މުސްލިމަކު ކާފަރު ކުރުމަކީ ޖިނާއީ ކުށެއް ކަމަށް ކަނޑައަޅާ ގޮތަށް ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލު ބަލައިގަންނަން ވޯޓު ދެއްވީ ބިލުގައި ހުރި މައްސަލަތައް އިސްލާހު ކުރުމުގެ ނިޔަތުގައި ކަމަށް ޖުމްހޫރީ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް އަދި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށަހެޅުއްވި އެ ބިލު ރައްޔިތުންގެ މަޖިލީހަށް ބަލައިގަތީ 38 މެންބަރުންގެ ވޯޓުންނެވެ. ބަލައިގަންނަން ނުފެންނަ ކަމަށް 17 މެންބަރަކު ވޯޓު ދެއްވިއެވެ.

މި ބިލަށް ތާއީދު ނުކުރާ ކަން ޖުމްހޫރީ ޕާޓީން ހާމަކޮށްފައިވަނިކޮށް އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި ދަނގެތި ދާއިރާގެ މެންބަރު ނާޒިމް ވަނީ ބިލު ބަލައިގަންނަން ފެންނަ ކަމަށް ވޯޓު ދެއްވައިފައެވެ.

އެކަމާ ގުޅޭ ގޮތުން "ވަގުތު" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނާޒިމް ވިދާޅުވީ ބިލު ބަލައިގަތުމާ ގުޅޭ ގޮތުން ޖުމްހޫރީ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕުން ވަކި ވިޕް ލައިނެއް ނެރެފައި ނުވާ ކަމަށެވެ.

ނާޒިމް ވިދާޅުވީ، ކޮންމެ ބިލަކީ ވެސް ކޮމިޓީ މަރުހަލާގައި ދިރާސާކޮށް ފުރިހަމަ ކުރެވޭނެ ބިލަކަށް ވާތީ ބަލައިގަތުމުގައި އެއްވެސް މައްސަލައެއް އޮތް ކަމުގައި އޭނާ ދެކެވަޑައިނުގަންނަވާ ކަމުގައެވެ.

"ކޮމިޓީއަށް ގެނެސް އިސްލާހު ކުރެވޭނެ ބިލަކަށް ވާތީ ބަލައިގަންނަން ވޯޓު ދިނީ، އެއް ގޮތަކަށް ވެސް އަޅުގަނޑު ތާއީދު ކުރާ ބިލެއް ނޫން،" ނާޒިމް ވިދާޅުވިއެވެ.

މި ބިލުގައި ލާދީނިއްޔަތު ފެތުރުމުގެ ޖާގަ އޮތް ކަމުގައި ދެކި ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ވަކިން ހާއްސަކޮށް ދީނީ އިލްމުވެރިންގެ ފާޑުކިޔުން ވެސް ވަނީ ބިލަށް އަމާޒުވެފައެވެ.

މި ކަމަށް އިޝާރާތް ކުރައްވައި ނާޒިމް ވިދާޅުވީ، ރައްޔިތުން ކަންބޮޑުވާ ކަންކަން ބިލުން ފާހަގަވާ ކަމަށާއި އެ ކަމުގައި އޭނާގެ ކަންބޮޑުވުން ވެސް އެބަ އޮތް ކަމަށެވެ. އެއީ ކޮމިޓީ މަރުހަލާއިން އިސްލާހު ކުރެވިދާނެ ކަންކަން ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުގެ ހުރި ކަންބޮޑުވުންތައް [ޖުޑިޝަރީ] ކޮމިޓީއަށް ޚިއްސާ ކުރާނަން،" މީގެ ކުރިން ޑިފެންސް މިނިސްޓަރުގެ މަގާމު ވެސް ފުރުއްވި ނާޒިމް ވިދާޅުވިއެވެ.

ގާނޫނުލްއުގޫބާތަށް އިސްލާހު ގެންނަ ބިލު ބަލައިގަންނަން ނާޒިމް ވޯޓު ދެއްވިއިރު، ޖުމްހޫރީ ޕާޓީގައި ހިމެނޭ އިސްދޫ ދާއިރާގެ މެންބަރު އަލީ ހަމީދު ވަނީ ބަލައިގަންނަން ނުފެންނަ ކަމަށް ވޯޓު ދެއްވައިފައެވެ. އެ ޕާޓީގެ އެހެން މެންބަރުން ވޯޓުގައި ބައިވެރިވެވަޑައެއް ނުގަންނަވައެވެ.

