އެސްޓީއޯއިން ފަށަން ތައްޔާރުވަމުންދާ ޑިޕްލޮމާ އިން ރޭޑިޔޯގްރަފީ ކޯސް ފެށުމަށް މޯލްޑިވްސް ކުއެލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ)ގެ ހުއްދައަކަށް އެދިއްޖެ އެވެ.

މިނިސްޓްރީ އޮފް ހެލްތް އާއި ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ) އަދި މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ (އެމްއެންޔޫ) ގުޅިގެން، ކުރިއަށްގެންދާ މި ކޯސް ރާއްޖެއަށް ތައާރަފްކޮށްފައި ވަނީ އޭޕްރިލް މަސް ތެރޭގައެވެ.

އެސްޓީއޯއިން ބުނީ، މި ކޯހުގެ މަގްސަދަކީ ވަޒީފާގެ ބާޒާރުގައި ރޭޑިއޯގްރަފީ ޓެކްނީޝަނުންގެ ގޮތުގައި ދިވެހިން ބިނާކޮށް އަދި ވަޒީފާ އަދާކުރާ ފެންވަރު ހުރި ދިވެހިން އިތުރު ކުރުން ކަމަށެވެ. އެގޮތުން، އެސްޓީއޯ ސީ.އެސް.އާރ ގެ ދަށުން، ފުރަތަމަ ބެޗް އަށް ހުޅުވާލެވޭ 20 ޖާގަ އެސްޓީއޯ ސްޕޮންސަރ ގެ ދަށުން ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.

ޑިޕްލޮމާ އިން ރޭޑިޔޯގްރަފީ ކޯސް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ޖީއީ ހެލްތް ކެއަރގެ ކަރިކިއުލަމްއަކަށް "ފުލްޓައިމް" ކޯހެއްގެ ގޮތުގައިއެވެ. މި ޑިޕްލޮމާ ކޯސް ފުރިހަމަކުރާ ފަރާތްތަކުން އެމްއެންޔޫ އިން ހިންގާ ޑިގްރީ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

އެސްޓީއޯއީން މިހާރު ވަނީ މި ކޯސް ފެށުމަށް އެލައިޑް ހެލްތް ކައުންސިލް އާއި އެމްކިއުއޭއަށް ހުއްދައަކަށް އެދިފައެވެ.

މި ކޯސް ކުރިއަށް ގެންދާނީ އެސްޓީއޯގެ ޓްރެއިނިންގ އިންސްޓިޓިއުޓްގައެވެ. އެތަނަކީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީގައި ރަޖިސްޓްރީކޮށްގެން ހިންގާ އިންސްޓިއުޓް އެކެވެ.

މިއީ އެތަނުން ފަށަން ތައްޔާރުވާާ ފުރަތަމަ ކޯހެވެ. އަދި އެ ކުންފުނީގެ އަމާޒަކި ދިވެހިންނަށް ރޭޑިއޮލޮޖީ ދާއިރާއިން ތަމްރީން ހޯދުމުގެ ފުރުސަތު ހޯދައިދިނުން ކަމަށް އެސްޓީއޯއީން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު