ހުޅުމާލޭގައި އެޅުމަށް ހަމަޖެހުނު 3000 ހައުސިންގ ޔުނިޓްގެ މަޝްރޫޢު ހިންގުމާ ގުޅޭގޮތުން އެޗްޑީސީ އާއި ސީލައިފް ގްލޯބަލް އާއި އެކުވެފައި އޮތް އެއްބަސްވުން ދެފަހަރަށް ވެސް ބާތިލް ކުރީ ސީލައިފް ގްލޯބަލްގެ ފަރާތުން އެއްބަސްވުމާ ޚިލާފުވެ، މަޝްރޫޢު ކުރިއަށް ނުގެންގޮސް، ތަކުރާރުކޮށް އެޗްޑީސީ އާއި ދިވެހި ރައްޔިތުންނަށް މަކަރާއި ހީލަތުން އޮޅުވާލުމުގެ ސަބަބުންނާއި އަދި މި މަޝްރޫޢު ކުރިޔަށް ގެންގޮސްފައި ނުވުމުގެ ސަބަބުން ކަމަށް އެޗްޑީސީ އިން ބުނެފިއެވެ.

އެޗްޑީސީ އިން މިރޭ ނެރުނު ބަޔާނެއްގައި ސީލައިފް އާއިއެކު އެއްބަސްވުމުގައި ސޮއި ކުރީ 2014 ވަނަ އަހަރު މާޗް 13 ގައެވެ.

ސީލައިފް ގްލޯބަލްގެ ފަރާތުން އެއްބަސްވުމާ އެއްގޮތަށް ޢަމަލުކުރަމުން ނުގެންދިޔުމުގެ ސަބަބުން އެ އަސާސްގެ މައްޗަށް ބިނާކޮށް އެޗްޑީސީ އިން 2015 ސެޕްޓެމްބަރު 14 ވަނަ ދުވަހު އެއްބަސްވުން ބާޠިލުކުރިއެވެ. އެމައްސަލަ ސީލައިފް ގްލޯބަލްގެ ފަރާތުން ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް އެ މައްސަލަ ހުށަހެޅުމުން އެ ކޯޓުން ނިންމީ އެޗްޑީސީގެ ފަރާތުން އެއްބަސްވުން ބާޠިލުކޮށްފައި ވަނީ، ފުރިހަމަ ކުރަންޖެހޭ އިޖުރާއަތްތަށް ފުރިހަމަނުކޮށް ކަމަށްވުމުން، އެއްބަސްވުން އަނބުރާ އިޢާދަކުރުމަށެވެ.

އެޗްޑީސީގެ ފަރާތުން އެއްބަސްވުން އަލުން އިޢާދަކޮށް އެއްބަސްވުމުގައި ބަޔާންކޮށްފައިވާ މުއްދަތުތައް އަލުން ދިނުމާއެކު މަޝްރޫޢު ކުރިޔަށް ގެންގޮސް ނިންމާލުމުގެ ފުރުޞަތު ސީލައިފް ގްލޯބަލްއަށް ދިނެވެ. އެހެންނަމަވެސް މި ފުރުޞަތުގައި ވެސް ސީލައިފް ގްލޯބަލްގެ ފަރާތުން އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ކަންކަން ނުކޮށް އެއްބަސްވުމާ ޚިލާފުވުމުގެ ސަބަބުން 2018 އޮކްޓޫބަރު 25 ވަނަ ދުވަހުގައި އެއްބަސްވުން ވަނީ އަނެއްކާވެސް ބާޠިލްކުރެވިފައެވެ.

އެޗްޑީސީ އިން ނެރުނު ބަޔާނެއްގައި ބުނީ މި މަޝްރޫޢު ސީލައިފް ގްލޯބަލްއަށް ކުރިއަށް ގެންދެވިފައި ނުވަނީ އެޗްޑީސީގެ އެއްވެސް އިހްމާލަކުން ނޫންކަމަށެވެ.