ބިލާ ދެކޮޅަށް އެމްޑީޕީގެ ހަތަރު މެންބަރަކު ވެސް ވޯޓު ދެއްވިއެވެ. އެއީ ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފްއާއި، ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދުއާއި، ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ދީދީއާއި، ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު މުހައްމަދު މުމްތާޒެވެ.

ސަރުކާރު ކޯލީޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ އިތުރުން އަދާލަތު ޕާޓީ ވެސް ބިލާ ދެކޮޅެވެ. އިސްލާމިކް މިނިސްޓްރީގެ ފަތުވާ މަޖިލީހުން ވެސް ނިންމީ ބިލުގައި ހިމެނޭ ބައެއް މާއްދާތައް ދީނަށް ފުށު އަރާ ކަމަށެވެ.

އަމާޒުވަމުންދާ ފާޑުކިއުންތަކަށް ރައްދު ދެއްވަމުން ހިސާން ވިދާޅުވީ ބިލު އޮތީ އިސްލާމީ ޝަރީއަތަށެވެ. ޚިޔާލު ފާޅު ކުރުމަށާއި ދީނީ ނަސޭހަތް ދިނުމަށް ހުރަސް އެޅޭނެ އެއްވެސް މާއްދާއެއް ބިލުގައި ނެތް ކަމަށް އޭނާ ވިދާޅުވެއެވެ. އެ ކަން ބަޔަކު އޮޅުވާލަން މަސައްކަތް ކުރާ ކަމަށް ވިދާޅުވިއެވެ.

ހިސާން ވިދާޅުވި ގޮތުގައި، ބިލް ހުށަހެޅުމުގެ މަގްސަދަކީ ނަފްރަތު އުފެއްދުން އާންމު ކުރުން ހުއްޓުވުމާއި ހަރުކަށި ފިކުރު ފެތުރުން ހުއްޓުވުމެވެ.

މި ބިލަށް އާންމުންގެ ޚިޔާލު ހުށަހަޅަން ވެސް ކޮމިޓީން ހުޅުވާލާފައިވެއެވެ. އަންގާރަ ދުވަހުގެ ނިޔަލަށް އާންމުންނަށް ޚިޔާލު ހުށަހަޅަން ހުޅުވާލިއިރު، އިސްލާމިކް މިނިސްޓްރީ އާއި އެޗްއާރުސީއެމް އާއި ޕީޖީ އޮފީހުގެ ޚިޔާލު ހޯދަން ވެސް ކޮމިޓީން ނިންމާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

31 ކޮމެންޓް

  1. ކޮވިޑް

    މަޖުބޫރު ވީ ހަމަ. ކުރިން ހީކުރެވުން ތީ ވަރަށް ރަނގަޅު މީހެއްކަމަށް އެކަމް އިސްލާމްދީނާ ފާޅުގަ ދެކޮޅު ބިލަކަށް ވޯޓް ދިނީމަ އެންގިއްޖެ އަޑި ނުބައި މަތި އޮމާން މީހެއްކަން.

    90
    3
    • ކީކޭކީކޭ

      ތާއީދު ނުކުރާ މީހަކު ވޯޓެއް ނުދޭނެ. ރައްޔިތުން ގަޔަށް އަރައިގަތީމާ ކޮންމެވެސް އެއްޗެއް ބުނީ. އަނެއްކާ ހަމަހޭގައި ނުހުންނަ ވަގުތުވެސް އަންނަނީއުތަ.

  2. ލަބީބު

    ދެން ކީއްވެޔޯ؟ ހެދޭނުހެދޭ ނޭގިގެން ދޯ؟

    78
  3. ސެންޗޯ

    ވޯޓު ދިނީ މިސަރުކާރު ދެކެ ބިރުން ދަށުން ދަމައިގެން ކޭ ލިސްޓުގެ އެނެ ކުރީގައި އޮތީމަ

    59
  4. ކާފަބޭ2020

    ތިޔައީ ކުރިންވެސްދެނަހުރިކަމެއް! ބޭނުމަކީ ކުންފުންޏަށް އިތުރުޕްރޮޖެކްޓުތައްނުލިބިދާނެތީ އެމަގުހުޅުވާލުން! މީހުންހޯބޯލަވަންފެށީމަ ބާޣީބާޣީ ގޮވަމުންދުވިހަނދާވީކަމަށްހެދީ! ޙަޤީޤަތުގަވެސް އެބިލާނުރުހޭނަމަ ކުރިންއިންކާރުނުކުރީ؟؟؟؟؟؟؟

    49
  5. ޞީޓާ

    ކަޓު ލިބެނީ. ޕްރޮޖެކްޓް ލިބެނީ.

