މިއަދު ރާއްޖެ އިން އިތުރު 224 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިއަދު ކޮވިޑަށް ފައްސިވި މީހުންގެ ތެރެއިން 111 މީހުން ފައްސިވީ މާލެ އިންނެވެ. އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން އިތުުރު 105 މީހުން އަދި ހިންގަމުންދާ ރިސޯޓްތަކުން އިތުރު އަށް މީހުން މިއަދު ކޮވިޑަށް ފައްސިވިއެވެ.

މިއަދު 4644 މީހުން ވަނީ ކޮވިޑަށް ޓެސްޓް ކޮށްފައެވެ. އެހެންކަމުން މިއަދު ކޮވިޑަށް ޓެސްޓް ކުރި މީހުންގެ ތެރެއިން ކޮވިޑަށް ފައްސިވީ %5 މީހުންނެވެ.

މިއަދު ކޮވިޑަށް ފައްސިވި މީހުންގެ އަދަދު ވަނީ އިއްޔެއަށްވުރެ މަދުވެފައެވެ. އިއްޔެ 372 މީހުން ކޮވިޑަށް ފައްސިވިއެވެ.

މިހާރު ރާއްޖޭގައި ކޮވިޑް ޖެހިފައި ތިބީ 8155 މީހުންނެވެ. އޭގެ ތެރެއިން ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން އަންނަނީ 79 މީހުންނަށެވެ.