ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް އޮންލައިންކޮށް ބާއްވަމުންދާ އިރު ވީޑިއޯ ނުޖައްސައި ބައެއް މެންބަރުން ވާހާކަ ދައްކަވާތީ މަޖިލީހުގެ އެހެން ބައެއް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގެ އެޖެންޑާގައި އޮތީ، ލޯކަލް ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލް އައްޔަން ކުރުމުގައި ކައުންސިލްތަކުގެ ލަފާ ހޯދަން ނުޖެހޭ ގޮތަށް ސިވިލް ސާވިސްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސްގެ މަރުހަލާއެވެ.

އެމްޑީޕީގެ މަދު މެންބަރުންތަކެއްގެ ތާއީދާއެކު މި ބިލު ހުށަހެޅުއްވީ ގެމަނަފުށީ ދާއިރާގެ އެމްޑީޕީގެ މެންބަރު އަހްމަދު ސައީދެވެ. އެކަމަކު އެމްޑީޕީގެ ގިނަ މެންބަރުންނާއި ސަރުކާރު ވެސް އެ ބިލާ ދެކޮޅެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބިލަށް ބަހުސް ކުރައްވަމުން ބައެއް މެންބަރުން ވާހަކަ ދެއްކެވީ ވީޑިއޯ ނުޖައްސަވައެވެ. ވީޑިއޯ ޖެއްސެވުމުން އިންޓަނެޓް ލަސްވާތީ ބައެއް މެންބަރުން އެ ގޮތަށް މީގެ ކުރިން ވެސް ވާހަކަ ދައްކަވާފައިވެއެވެ.

އެކަމަކު މިއަދުގެ ޖަލްސާގައި ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވީޑިއޯ ނުޖައްސަވާ ވާހަކަ ދައްކަވަނިކޮށް ކެލާ ދާއިރާގެ އެމްޑީޕީގެ މެންބަރު އިބްރާހީމް ޝަރީފް ނިޒާމީ ނުކުތާއެއް ނަންގަވައިގެން އެ ކަން ފާހަގަކުރެއްވިއެވެ.

މި ގޮތުން ކެލާ ޝަރީފް ވިދާޅުވީ، އޮންލައިން ޖަލްސާތަކުގައި ބަހުސް ކުރައްވާއިރު މެންބަރުން ވީޑިއޯ ޖައްސަވަން އެއްބަސްވެވަޑައިގެންފައިވާ ކަމަށެވެ. އެހެންވެ އެ ގޮތަށް ގެންދަން މެންބަރުންނަށް އަންގަވަން ރިޔާސަތުގެ އަރިހުން ޝަރީފް އެދިވަޑައިގެންނެވިއެވެ.

އެކަމަކު ރިޔާސަތުގައި އިންނެވި، ވިލުފުށި ދާއިރާގެ އެމްޑީޕީގެ މެންބަރު ހަސަން އަފީފް ވިދާޅުވީ، ބައެއް މެންބަރުންނަށް ވީޑިއޯ ޖައްސަވައިގެން ވާހަކަ ގެންދަވަން ދަތިވެދާނެތީ އެ ގޮތަށް ގެންދަވަން ފުރުސަތު ދެއްވާނެ ކަމަށެވެ.

ފަހުން ބާރަށު ދާއިރާގެ އެމްޑީޕީގެ މެންބަރު އަހްމަދު އަބްދުﷲ ވެސް މި ކަން ނިޒާމީ ނުކުތާއެއް މެދުވެރިކޮށް ފާހަގަކުރެއްވިއެވެ. އަހްމަދު އަބްދުﷲ ވިދާޅުވީ ވީޑިއޯ ނުޖައްސަވާތީ، ވާހަކަ ދައްކަވަނީ ވެސް މެންބަރު ކަން އެނގެން ނޯންނާނެ ކަމަށާއި ހަމައެކަނި އަޑަކުން އެ ކަން ޔަގީން ނުކުރެވޭނެ ކަމަށެވެ.

ރިޔާސަތުގައި އިންނެވި މެންބަރު އަފީފް ދެން ވިދާޅުވީ އޯޑިއޯ އެކަނި ޖައްސަވައިގެން ވާހަކަ ދެއްކެވިޔަސް އެއީ އެ މެންބަރުގެ އަޑުކަން އޭނާއަށް ޔަގީން ކުރެވޭ ކަމަށެވެ. އެހެންކަމުން އޯޑިއޯ އެކަނި ޖައްސަވައިގެން ވާހަކަ ދައްކަވަން ފުރުސަތު ދެއްވަން ރިޔާސަތުން ނިންމެވިއެވެ.

އޮންލައިންކޮށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ގެންދާއިރު ކުރިން ވެސް ދިމާވި އެންމެ ބޮޑު ދަތި ކަމަކީ އިންޓަނެޓް ލަސް ވުމުން ވީޑިއޯ ޖައްސަވައިގެން ވާހަކަ ދެއްކެވުމެވެ.

ރާއްޖޭން އެންމެ ފުރަތަމަ ކޮވިޑް-19 ފެނިގެން މާލޭގައި 24 ގަޑިއިރު ކާފިއު ހިންގައި މުޅި ރާއްޖެ ފުރަބަންދު ކުރުމުން މަޖިލީހުގެ ޖަލްސާތައް އޮންލައިންކޮށް ބޭއްވިއެވެ. ދުނިޔޭގައި ވެސް އެންމެ ފުރަތަމަ އޮންލައިންކޮށް ގާނޫނު ހަދާ މަޖިލީހުގެ ޖަލްސާއެއް ބޭއްވީ ރާއްޖޭގައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ހައްލު

    ވީޑި އޯ ޖެ އްސީމަ ފެންނާނެ.

  2. ނުލިބޭ ތިއެއް

    ( ދުނިޔޭގައި ވެސް އެންމެ ފުރަތަމަ އޮންލައިންކޮށް ގާނޫނު ހަދާ މަޖިލީހުގެ ޖަލްސާއެއް ބޭއްވީ ރާއްޖޭގައެވެ) އެހެންތާވާނީ އެހެންމީހުން ނޫޅޭވިއްޔާ ހޭބަލިވެގެންނެއް.

  3. ނުޖެއްސޭނެ

    ބައެއް ފަހަރު ބަހުސް ހިނގާ ގަޑީގަ ފާޚާނާއަށްވެސް ވަންނަންޖެހިދާނެ. ކިހިނެތް ވީޑިއޯ ޖައްސާނީ ކިތަންމެ ވަރަކަށް ބުންޏަސް.

  4. ކޮވިޑް

    ވީޑިއޯ ޖައްސަން ވާނެ ބެކްރައުންޑުގަ ވާނެ ލާދީނީ އެމްޑީޕީ ސަރުކާރު އިސްތިއުފާ، ފުރީ ރައީސް ޔާމީން ނައު ޖަހާފަ ހުރި ޕޯސްޓަރ ބަހައްޓަން އޭރަށް ކެލާ ނާޅި ނިޒާމީ ނުކުތާ ނަގާނެ ލާހިކު ކުޅަދާނަ ނުވާނެ އެ ވީޑިއޯ ބަލަންތިބެން އެމްޑީޕީ ލާދީނީ ބައިގަނޑަށް.

  5. ފިލި

    އެހެންނޫނަސް ވީޑިއޯ ކޯލްއަށް ފަރިތަވާނީ ރައީސް އޮފީސްގެ މިނިސްޓަރ ކަން ކުރާ މީހުނަށް .