    48
    1
  6. ހޭހަމަ

    ތާއިދު ކުރާތީ ވޯޓު ދިނީ.

    61
  7. ޖާބެ

    ވިޔަފާރިކޮށްލީ ދޯ...

    45
  8. އާސިދާ

    ފައިސާތޯ

    41
  9. ޙަލީ

    އަސްލު ވީގޮތަކީ ޑިފެންސް މ ގެ ނައިބުގެ މައްސަލަކޮމެޓީން ބޭރުކޮއްލި މައްސަލާގައި އެމްޑީޕީ މިންބަރުން ރުޅިއައިސްފައި ތިބީމާ އެމީހުންނާއި އެއްކޮޅަށް ވޯޓްދިނީ ، ވަރަށް ތާކުންތާކުނުޖެހޭ މީހުންކުރާކަހަލަކަމެއް ތިކުރީ

    45
  10. މޮހޮރުތަޅާ

    ބުރާންތި ވީތޯ ހަމަބުށްދިފިލީތޯ ފިލީތޮ ފިލީތޯ؟

    39
    1
  11. ފަތޫ

    ލަދުގަނޭ ދަނގެތީ ދާއިރާ މެނބަރު ތިބިލަށ ވޯޓުދިނީމަ

    45
  12. އަހްމަދު

    ތާއީދުނުކުރާބިލަކަށްވޯޓުދިނުމުގެބޭނުމަކީ ކޮބައިބާ

    43
  13. ކަލޯ

    ވޯޓްނެގީ ތާއީ ދު ކުރާމީހުންނަކީކޮބާތޯބަލަން ! ތާއީ ދުކޮށްވޯޓްލާފަ މިކިޔަނީ ތާއީ ދުނުކުރަމޭ!!! ސަޅި ދޯ !! އެކަމަކުރާއްޖެތެރެމީހުން
    ބައިކުޅަ ދުމަ ދުވާނީ

    37
  14. މާކު

    މީއަސްލު ގަދާރުންނަކީ އަމިއްލަ ޖީބްބޮޑުކުރަން. މިކަހަލަމީހުންނައް ދީނެއްގައުމެއްނޯނާނެ އަމިއްލައެދުމުން ފުރިފަ.

    38
  15. ޖަޒީރާ ވަންތަ ކެހެރިނުފަޅާ ޖަނަވާރު

    ތާއީ ދު ނުކުރާނަމަ ނު ދޭނެ ބޯޓެއް .

    30
    1
  16. ޖާބެ

    ނެޝަނަލް ސެކިޔޯރިޓީވެސް އަންޑަސްޓޭންޑް ނޫވާކަން ޔަގީން

    19
  17. ކަލްޓް

    އާ ! ވ. ތާހިރު ވާހާކަ އެއް، ދެން ޥޯޓު ނުދީ ފޯނާ ކުޅެން އިން ނަމަ މާ ރަގަޅު ވީސް، މަވެސް ހީކުރީ މަޑުން ހުން ނާތި މީނަ މީ ވ ހުލުގު ހެޔޮ މީހެއް ކަމަށް، މުސްކުޅިން ބުނާ ހެން ނުމޮށޭ ގުރާ ބާރަށް ދައިގަން ނަ ކަހަލަ މީހެއް މީ! ވޯޓު ވިއްކައިގެން ވެސް ފައިސަ ލިބޭތޯ! މި ބަނޑެއް ނުފުރޭނެ ހަދީސް ބަސްފުޅުގަ ވާ ހެން ވެލިން ނޫނީ!

    25
  18. ވަރައްމޮޅު

    ކޮންމެއެއްޗެކޭ ބުންޏަސް ތާއީދުނުކުރާނަމަ ބިލްބަލައިގަންނަން ފެންނަކަމަކައް ވޯޓެއްނުދޭނެ ބަލައިގަންނަން ނުފެންނާތީދޯ ސީދާ އެމްޑީޕީގެ ހަތަރުމެންބަރުން ވޯޓްނުދިނީ

    29
  19. ހުސޭނުބޭ

    އައްދިޔޯތް! ނަގޫ ފިތިފައޭ އިނީ!