މި މަޝްރޫޢުއަކީ ދިވެހި އެތައް ރައްޔިތުންގެ މަޞްލަޙަތާއި ގުޅިފައިވާ މަޝްރޫއަކަށްވާތީ، އެޗްޑީސީގެ ފަރާތުން ވާނީ މި މަޝްރޫޢު ކުރިއަށް ގެންދަން ސީލައިފް ގްލޯބަލްއަށް އެކި ފަހަރު މަތިން އެކި ފުރުޞަތުދީފައި ކަމަށާއި ނަމަވެސް ސީލައިފް ގްލޯބަލްއަށް ދެވުނު ހުރިހާ ފުރުޞަތެއްގައި ވެސް އެފަރާތް ވަނީ މި މަޝްރޫޢު ހިންގުމަށް ނުކުޅެދިފައި ކަމަށް ބަޔާނުގައި ބުންޏެވެ.

ސީލައިފް ގްލޯބަލްގެ ފަރާތުން ވަނީ އެޗްޑީސީ އަށް އޮޅުވާލައިގެން ނާޖާއިޒު ފައިދާއެއް ހޯދުމުގެ މަޤްޞަދުގައި ބައިނަލްއަޤްވާމީ ބޭންކެއްގެ ނަންމަތީގައި ފޯޖު ކުރެވިފައިވާ ޕާފޯމަންސް ގެރެންޓީއެއް އެޗްޑީސީއަށް ހުށަހަޅާފައިކަން އެ ބޭންކުންވަނީ އެޗްޑީސީއަށް އަންގާފައި ކަމަށް އެކުންފުނިން ބުންޏެވެ.

މި މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސް އިން ތަހުޤީޤު ކުރުމަށްފަހު ޕްރޮސެކިއުޓަރ ޖެނެރަލް ގެ އޮފީހުން ވަނީ ޝަރީއަތަށް ހުށަހަޅާފައެވެ.

އަދި، ސީލައިފް ގްލޯބަލްގެ ފަރާތުން އެއްބަސްވުމާ ޚިލާފަށް އެތައް ބައެއްގެ އަތުން ބުކިންގ ފީގެ އިތުރުން ޑައުންޕޭމަންޓުގެ ގޮތުގައި ގިނަ އަދަދެއްގެ ފައިސާ މަކަރާއި ހީލަތުން ނަގައި އެ ފަރާތްތަކަށް އެ ފައިސާ ހަވާލުނުކޮށްގެން، އެ މުޢާމަލާތާ ގުޅިގެން ބަދަލު ހޯދުމަށް އެދި އެޗްޑީސީއަށް ހުށަހެޅި 395 މީހުންނަށް އެޗްޑީސީ އިން ބަދަލު ހަމަޖެއްސުމަށްޓަކައި ހޭދަކުރަންޖެހުނު ފައިސާ އަނބުރާ ހޯދުމަށް އެދި ސީލައިފް ގްލޯބަލްގެ މައްޗަށާއި، އެ ކުންފުނީގެ ޑިރެކްޓަރުންނާއި، ޙިއްޞާދާރުންގެ މައްޗަށް އެޗްޑީސީ އިން ވާނީ ދަޢުވާކޮށްފައެވެ.

ސީލައިފް މެނޭޖިން ޑިރެކްޓަރ އަހްމަދު މޫސާގެ މައްޗަށް މިހާރު ވަނީ 42 ދައުވާއެއް އުފުލާފައެވެ. އެދައުވާތައް ސާބިތުވެއްޖެނަމަ އޭނާގެ މައްޗަށް 65 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސުވޭސް

    މިހުރިހާކަމެއްވެސް ހިންގާފައި މިވަނީ ވަގުންނަށް މިޤައުމުދުއް އެއްމެ ފަހިދުވަސްވަރުގައި ، މައިސޯބްއަށް ބައި އަޅައިގެން ކުދި ސޯބުތަކުންދިޔައީ ނެގެން އޮތްގޮތަކަށް ނަގަމުން،،،،،،