ކުރީގެ ސަރުކާރުގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބިން ހިއްކައި އެ ބިމުގައި އަޅާފައިވާ ހިޔާ ފްލެޓްތަކުގެ މަހު ކުއްޔަށް ދައްކަން ޖެހޭ ކުލި އަގު ހިސާބު ކުރެވުނު ގޮތުގެ ތަފްސީލްތައް ހައުސިން މިނިސްޓްރީން މާލެ ސިޓީ ކައުންސިލާ ހިއްސާކޮށްފިއެވެ.

އެޗްޑީސީން ވިދާޅުވެފައިވާ ގޮތުގައި ހިޔާ ފްލެޓްތަކުގެ ކުއްޔަކީ މަހަކު 7,500 ރުފިޔާއެވެ. އަދި ފުލެޓުގެ މެނޭޖްމެންޓު ފީގެ ގޮތުގައި ކޮންމެ މަހަކު 1,000 ރުފިޔާ ނަގާނެއެވެ. އެހެންވިޔަސް ކުރީގެ ސަރުކާރުގައި އެ އަގު ކަނޑައަޅާފައިވަނީ ޖުމުލަ 6،600 ރުފިޔާއަށް ކަމަށް އެ ސަރުކާރުގެ ބޭފުޅުން ވިދާޅުވަމުންދެއެވެ.

ހިޔާ ފްލެޓްގެ އަގާ ގުޅޭ ގޮތުން އެޗްޑީސީއާއި، ހައުސިން މިނިސްޓްރީއާއި، މާލެ ސިޓީ ކައުންސިލުން ވަނީ ބައްދަލުކޮށް މަޝްވަރާ ކޮށްފައެވެ.

އެ މަޝްވަރާތަކަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމާއި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވެސް ވިދާޅުވީ، މި ސަރުކާރުގައި އަގު ހިސާބު ކުރެވުނު ގޮތުގެ ތަފްސީލްތައް ސިޓީ ކައުންސިލާ ޚިއްސާ ކުރައްވާފައިވާ ކަމަށެވެ.

ކުރީގެ ސަރުކާރުގައި ކުޑަ އަގެއް ކަނޑައެޅިއިރު ހައުސިން މިނިސްޓަރުގެ މަގާމުގައި ވެސް ހުންނެވި މުއިއްޒު ވިދާޅުވީ އެ އަގު 5،500 ރުފިޔާއަށް ކުޑަކޮށްދޭން ސަރުކާރުގައި އެދިވަޑައިގަތީ މާލޭގެ ރައްޔިތުންގެ ވަރަށް ބޮޑު އެދުމަކަށް ވާތީ ކަމަށެވެ.

"އަޅުގަނޑުމެން އެދުނީ އެޗްޑީސީން މިހާރު ހަދާފައި ހުރި ހިސާބުނެ ތަފްސީލުތައް އަޅުގަނޑުމެން ހަވާލުކޮށްދެއްވުމަށް. އަޅުގަނޑުމެން ބޭނުމީ އެ އަގު ކަށަވަރު ކުރަން." މުއިއްޒު ވިދާޅުވިއެވެ.

ހައުސިން މިނިސްޓްރީއާއި މާލެ ސިޓީ ކައުންސިލާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން - ފޮޓޯ: ހައުސިން މިނިސްޓްރީ

ރަނގަޅު ހިސާބެއް ޖަހަން ޖެހޭނީ: މިނިސްޓަރު އަސްލަމް

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ، ޔުނިޓެއްގެ އަގު ކަނޑައަޅާފައިވަނީ ކޮންސްޓްރަކްޝަނަށް ދިޔަ އަގާއި ކޮންސްޓްރަކްޝަން ޕީރިއަޑަށް ދިޔަ އަގަށް ބަލައިގެން ކަމަށެވެ.

އަގު ކަނޑައެޅުމުގައި ބިމުގެ އަގާއި، އެހެން ސާވީސްތަކަށް ކަނޑައެޅި އަގުތައް ހިމަނާފައިނުވާނެ ކަމަށެވެ. މިހާރު ކަނޑައަޅާފައިވާ 7،500 ރުފިޔާއަކީ ނެގެން އޮތް އެންމެ ކުޑަ ކަމާއި އެ އަގުގައި ވެސް މަޝްރޫއަށް ހިންގި އެތައް ޚަރަދެއް އުނިކޮށްފައިވާނެ ކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ.

މިނިސްޓާރު ވިދާޅުވީ، އެޗްޑީސީގެ ހިސާބު ޖަހާފައިވާ ގޮތުގެ ތަފްސީލު އެޗްޑީސީން ސިޓީ ކައުންސިލާ ހިއްސާކުރާނެ ކަމަށެވެ. އެ އަދަދުތައް އައި ގޮތުގެ ހިސާބު ޖެހުމުގެ ފުރުސަތު ކައުންސިލަށް ދެއްވާނެ ކަމަށާއި، އެކަން ވެރިފައި ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

ސަރުކާރަށް ފެންނަ އަދަދަކީ 7،500 ރުފިޔާ ކަމުގައިވިޔަސް އިތުރު މަޝްވަރާތައް ސިޓީ ކައުންސިލާއެކު ހިންގާނެ ކަމަށް މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ.

