ކޮވިޑް-19ގެ ސަބަބުން މެދުކަނޑާލާފައިވާ ބައެއް ހިދުމަތްތައް އާދިއްތަ ދުވަހު އަލުން ފެށުމަށް ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

މި ހިދުމަތްތައް ދިނުން މެދުކަނޑާލާފައިވަނީ ރާއްޖޭގައި ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އިންސައްތަ އިތުރުވެ، ބަލި ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅެއްގެ ގޮތުން ސަރުކާރު އޮފީސްތައް ބަންދު ކުރަން ޖެހުމާއި ގުޅިގެންނެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ކުރި ޓުވިޓެއްގައި ވިދާޅުވީ އާދިއްތަ ދުވަހު ފެށުމަށް ހަމަ ޖެހިފައިވާ ބައެއް ހިދުމަތްތަކުގެ ތެރޭގައި ލައިސަންސް އާ ކޮށްދިނުމުގެ އިތުރުން ދެ ފުރޮޅުލީ އެއްގަމު އުޅަނދުގެ ރަޖިސްޓްރޭޝަން އަދި މެރިޓައިމް ބައެއް ހިދުމަތްތައް ވެސް ހިމެނޭ ކަމަށެވެ.

ލައިސަންސް އާ ކޮށްދިނުމުގެ ހިދުމަތް އަލުން ފަށާއިރު، މީގެ ކުރިން އެކި ފަހަރުމަތިން ވަނީ އެ ހިދުމަތް މެދުކަނޑާލާފައެވެ. އަދި އެންމެ ފަހުން ހިދުމަތް މެދުކަނޑާލާފައިވަނީ މިދިޔަ މަހުގެ ތެރޭގައިކަން ފާހަގަކޮށްލެވެއެވެ.

އޭގެ ފަހުން ބައެއް ފަރާތްތަަކަށް އުނދަގޫތަކެއް ކުރިމަތިވުމާއި ގުޅިގެން އެފަދަ އުނދަގޫތަކަށް ހައްލެއް ހޯދައި ދިނުމަށް އޮންލައިންކޮށް ލައިސަންސް ދޫކޮށްފައިވެއެވެ. އަދި މުއްދަތު ހަމަވާ ލައިސަންސް އަންނަ މަހުގެ 31 ވަނަ ދުވަހާއި ހަމައަށް ބޭނުން ކުރެވޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ.