ށ.ޅައިމަގު ބޯޓެއްގައި މަސައްކަތް ކުރަމުން ދިޔަ ބަންގްލަދޭޭޝްގެ ރައްޔިތެއް ކަމަށްވާ ލުތުފަރު ރަހްމާން މަރާލި މައްސަލައިގެ މިއަދުގެ ޝަރީއަތުގެ އަޑުއެހުން ކެންސަލް ކޮށްފިއެވެ.

މިދިޔަ އަހަރުގެ އޭޕްރީލް މަހު "ކުރިމަގު 1" ނަމަކަށް ކިޔާ ބޯޓުގައި ލުތުފަރު މަރާލުމަށް ފަހު، ޅައިމަގު ބަނދަރާ ދިމާ ބޭރު ކަނޑުއޮޅިއަށް ފެއްތި މައްސަލައިގައި ދައުވާ އުފުލާފައިވަނީ ބަންގްލަދޭޝްގެ ތިން މީހެއްގެ މައްޗަށެވެ. އެއީ އަލަމިން އާއި ނޫރުލް އިސްލާމް އާއި އެމްޑީ އަހުތަރެވެ. ތިން މީހުންގެ މައްޗަށް އުފުލާފައިވަނީ އެނގި ހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ.

މިއަދުގެ އަޑުއެހުން ކެންސަލް ކޮށްފައި ވަނީ ދައުލަތުގެ ފަރާތުން ފުރިހަމަ ކުރަން ޖެހޭ އިޖުރާތްތައް ފުރިހަމަކޮށްފައި ނުވުމުން ކަމަށް ކްރިމިނަލް ކޯޓުން ވިދާޅުވެއެވެ.

މި މައްސަލައިގެ އެންމެ ފަހުގެ އަޑުއެހުމެއް ބޭއްވުނީ މިދިޔަ އަހަރުގެ އޮކްޓޯބަރު 25 ގައެވެ. އެ ދުވަހުގެ ޝަރީއަތުގެ އަޑުއެހުމުގައި ދައުލަތުން އުފުލާފައިވާ ދައުވާތައް ސާބިތު ކުރުމަށް 21 ހެއްކެއް ހުށަހަލާފައިވެއެވެ. ހެކިވެރިންގެ ހެކި ބަހުގެ ގޮތުގައި ނުވަތަ ޝަފަވީ ހެކީގެ ގޮތުގައި 14 ހެއްކެއް ދައުލަތުން ހުށަހެޅިއެވެ. އަދި ކިތާބީ ހެކީގެ ގޮތުގައި ހަތް ހެއްކެއް ހުށަހަޅާފައިިވެއެވެ.

ޅައިމަގު ބޯޓެއްގައި ކައްކާއެއްގެ ގޮތުގައި އުޅުނު ލުތުފަރު ގެއްލިގެން ފުލުހުންނަށް ރިޕޯޓް ކުރީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 22 ވަނަ ދުވަހުގެ ރޭ ދަންވަރުއެވެ. މި ރިޕޯޓާ ގުޅިގެން ލުތުފަރު ހޯދުމުގެ މަސައްކަތް ދުވަސްތަކަކަށް ކުރުމަށް ފަހު، ފަހުން ފުލުހުން އެ މައްސަލަ ތަހުގީގު ކުރީ މަރުގެ މައްސަލައެއްގެ ގޮތުގައި ދެކިގެނެވެ.

ފުލުހުން ކުރިއަށް ގެންދިޔަ ތަހުގީގުގައި އެ ދިމާލުން ކަނޑަށް ފީނައި ލުތުފަރުގެ ހަށިގަނޑުގެ ކަށި ކަމަށް ބެލެވޭ ކަށިތަކެއް ވެސް ހޯދިއެވެ. އެއީ ލުތުފަރުގެ ކަށިތައް ކަން ފުލުހުން އޭރު ކަށަވަރު ނުކޮށްދިން ނަމަވެސް ޝަރީއަތުގައި ދައުލަތުން ވިދާޅުވެފައިވަނީ އެ ކަށިތަކުން ލުތުފަރުގެ މަންމައާއި ދަރިންގެ ޑީއެންއޭ ނެގިފައިވާ ކަމަށެވެ.

މި މައްސަލައިގައި ދައުވާ ކުރި ތިން މީހުން ވެސް ފުރަތަމަ ކުށަށް އިއުތިރާފްވެ ދައުލަތާއެކު ކުށުގެ އިއުތިރާފް އެއްބަސްވުމެއްގައި ސޮއި ވެސް ކުރިއެވެ. އެކަމަކު މައްސަލައިގެ ފުރަތަމަ އަޑުއެހުމުން ފެށީގެން މިހާތަނަށް ވެސް ތިން މީހުން ދަނީ ކުށަށް އިންކާރު ކުރަމުންނެވެ.

ކުރެވުނު ތަހުގީގުތަކުގެ އަލީގައި މީގެ ކުރިން ފުލުހުން ބުނެފައިވަނީ ލުތުފަރު މަރާލާފައި ވަނީ ކުރިމަގު ބޯޓުގެ ތައްޓު (ބޯޓުގެ ފަހަތް) މައްޗަށް އޭނާާ ވައްޓާލައި ނޭވާ ހާސްކޮގެން ކަމަށާއި އޭނާ މަރާލާފައިވަނީ އޭނާއާއެކު ކުރިމަގު ބޯޓުގައި މަސައްކަތް ކުރި މީހުންނާ މެދު ގަދަކަމުން އެއް ޖިންސުގެ ގުޅުން ހިންގަން އުޅުމުން އެކަމާ ހިތްހަމަނުޖެހިގެން ކަމަށެވެ.

ލުތުފަރު ބޯޓަށް އަރާފާނެ ކަމުގެ ބިރަށް ދެ ފައިގައި ވަލެއް ބަނދެ މޫދަށް ބަލާފައިވާ ކަމަށާއި އޭގެ ގަޑިއިރެއްހާ ފަހުން އޭނާގެ ހަށިގަނޑު ނަގައި ލައިގެން ހުރި އަންނައުނު ބާލުވައި ހަށިގަނޑުން ފެން ހިއްކާފައި އާންމުކޮށް ނިދާ ތަންމަތީގައި ބޭއްވި ކަމަށް ފުލުހުން ބުނެފައިވެއެވެ. އޭގެ ފަހުން އަނެއްކާ ވެސް މޫދަށް ބާލުވައި ކަނޑު ފައްތާލީ ކަމަށް ބުނެފައިވެއެވެ.

ތަހުގީގުގެ އަލީގައި ފުލުހުުން ބުރަވަނީ ލުތުފަރު ކަނޑު ފައްތާގެން މަރާލި ކަމަށެވެ.