ފްލައިން ސްކޫލެއް ހިންގަން ޝައުގުވެރިކަން ބޭނުންވާ ފަރާތެއް ހޯދަން ގައުމީ އެއާލައިން ހިންގަމުން އަންނަ އައިލެންޑް އޭވިއޭޝަނުން ކުރި އިއުލާނަށް އެމެރިކާ އާއި ޔޫރަޕްގައި ހިންގަމުންދާ ފްލައިންގ ސްކޫލްތަކުންވެސް ޝައުގުވެރިކަން ފާޅުކޮށްފިއެވެ.

ރާއްޖޭގައި އާ ފްލައިންގ ސްކޫލެއް ހިންގަން ޝައުގުވެރިކަން ފާޅުކުރި ތިން ކުންފުނި ތެރޭގައި އައިލެންޑް އޭވިއޭޝަން ހިމެނެއެވެ. އޭގެ އިތުރުން ވިލާ ޗެކްރިޕަބްލިކުގެ ކުންފުންޏަކުންވެސް ޝައުގުވެރިކަން ފާޅުކޮށްފައި ވެއެވެ.

އައިލެންޑް އޭވިއޭޝަނުން ފްލައިން ސްކޫލެއް ހިންގާނެ ބަޔަކު ހޯދަން އިއުލާން ކޮށްފައިވަނީ، އައްޑޫ ގަމުގައި ހިންގަމުންދާ އޭއޭއޭ ފްލައިން ސްކޫލުގެ މައްސަލަ ބޮޑުވެ، އެތަނުގެ އެގްރީމެންޓް ހަމަވާން ކައިރިވެފައި ވަނިކޮށެވެ.

އެތަނުގައި ކިޔަވަމުންދާ ދަރިވަރުންގެ ޝަކުވާތައް ވެސް ވަނީ އިންތިހާއަށް ބޮޑުވެފައެވެ.

މޯލްޑިވިއަންގެ ޕީއާރް މެނޭޖަރ މޫސާ ވަސީމް ވިދާޅުވީ، އައިލެންޑް އޭވިއޭޝަން އާ ގުޅިގެން ރާއްޖޭގައި ފްލައިޓް ޓްރޭނިންގ ސްކޫލެއް ހިންގާނެ ބަޔަކު ހޯދަން ކުރި އިއުލާނަށް މިހާތަނަށް 13 ފްލައިންގ ސްކޫލަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި އެމެރިކާ އާއި ޔޫރަޕުގެ ސްކޫލްތައްވެސް ހިމެނޭ ކަމަށް މޫސަ ވިދާޅުވިއެވެ.

މޫސަ ވިދާޅުވީ، މިހާރު މަސައްކަތް ކުރަމުން ދަނީ އިވެލުއޭޝަންގެ މަސައްކަތް ކަމަށެވެ.

ރާއްޖޭގައި މިހާރު ހިންގަމުންދާ ފްލައިން ސްކޫލުގައި 173 ތަރިވަރުން އެބަތިބިއެވެ. އެއީ 160 ދިވެހި ދަރިވަރުންނާއި 13 ބިދޭސީ ދަރިވަރުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހަސަން

    ސަރުތު ހަމަވާނީ އިންޑި އާގެ ކުންފެޏަކާވަ އްތަރީ

  2. ހޮވާނަގާ

    ކޮންމެ ދިމާއަކުން ކުރިމަތިލިއަސް ނިންމާލީމަ ބަލާލާއިރު އިންޑިއާއަށް ލިބިފަ އޮންނާނީ.