މިދިޔަ ހަފްތާގެ ބަންދުގައި ސަލާމަތީ ބާރުތަކާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސް ގުޅިގެން ޖަލުގައި ހަރުކަށި ފިކުރާ ދެކޮޅަށް ހިންގި އޮޕަރޭޝަނުގައި އިސްލާމިކް ސްޓޭޓް (އައިއެސް) އިން އަމީރުކަމުގެ މަގާމަށް އައްޔަންކޮށްފައިވާ މުހައްމަދު އަމީންއަށް ހަނގާ ކުރި ކަމަަށް ބުނާ ތުހުމަތުތަކެއް ފުލުހުންނަށް އަމާޒުވެއްޖެއެވެ.

އަމީންގެ ވަކީލް އަހުމަދު ޔާމީން "ވަގުތު" އަށް ވިދާޅުވީ އެ އޮޕަރޭޝަންގެ ތެރެއިން އަމީންގެ ޖަލު ގޮޅިއަށް ވަދެ، ފުލުހުން އޭނާއަށް ހަނގާ ކުރި ކަމަށެވެ. އެގޮތުން އޭނާ ބޯން ގެންގުޅުނު ކިރުފުޅިވެސް ނިދާ ތަނަށް އޮއްސާލި ކަމަށާއި، އެކިވަރުގެ ފުރައްސާރަ ކުރިކަން ވަކީލް ވިދާޅުވިއެވެ.

ވަކީލް ވިދާޅުވި ގޮތުން އަމީންގެ އަޅުކަމަށް ވެސް ފުލުހުން ހުރަސް އަޅާފައިވެއެވެ. އެގޮތުން އޭނާ ކިޔަވަން ގެންގުޅުނު މުސްހަފާއި، އަންމާ ފޮތްވެސް ގެންދިޔަ ކަމަށް ވިދާޅުވިއެވެ. އަދި އޭނާ ފަތިސް ނަމާދަށް ހޭލަން ގެންގުޅޭ އެލާމް ގަޑީގެ ބައިތައްވެސް ފުލުހުން ގެންދިއުމުން ވަކީލް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.

އަމީންއަކީ އެލާމް ގަޑީގެ ބައިތައް ބޭނުން ކޮށްގެން ބޮން އުފެއްދުމުގެ ގާބިލްކަން ހުރި ގައިދީއެއް ކަމުގައި ފުލުހުން ގަބޫލުކުރެއެވެ. ފުލުހުން އަމީންއަށް "ހަނގާ" ކުރި ކަމަށް ބުނާ މައްސަލާގައި އަދި އެ އިދާރާގެ ރަސްމީ ބަހެއް ލިބިފައެއް ނުވެއެވެ.

ވަކީލު ވިދާޅުވީ، އަމީންގެ ފަރާތުން މިހާތަނަށް އެއްވެސް ކަހަލަ ގޯސް ކަމެއް ޖަލުގައި ކޮށްގެން އެ ކަމެއް ބަލާފައި ނުވާ ކަމަށެވެ. އެހެންކަމުން އޭނާ ބަންދުން ދޫކޮށްލަން ޖެހޭ ކަމުގައި ވިދާޅުވެއެވެ.

ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާ އުފުލާފައިވާ އަމީން ހުރީ ޝަރިއްޔަތް ނިމެންދެން ބަންދުގައެވެ. ޝަރީއަތް ނިމެންދެން ބަންދު ކުރި އަމުރު މުރާޖައާ ކުރުމަށް އިއްޔަ ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލު ނިންމެވީ އަމީން ބަންދުކުރަން އަމުރު ނެރުނު އިރު އޮތް ހާލަތު އަދިވެސް ދެމިއޮތް ކަމަށެވެ. އަދި އޭނާގެ ޝަރީއަތް ނިމެންދެން ބަންދު ދެމެހެއްޓުމަށެވެ.

