އާންމު ތަނެއްގައި މުސްލިމަކު ކާފަރު ކުރުމުގެ ތުހުމަތު ކުރުމަކީ ޖިނާއީ ކުށެއް ގޮތަށް ކަނޑައަޅާ ގޮތަށް ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލަށް ތާއީދު ނުކުރައްވާ ކަން ފުވައްމުލައް ސިޓީގެ މޭޔަރު އިސްމާއީލް ރަފީގް (އިއްސެ) ހާމަކުރައްވައިފިއެވެ.
އެމްޑީޕީއަށް ނިސްބަތްވާ ފުވައްމުލައް މޭޔަރު މި ބިލަށް ތާއީދު ނުކުރައްވާ ކަން ހާމަ ކުރައްވާފައިމިވަނީ، އިއްޔެ އެ ބިލު ބަލައިގަންނަން ނެގި ވޯޓުގައި ބިލާ ދެކޮޅަށް އެ ސިޓީގެ ދާއިރާތައް ތަމްސީލް ކުރައްވާ ތިން މެންބަރުން ވެސް ވޯޓު ދެއްވާފައިވަނިކޮށެވެ.
ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި އެ ސިޓީގެ ތިން މެންބަރުންނަކީ ވެސް އެމްޑީޕީގެ މެންބަރުންނެވެ. އެއީ ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދާއި، ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ދީދީ، އަދި ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު މުހައްމަދު މުމްތާޒެވެ.
މިކަމާ ގުޅިގެން ފުވައްމުލަކު މޭޔަރު އިއްސެ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އެ ބިލާ ދެކޮޅަށް ފުވައްމުލަކުގެ ތިން މެންބަރުން ވޯޓު ދެއްވީތީ ޝުކުރު އަދާ ކުރައްވައިފައެވެ.
އިއްސެ ވިދާޅުވީ އެ ބިލްގެ ބައެއް މާއްދާތައް އިބާރާތް ކޮށްފައި ހުރި ގޮތުން ގާނޫނުއަސާސީގައި ކަށަވަރުކޮށްދީފައިވާ ޚިޔާލު ފާޅު ކުރުމުގެ ހައްގަށް ހުރަސް އެޅޭ ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.
"ޚިޔާލު ފާޅު ކުރުން ހަނިކޮށްގެން ވެސް، އަދި އެ ނޫން ގޮތަކަށް ވެސް، ދީނީ ޝިއާރު ފާޅު ކުރުމަށް ނުވަތަ ދީނާ ދެކޮޅު ފަރާތްތަކާ ދެކޮޅަށް ބަސް ބުނުމަށް ހުރަސް އެޅޭ އެއްވެސް ގާނޫނެއް ނުވަތަ ގަވާއިދެއް ހެދިގެން ނުވާނެ،" އިއްސެ ވިދާޅުވިއެވެ.
އެމްޑީޕީގެ މެންބަރުންގެ ތެރެއިން މި ބިލާ ދެކޮޅަށް ވޯޓު ދެއްވީ ފުވައްމުލައް ސިޓީގެ ތިން މެންބަރުންގެ އިތުރުން ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފެވެ.
ސަރުކާރުގެ ފަރާތުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް އަދި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށަހެޅުއްވި އެ ބިލަކީ "ލާދީނިއްޔަތު" ފެތުރޭ ގޮތަށް އޮތް ބިލެއް ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ފާޑުކިޔައި ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
އަމާޒުވާ ފާޑުކިއުންތަކަށް ރައްދު ދެއްވަމުން ހިސާން ވިދާޅުވީ އެ ބިލު ފަރުމާ ކޮށްފައި ވަނީ އިސްލާމީ ޝަރީއަތަށާއި އިސްލާމީ އިމާމުންގެ އިރުޝާދުތަކަށް ރިއާޔަތްކޮށްގެނެވެ. އެކަމަކު ހަގީގަތް އޮޅުވާލަން ބަޔަކު މަސައްކަތް ކުރާ ކަމަށް ހިސާން ވިދާޅުވިއެވެ.
އަދި އެ ބިލުން ދީނީ ނަސޭހަތް ދިނުމާއި ދަރުސް ދިނުމަށް އެއްވެސް ވަރަކަށް ހުރަސް އެޅިގެން ނުދާނެ ކަމަށް ހިސާން ވިދާޅުވެފައިވެއެވެ. އެ ބިލަކީ ނަފްރަތު އުފެއްދުން ހުއްޓުވައި ހަރުކަށި ފިކުރު ފެތުރުން ހުއްޓުވަން ކުރާ މަސައްކަތުގެ ބައެއް ކަމަށް ހިސާން ވިދާޅުވެއެވެ.
މި ބިލް ބަލައިގަންނަން ފާސްކުރުމުން އެ ބިލް ދިރާސާކުރަން ޖުޑިޝަރީ ކޮމިޓީއަށް ވަނީ ފޮނުވައިފައެވެ. އަދި ބިލު ދިރާސާ ކުރުމުގެ މަސައްކަތް ވަނީ ރޭ ފަށައިފައެވެ.
ފާޑުކިއުންތައް އަމާޒުވެފައިވަނިކޮށް ސަރުކާރުން ވަނީ އިސްލާމް ދީނަށް ފުރައްސާރަ ކުރުމުގެ ކުށް ތަފްސީލްކޮށް ބަޔާން ކުރާ ބިލެއް ވެސް ތައްޔާރުކޮށްފައެވެ. އެ ބިލު ހުށަހެޅުއްވީ ވެސް ހިސާނެވެ. އިއްޔެގެ ޖަލްސާގައި އެ ބިލުގެ ފުރަތަމަ ކިއުން އިއްވާފައިވެއެވެ.
ކޮބާ އައްޑޫގެ މޭޔަރު! ނުކެރޭނެ ބަޔަނެއްނެރެން! މިހާރު އެހުރީ ވީޓް ނުދިން މައްސަލާގައި ވަރަށްބޮޑަށް ބާކީވެފައި!
ބަލަ އައްޑޫ މޭޔަރގެ ނަން އެއްކަލަ މމޕރސ ލިސްޓާއި ތެބޮއޮތޭ. ނަގޫ ފިތިފެއި ހިށީ.
ކޮންމެ ކުލައެއްގަ ތިއްބަސް ފުވައްމުލަކު ރައްޔިތުންނަކީ ދީނަށް ހުރުމަތްތެރިކޮށް ހިތާ ދީނަށް ލޯބިކުރާ ބައެއް. ސިޔާސީގޮތުން އެކި ކުލަތަކަށް ބެހިގެން ދިއަޔަސް ދީނީގޮތުން ފުވައްމުލަކު ރައްޔިތުން ބައިބައި ނުކުރެވޭނެ.
މޭންއެއް
ބަރާބަރު.
ތި ހަތަރު މެމްބަރުންނާއި މޭޔަރުގެ ނަން ދިވެހި ތާރިީހްގައި ލިޔެވޭނެ.
އަހަރެމެނައް އެގޭ އިއްސޭ އިސްކުރާ ނީ ދީނާ ގައުމު ކަން.
ސާބަހޭ މޭޔަރ އަދި 03 މެމްބަރުން.
ތައުލީމީ ގާބިލް މީހުން ތަންތަނަނށް އިސްކުރީމާ ތަފާތު ފެންނާނެ.
ތޭންކްސް އިއްސެ