ޅ. ނައިފަރު ކައުންސިލްގެ އެމްޑީޕީ މެމްބަރާއި އެކު އެރަށު ހުރިހާ ކައުންސިލަރުން ސަރުކާރުގެ ފަރާތުން ތުޅާދޫ މެންބަރު ހިސާން ހުސެއިން ހުށަހަޅުއްްވާފައިވާ ނަފްރަތު ބިލާއި ދެކޮޅުކަން ހާމަކުރައްވައިފިއެވެ.

އާންމު ތަނެއްގައި މުސްލިމަކު ކާފަރު ކުރުމުގެ ތުހުމަތު ކުރުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅާ ގޮތަށް ގާނޫނުލް އުގޫބާތު އިސްލާހު ގެނައުމުގެ ބިލު އިއްޔަ ވަނީ މަޖިލީހަށް ބަލައިގަނެފައެވެ. އަދި އެ ބިލް ދިރާސާ ކުރުމަށް ޖުޑިޝަރީ ކޮމިޓީއަށް ފޮނުވާފައިވެއެވެ.

މި ބިލު ފަރުމާ ކޮށްފައިވަނީ އިސްލާމު ދީނުގެ އަސާސްތަކުގެ މައްޗަށް ލާދީނިއްޔަތުގެ ބާރު ގަދަވާނެ ގޮތަށް ކަމަށް ނައިފަރު ކައުންސިލަރުން ސޮއިކޮށްފައި ނެރުނު ބަޔާނެއްގައިވެއެވެ. އަދި މި ބިލާއި އެކު ގާނޫނީ ފަންނުވެރިންގެ މަސައްކަތްތައް ހީނަރުވެގެން ދާނެ ކަމަށް އެ ކައުންސިލްގެ މެމްބަރުން ދެކެއެވެ.

މި ބަޔާނުގައި ވަނީ އެ ބިލުގައި ކަންބޮޑުވާ އެތައް ކަމެއް ހުރިކަން ފާހަގަކޮށް، ބިލު އަނބުރާ ގެންދިއުމަށް ގޮވާލާފައެވެ.

ނައިފަރު ކައުންސިލްގެ އިތުރުންވެސް ގިނަ ރަށްތަކުގެ ކައުންސިލްތަކުން ވަނީ މި ބިލާއި ދެކޮޅަށް އަޑު އުފުލާފައިވެއެވެ.

މި ބިލުގެ ފުރަތަމަ ކިޔުން މެއި 31 ވަނަ ދުވަހު އިއްވާފައިވާއިރު އިއްޔަ ވަނީ އެ ބިލުގެ ތަފްސީލު ހުށަހަޅާ، ވޯޓަށް އަހާފައެވެ. ބިލު ބަލައިގަންނަން ފާސްކުރީ 38 މެންބަރުންގެ ވޯޓުންނެވެ. ނުފެންނަ ކަމަށް 17 މެންބަރަކު ވޯޓު ދެއްވިއެވެ. އޭގެ ތެރޭގައި އެމްޑީޕީގެ 4 މެމްބަރަކު ހިމެނެއެވެ.

އެ ބިލަކީ "ލާދީނިއްޔަތު" ފެތުރުމުގެ ޖާގަ ލިބޭ ގޮތަށް ފަރުމާކޮށްފައިވާ ބިލެއްގެ ގޮތުގައި ސިފަކޮށް ގިނަ ބައެއްގެ ކަންބޮޑުވުމާއި ފާޑުކިއުންތައް މި ބިލަށް އަމާޒުވެގެން ދިޔައެވެ.

ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީން ވެސް މި ބިލާ ދެކޮޅަށް ބަޔާނެއް ނެރުނެވެ. އެމްޑީޕީގެ މަދު މެންބަރުންތަކެއް ވެސް ބިލަށް ތާއީދު ނުކުރައްވާ ކަން ވަނީ ހާމަކުރައްވައިފައެވެ.

ނަމަވެސް ބިލަށް އިސްލާހެއް ގެނައުމުގެ ވިސްނުން ގެންގުޅޭކަން ސަރުކާރުން އަދި ހާމައެއް ނުކުރެއެވެ. މި ބިލަށް އަމާޒުވާ ފާޑުކިއުންތަކަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެސް ރައްދު ދެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ ސަރުކާރުން އެ ބިލު ހުށަހެޅީ ވަކި ބަޔެއްގެ ޚިޔާލަށް ހުރަސް އަޅަން ނޫން ކަމަށެވެ.

މި ބިލަށް ފާޑުކިއުން އަމާޒުވެފައިވަނިކޮށް އިސްލާމް ދީނަށް ފުރައްސާރަ ކުރުމުގެ ޖިނާއީ ކުށް ތަފްސީލްކޮށް އިތުރު ބިލެއް ވެސް ހުށަހަޅާފައިވެއެވެ. އެ ބިލު ވެސް ހުށަހެޅުއްވީ ހިސާނެވެ.