ބޭސް ފަރުވާ ފޯރުކޮށް ނުދޭތީ އަދި ކަސްރަތުކުރަން ނުނެރޭތީ މީގެ ކުރިން ގާޒީ ޝަކީލު ވަނީ އަމީން ދޫކޮށްލަން އަމުރުކުރައްވައިފައެވެ. ނަމަވެސް، އެ ނިންމުން ފަހުން ހައި ކޯޓުން ބާތިލުކޮށް އޭނާ ބަންދު ކުރިއެވެ. ހައިކޯޓުގެ އެ ނިންމުން އަމީންގެ ވަކީލް ވަނީ ފަނޑިޔާރުންގެ މަޖިލީހަށް ހުށަހަޅުއްވައިފައެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް މެއި ހަ ވަނަ ދުވަހު ނިރުބަވެރި ހަމަލާއެއް އަމާޒުވުމާ ގުޅިގެން ފުލުހުން އަންނަނީ ނިރުބަވެރި ކަމާ ދެކޮޅަށް ރާއްޖޭގެ އެކިކަންކޮޅުތަކުގައި އޮޕަރޭޝަންތައް ހިންގަމުންނެވެ. މި އޮޕަރޭޝަންގައި ހަރުކަށި ވިސްނުމަށް ތާއީދު ކުރާ ބައެއް މީހުން ހައްޔަރުކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. މޯ

    ކަސްރަތުކުރަން ކޮން ބައެއްތަ ނެރެނީ. އަހަރެމެން މިނިވަނުންނަށް ވެސް ކަސްރަތުކުރުން މަނާކޮށްފަ މައިމޫނާއްތަ އޮތީ.. ދެން ކަލޭ ކޮން މައްސަލަ ހުންނަނީމާ އަހަރެން ނޭގެނީ.

    11
    5
  2. ކޮއިފުޅު

    އަބަދުވެސް ޖަލުގޮޅީބާއްވަން ޖެހޭމީހެށްތީ

    3
    1
  3. އޭކޭ

    އަބަދުވެސް ޖަލުގޮޅީބާއްވަން ޖެހޭމީހެށްތީ

    3
    1
  4. ސަނީ

    މަޢުމޫނު ދުވަސްވަރު، ޝޭހިންނައް ތިހެން އަނިޔާކުރިކަމަށް ބުނި މީހުން މިހާރު ވެރިކަމުގައި ތިބީ. އޭރައްވުރެން މިހާރު ތިކަން ބޮޑު. ކޮންމެ މީހަކުވެސް އެ މަގާމެއްގެ ގޮނޑީގައި އިށީނީމަ އިނގޭނީ ގޮނޑީގެ ހޫނުކަން

  5. އަލްޖިބްރާ

    ދެން ކޮބަޔޯ މަ އްސަލަ އަކީ؟ އޭނަ ކަސްރަތު ކޮށްގެންތަ އެހާ ފަލަވެފަ އެހުންނަނީ

  6. އައިސިސްގެ އަމީރޯ ކެކެކެ

    ތިމީހާގެ ވަކީލްވެސް ހައްޔަރު ކުރަންޖެހޭނެ.. ޓެރަރިސްޓަކު ސަލާމަތްކޮއްދޭން މަސައްކަތްކުރުމުގެ އައުވާ ކުރަންޖެހޭނެ.. އަމީރުކަން ކުރޭ ތިދެމީހުންޖަލިގައި ތިބެގެން..

  7. އަލީ އަހުމަދު

    މި ގަވްމަށް ހުރި ބޮޑު ބިރެއް ތީ، ނުނެރޭތި، ކަލޭ ކޮން ނަމާދެއް ތިކުރަނީ، އެއްވެސް ކުށެއް، ޖެހިލުމެއްނެތި މީހުން މަރަމުން، މީހުންގެ ފުރާނަ ހުއްދަކުރަމުން، މީހުންގެ މުދަލަށް، ޖާނަށް ގެއްލުންދެމުން ތިދުވަނީ، އެއީ އިސްލާމްދީނުގައި ކަލެއަށް އަންގަވާފައިވާގޮތްތަ؟؟