ޖިންސީ ގޯނާގެ ބޮޑެތި ދައުވާތަކެއް އުފުލާފައި ވަނިކޮށް ކްރިމިނަލް ކޯޓުން ފާސްޕޯޓް ދޫކޮށްލުމުން ރާއްޖެ ދޫކޮށް ފުރާވަޑައިގެންނެވި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޝަރީއަތުގެ އަޑު އެހުމެއް ހޯމަ ދުވަހަށް ތާވަލުކޮށްފިއެވެ.

ރާއްޖޭން ބޭރަށް އަލީ ވަހީދު ފުރުމުގެ ހުއްދަ ކްރިމިނަލް ކޯޓުން ދިނީ އެ ކަމުގައި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑޭ) ޒިންމާވާ ގޮތަށް ޖާމިނުވާ އެއްބަސްވުމެއް ހުށަހަޅައިގެންނެވެ.

އެ މުއްދަތު ހަމަވެގެން، އަލީ ވަހީދުގެ ޝަރީއަތުގެ އަޑުއެހުމެއް މި މަހުގެ ދިހަ ވަނަ ދުވަހަށްވެސް ތާވަލުކުރިއެވެ. އެކަމަކު އަޑު އެހުން ކެންސަލް ކުރިއެވެ.

އަލީ ވަހީދު ކޯޓުގައި އެދިވަޑައިގެންފައިވަނީ ވީޑިއޯ ކޯލް މެދުވެރިކޮށް އޮންލައިންކޮށް އޭނާގެ ޝަރީއަތް ކުރިއަށް ގެންގޮސް ދިނުމަށެވެ. ސިއްހީ ހާލަތާ ގުޅުން ހުރި ލިޔެކިއުންތަކާއެކު އޭނާ ވަނީ ކްރިމިނަލް ކޯޓަށް ސިޓީއެއް ފޮނުއްވައިފައެވެ.

އޮންލައިންކޮށް ޝަރީއަތް ކުރިއަށް ގެންދިޔުމަށް ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އިން ދެކޮޅެެވެ. ޕީޖީގެ އޮފީހުން ވިދާޅުވެފައިވަނީ، ރާއްޖޭގެ އިހްތިސާސް ނުހިންގާ ތަނެއްގައި ހުރި މީހަކުގެ ޝަރީއަތް އޮންލައިންކޮށް ނުހިންގޭނޭ ކަމަށެވެ. އެއީ މިހާތަނަށް ޖިނާއީ މައްސަލައެއްގައި ރާއްޖޭގައި ކޮށްފައިވާ ކަމެއް ވެސް ނޫނެވެ.

ކްރިމިނަލް ކޯޓުގެ އޮފިޝަލަކު ވަނީ، އަލީ ވަހީދުގެ ޝަރީއަތުގެ އަޑު އެހުމެއް ހޯމަ ދުވަހަށް ތާވަލުކޮށްފައިވާކަން "ވަގުތު" އަށް ޔަގީން ކޮށްދީފައެވެ. އޭނާ ވިދާޅުވީ، ޝަރީއަތުގެ އަޑު އެހުން ކުރިއަށް ގެންދާނެ ގޮތާ މެދު ކޯޓުން ފޮރިން މިނިސްޓްރީއާ ވާހަކަ ދައްކަމުންދާ ކަމަށެވެ.

އަލީ ވަހީދު ކްރިމިނަލް ކޯޓާ މުއާމަލާތް ކުރަމުން އަންނާތީވެ އޭނާއާ ގުޅޭނެ ގޮތެއް ހަމަޖައްސައި ދިނުމަށް އެދި ޕީޖީން ވަނީ ކްރިމިނަލް ކޯޓަށް ސިޓީއެއްވެސް ފޮނުވައިފައެވެ.

ޕީޖީން ފޮނުވި ސިޓީއަށް ކްރިމިނަލް ކޯޓުން އަދި މިހާތަނަށް ޖަވާބެއް ދީފައެއް ނުވެއެވެ.

އަލީ ވަހީދުގެ މައްސަލަ ބައްލަވަމުން ގެންދަވަނީ ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދެވެ. އަލީ ވަހީދު މުއާމަލާތް ކުރައްވަމުން ގެންދަވަނީ މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދާއެވެ. އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލަން އަމުރު ނެރުމުން އެ ގާޒީގެ މައްސަލަ ޖޭއެސްސީއިން ވެސް ދަނީ ބަލަމުންނެވެ.

އަލީ ވަހީދު މި ވަގުތު ހުންނެވި ގައުމެއް ޔަގީނެއް ނޫނެވެ. އެންމެ ފަހުން މައުލޫމާތުތައް ލިބުނު ގޮތުން ނަމަ، އޭނާ ތުރުކީއަށް ވަޑައިގަތެވެ.

އަލީ ވަހީދުގެ މައްޗަށް ސީރިއަސް ތުހުމަތުތަކެއް ކުރެވި ދައުވާތައް އުފުލާފައިވަނިކޮށް ރާއްޖޭން ބޭރަށް ފުރާވަޑައިގަންނަވަން ފުރުސަތު ދެއްވުމުން އާންމުންގެ ގިނަ ބަޔެއްގެ ފާޑުކިއުންތައް ވަނީ ޝަރުއީ ނިޒާމަށާއި ސަރުކާރަށާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ވެސް އަމާޒުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ވާނުވާ

    ތިމައްސަލަބެލޭނެބާ

    2
    2
    • ވާގޮތް

      ފްރޭމްވެސް ކުރީނުން ދެން އެކަންވެސް ކުރާނެއްނު

  2. އަސްލު

    ފްރޭމްކުރުމާއި އަނިޔާ ކުރުން ހުއްޓާލާ

  3. ޒީ

    އެމް.އެމް.ޕީ.އާރް.ސީ ދިފާއީވަކީލް މީނާ ފްރޭމްކޮށް ޒަމާން ދުއްވާލަން ހާދަ ވަރަކަށް އެބައުޅޭއޭ ދޯ

  4. ފަރްހާދު

    އަބުރު ކަތިލާ ފްރޭމްކުރާމީހުންނަށް އެއްޗެއް ހީވެސްނުވޭ އެހެންމީހުންނަށް އަނިޔާ ދިނުމުގަ އުޅޭއިރު

  5. އަނިލް

    ޖިންސީ ގޯނާ ކިޔާފަ ފަހަތައް އަންނަ ުރިހާ ދަެުވާއެއް އައްޔަ މައްޗަ އުފުލި ހިސާބުން މިއީ ބޮޑު ފްރޭމެއްކަން ޔަގީންވޭ