"ހިސާބަކީ ދޮގު ހަދާ އެއްޗެއް ނޫން. ރަނގަޅު ހިސާބު ޖެހީމަ އަންނާނީ ރަނގަޅު އަދަދު. ސިޓީ ކައުންސިލުން ބަލާނެ 2018 ވަނަ އަހަރު ޖަހާފައި ހުރި ހިސާބާ މިހާރު ހުރި ހިސާބުތައް،" އަސްލަމް ވިދާޅުވިއެވެ.

މީގެ ކުރީގައި ވެސް ހިޔާ ފްލެޓްގެ ކުލި އަގާ ގުޅިގެން މިނިސްޓަރު އަސްލަމާއި މޭޔަރު މުއިއްޒު ބަހުސެއް ހިންގާފައިވެއެވެ. އަސްލަމް ވިދާޅުވާ ގޮތުންނަމަ، ކުލީގެ އަގު އަރާ ހަމައަކީ މަހަކު 11،000 ރުފިޔާއެވެ. އެހެންވިޔަސް މުއިއްޒު ވިދާޅުވަނީ އޭރު ސަރުކާރުން 5،600 ރުފިޔާ ކަނޑައެޅި ކަމަށެވެ.

ހިޔާ ފްލެޓްތައް ލިބޭ ފަރާތްތަކާއެކު އަންނަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން އެޗްޑީސީން އެއްބަސްވުންތަކުގައި ސޮއިކުރަން ފަށާނެއެވެ. ހިޔާ ފްލެޓްތައް ދޫކުރަނީ ފިނިޝިން މަސައްކަތް ވެސް ނުނިންމައެވެ. ސަރުކާރުން ބުނާ ގޮތުގައި، ފިނިޝަން މަސައްކަތަށް ބޭނުންވާ ލޯނު ހަމަޖެހިގެނެއް ނުދިޔައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. މެކުނު

  މުއިޒު މާލޭމީހުންނައް މާރަންގަޅުވާން މިއުޅެނީ ކިހިނެއްވެގެން .
  މާލޭ ރައްޔިތުން ކައިރިއަކުނޫންތަ ބުނީ ދެމިލިޔަން އެއްފަހަރާދޭށޭ އޭެރުންނޭ ފުލެޓއްވަދެވޭނީ.

  1
  13
 2. އާސީ

  މިއީ ޔާމީނުއާ މުއިއްޒު ހެދިތަނަކަށްވާތީ މިތަނުގެއަގު މާކުރިން ކަނޑައެޅިއަސް މިވެރިން އަގުކުޑަ ކުރެވޭންއޮތަސް ނުކުރާނެ މިނޫންބަޔަކު ވެރިކަމަށް ގެނައުން މުހިންމުވަނީ މިސަބަބާހުރެ

  13
  1
 3. ހަދަނެެފު

  ކޮބަ ހިޔަލުފަލުކުން މަނަކުރަނި ކިއްވެ ކަލެެމެނދޮ ގޮވި ލަލަލަ

 4. ނާގާބިލް ސަރުކާރު

  ދިޔަ މުއްދަަތައް ބަލާފަ ކުލި ކަނޑައެޅިޔޭ ބުނި އިރު ދެއަހަރުވަންދެން އެތަންތަން ދިނުމުގެ އެއްކަމެއްވެސް ނުކޮއްހުރީ ސިޔާސީ ސަބަބަކައް ރައްޔިތުންނައް ނޮހޮރުއްޕާންކުރަން. އަލުން ދޭމީހުން ހޮވާޝޭކިޔާފަ ހަޑިހާވަންދިޔަ މުއްތަދުން އިތުރުވާ ފައިސާ ދައްކަންޖެހޭނީ ރައްޔިތުންނެއް ނޫން.

 5. ސޯރު ފޮތިކޮޅު

  ދިވެހި ރައްޔިތުން ހޮވީ ސާލިހު އަސްލަމެއްނޫން! ޢަސްލަމް އެކުރަނީ ސާލިހު ކުރަންޖެހޭ މަސައްކަތް! ސާލިހު ގެ ބަހެއް ހަމަ ނެތީތޯ؟

 6. ޑިމޮކްރަސީ

  ކުލިކުޑަކޮށްދޭނެ ހާސްނުވޭ މިއީ ރައްޔިތުންނަށް ނުހަނު އޯގާތެރި އެކަމުގައި އެއްވެސް ކަ ކޮޅެއްމެދެއްނެތް ސަރުކާރެއް

 7. Anonymous

  ތިޔަ އީ ވާނެ ގޮތް ކޮކަޑި ކާންދިން މީދާތަކެ އް އަލުން ދޫވެ އްޖަނަ.....ދޫކޮށްލި ބަޔަކީ ރަ އްޔަތުން
  ދެ އްތޯ...

 8. ޟުހުދާ

  ތިޔަ އަގު ތެރޭގައި ހުޅުމާލެ ފޭސް 2 ހިއްކަން ހަރަދުވި 50 މިލިއަން ޑޮލަރުގެ 90% ހިމަނައިގެން . މުޅި ހުޅުމާލެ ފޭސް 2 ގެ ހަރަދު މި ނަގާލަނީ އެ ކޮތަރު ކޮށިން. ޙުންނަ ތާހިރުކަން ދެކިބަލަ.