ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރަށް ސަރުކާރުގެ ފަރާތުން ހުށައަޅަން ގަސްދުކޮށްފައިވާ ބިލްތަކުގެ ތެރެއިން އަށް ބިލެއް މިހާތަނަށް މަޖިލީހަށް ފޮނުވާފައިވާ އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން ވިދާޅުވެއްޖެއެވެ.

އޭޖީ އޮފީހުން މިއަދު ވިދާޅުވީ މަޖިލީހުގެ މި ފެށުނު ދައުރަށް ސަރުކާރުން ސަރުކާރުން ހުށައަޅަން ގަސްދު ކުރަނީ 19 ބިލެއްކަމަށާއި، އޭގެ ތެރެއިން ލިސްޓްގައި ހިމެނޭ ފުރަތަމަ އަށް ބިލް މިހާރު މަޖިލީހަށް ފޮނުވާފައިވާކަމަށެވެ.

އެ ބިލްތަކުގެ ތެރޭގައި ހިމެނެނީ ރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނަށް އިސްލާހުގެ ގެނައުމުގެ ބިލާއި، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒްތަކާއި ބާރުތަކުގެ ގާނޫނުގެ އިސްލާހުގެ ބިލާއި، ގާނޫނުލްއުގޫބާތަށް އިސްލާހުގެ ގެނައުމުގެ ދެ ބިލަކާއި، ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް އިސްލާހުގެ ގެނައުމުގެ ބިލާއި، އުފަންވުމާއި މަރުވުން ރަޖިސްޓަރީކުރުމާއި، އުފަންދުވަހުގެ ސެޓްފިކެޓް އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހެއްދުމާބެހޭ ބިލަކާއި، ޖަނަވާރުގެ ސިއްހަތާއި ބިލެއްގެ އިތުރުން ކާބޯތަކެތީގެ ރައްކާތެރިކަމުގެ ބިލެވެ.

މި ބިލްތަކުގެ ތެރެއިން ބައެއް ބިލްތައް މަޖިލީހަށް މިހާރު ވަނީ ހުށަހަޅާފައެވެ. އަދި ބައެއް ބިލްތައް ތަޅުމުން ވަނީ ބަަލައިގަނެފައެވެ.

މަޖިލީހުގެ މިދައުރަށް ހުށަހަޅަން ނިންމާފައިވާ އިތުރު ބިލްތަކުގެ ތެރޭގައި ހިމެނެނީ ހެއްކާ ބެހޭ ބިލާއި، އަބުރާ ބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ބިލާއި، ގިންތި ކަނޑައެޅުމާއި ދަރަޖަކުރުމުގެ ބިލާއި، އިލެކްޓްރޯނިކް މުއާމަލާތްތަކާ ބެހޭ ބިލާއި، ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރޭ ތަކެތީގެ ވިޔަފާރިކުރުމުގެ ބިލާއި، ކަނޑުގައި ދުއްވާ އުޅަނދުތައް ދުއްވުމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، ފަޅުރަށްރަށާއި ބެހޭ ގާނޫނަށް އިސްލާހް ގެނައުމުގެ ބިލާއި،ރާއްޖޭގެ ބިމާއި ބެހޭ ގާނޫނު އިސްލާހް ގެނައުމުގެ ބިލަކާއި، މާލިއްޔަތު ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަކާއި، ދަތުރުފަތުރރުގެ ގާނޫނަށް އިސްލާހް ގެނައުމުގެ ބިލް ހިމެނެއެވެ.