ބްލެކްމެއިލް ކޮށްގެން ފައިސާ ހޯދިކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ތިން މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ބްލެކްމެއިލް ކޮށްގެން ފައިސާ ހޯދާފައިވާ ކަމުގެ މައްސަލަ ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ މިމަހުގެ 14 ވަނަ ދުވަހު ކަމަށާއި އެކަމުގެ ތުހުމަތުގައި ތިން މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

އެމީހުން ހައްޔަރު ކޮށްފައިވަނީ މައްސަލަ ރިޕޯޓް ކުރި ދުވަހު ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ހައްޔަރު ކުރި މީހުންގެ ތެރޭގައި ހިމެނެނީ 30 އަހަރުގެ މީހަކާއި 23 އަހަރުގެ މީހެއްގެ އިތުރުން 27 އަހަރުގެ މީހެއް ކަމަށް ފުލުހުން ވިދާޅުވިއެވެ. މި އެންމެންނަކީ ވެސް ދިވެހި ފިރިހެނުން ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކޯޓަށް ހާޒިރުކުރުމުން، 15 ދުވަހުގެ މުއްދަތެއް ވަނީ ދީފައިވާ ކަމަށެވެ.

މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ބްލެކްމެއިލް ކޮށްގެން ފައިސާ ހޯދި މައްސަލައިގައި ތިން މީހަކު ހައްޔަރު ކޮށްފައިވާއިރު، މީހެއްގެ ނުރުހުމުގައި ވަކިކަމެއް ކުރުމަށް އޭނާއަށް އަންގައި، އެކަން އޭނާ ނުކޮށްފިނަމަ، އޭނާއަށް ގެއްލުމެއް ނުވަތަ އަނިޔާއެއް ނުވަތަ ނިކަމެތިކަމެއް ލިބޭނެ ޒާތުގެ އަމަލެއް ހިންގާނެ ކަމުގެ ބިރު ދެއްކުން ނުވަތަ މީހަކު ކުރި ކުށެއް އަންގަންވާ ފަރާތަށް ނާންގައި، އެކަމުގެ މައުލޫމާތު ބޭނުންކޮށްގެން އޭނާގެ ކިބައިން އޭނާގެ ނުރުހުމުގައި މަންފާ ހޯދުމުގެ މައްސަލަތައް މިހާރު އާންމުވެފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކުރީގެ ކެބިންކްރޫ

    ބްލެކްމެއިލްކޮށް މީހުންގެ ދިރިއުޅުން ހަލާާކުކުރާމީހުންވެސް ޒިންމާދާރުވެރި މަގާމުތަކުގައި