގެ މައްޗަށް ޚިދުމަތް ދެވޭ މީހުންގެ އަދަދު އަދި އެެޕޮއިންޓްމަންޓު ހެދުމަށް ކަނޑައަޅާގޮތް އުސޫލުގައި ބަޔާން ކުރަން ޖެހޭނެ ކަމަށް އެޗްޕީއޭ އިން ވިދާޅުވިއެވެ.

އެމައުލޫމާތުތައް ހިމަނައިގެން ޚިދުމަތް ފެށުމަށް އެދި ހުށަހެޅުމުން ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ އިންސްޕެކްޝަންތަކާބެހޭ ބައިން، ތަންތަނުން ހުށަހަޅާފައިވާ އުޞޫލު ރިވިއުކޮށް ތަން އިންސްޕެކްޝަންކުރާނެއެވެ.

ޚިދުމަތް ފަށަންވާނީ އިންސްޕެކްޝަންއަށް ފަހު ޚިދުމަތް ފެށުމަށް ހުއްދަ ދިނުމުން ކަމަށާއި ހުށަހަޅާ އުޞޫލު ރިވިއުކޮށް އިންސްޕެކްޝަންހަދައި 48 ގަޑިއިރުތެރޭގައި ހުއްދަދިނުމުގެ ކަންތައްތައް ކުރިއަށް ގެންދެވޭނެ ކަމަށް އެޗްޕީއޭ އިން ވިދާޅުވިއެވެ.

މިކަމާ ބެހޭ ގޮތުން މައުލޫމާތު ސާފުކުރުމަށް ނަމްބަރު 7264574 ފޯނާ ގުޅުންވުމަށް އެޗްޕީއޭ އިން އެދެއެވެ. ނަމްބަރަށް ގުޅޭނީ، ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ވެސް ހެދުނު 09:00 ން ހަވީރު 06:00 އަށެވެ.

ކޮވިޑް އާއި ގުޅިގެން އާންމުކޮށްފައިވާ ގައިޑްލައިން ތަކުގެ މައުލޫމާތު ހެލްތު މިނިސްޓްރީގެ ވެބްސައިޓުން ލިބޭނެއެވެ.

ސެލޫންތަކާއި ބޯކޮށާ ތަންތަން ހުޅުވުމުގެ ހުއްދަ މިދިނީ ކޮވިޑް-19 ކޮންޓްރޯލް ކުރަން އެޅި ފިޔަވަޅެއްގެ ގޮތުގައި އެތަންތަން ބަންދު ކުރުމުން އެތައް ބައެއްގެ ވަޒީފާއަށް އަސަރުކޮށް، އެތައް ވިޔަފާރިއެއް ބަނގުރޫޓް ވަމުން ދާތީ އެވިޔަފާރިތައް ކުރާ ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުން އަންނަނިކޮށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސަލި

    މި އެޗްޕީއޭ ކޮވިޑޭ ކިޔާއިގެން ހުރިހާ ކަމެއްގައި ބެހި ބޮޑު ބަލާ ވެރިކަމަކަށްވެއްޖެ !

    2
    1