  20. އަހުމަދު

    ބަލައިގަނެވޭނީ އުޒުރެއްނޫން

  21. ޖސޖސ

    މޮޅުވާހަކަ ނުދައްކާ. ފިތިފަ ހުރީމަ ދޭންޖެހިގެން ދެނީ. ގައުމާއި ދީނާއި ވެރި ރައްބަށް ވުރެއް މުހިންމީ ތިމާގެ އަމިއްލަ މަސްލަހަތުކަމުގައި ވީމާ ވާނީ ތިހެން.

  22. ނަފުރަތު

    ދެން ތެޅޭނެ ކަމެއް ނެތް. ބުޅާ ގޯނިން ނެރެވިއްޖެ. ދާއިރާގެ ރައްޔިތުންނަށް "އެތޭރޭގެ އޮތް އެތި" ހާމަ ވެއްޖެ..!

  23. އަބްދޫ

    ވޯޓް ދިނީ ބިރަކާނުލާ މަޖާކުރަން ބޭނުންވާތީ ތަ؟

  24. ދެބޯގެރި

    ވޯޓުދީނީ ބިލަށް ތާއީދުނުކުރާތީ އެކަމަކު ސަރުކާރުން ލިބޭ މަންފާ ކުޑަވެދާނެތީ މި ލާދީނީ ސަރުކާރުގެ ރުހުން ގެއްލިދާނެތީ އަމިއްލަ ޖީބަށްލެވޭވަރު މަދުވާނެތީ އަމިއްލަ ވިޔަފާރިއަށް ފިއްތުމެއް ކުރިމަތިވެދާނެތީ ސަރުކާރުގެ ޕްރޮޖެކްޓުތަށް ލިބުން މަދުވެދާނެތީ މި މީހުން ލަދުހަޔާތް ކުޑަކަން މި އެނގެނީ

  25. ރާއްޖެތެރެ

    ކޮރަޕްޓު މީހުން ޤައުމު ދެކެ ލޯބި ނުވާ މީހުން ލީ ޖަލައް. ރައިސް ޔާމިންގެ ދައުރުގަ

  26. ނާސިރު ބުނިބަސް އެހިންތަ؟

    ދިވެހިން އެކެތިގަޑަކައް ވެގެން ނޫނީ ރައްޖެ ސަލާމަތެއް ނުވާނެ ދެނެ

  27. Anonymous

    ދެން ކީއްވެޔޯ؟ ހެދޭނުހެދޭ ނޭގިގެން ދޯ؟

    ދެންބުނެ މަޖުބޫރުވީޔޭ ކީއްކުރާނިދޯ؟؟؟

  28. އަހަންމަދު

    އަގަނުހުޅުވިއްޔާ މާރަގަޅު!
    ތިކިޔަނީ އަޅެފަހެ ދެކޮޅުޖެހޭ
    އެއްޗެއްތަ! ބިލްހަމައެއްގޮތަކަށްވެސް
    ކަމަކުނުދޭ! އެއެކަމަކު ބިލަށް ކޮންމެހެންވެސް ބަހުސްކުރަންޖެހޭ! ބަލަގަ ތިހާކަމުނުދާނަމަ ކަމުދާބިލެއްހުށަހަޅާނީއެވެ!ދެކޮޅުނުޖެހޭބިލަކަށް ބަހުސްކޮށް އެންމެންގެ ވަގުތު ނަގާލާނީކީނޫނެވެ!އަދިނުވިތާކަށް މީނާއަކީ ޖުމްހޫރީޕާޓީގެ ޑެޕިޔުޓީލީޑަރެވެ! ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ!

  29. ބިން ޢަލީ

    ވެރިކަމަށް ނިކުންނަން އުްޅޭމީހުންގެ ޙަޤީޤަތް ހާމަވެގެންދިޔަ ރަނގަޅު ފުރުޞަތެއް ރައްޔިތުއް ހޭއަރާވިސްނާގެންތިބޭތި

  30. މުހައްމަދު އަސްކަރީ

    ކުރިން މީނަ އިހްލާސްތެރި ވެދާނެ ކަމަށް ހީކުރެވުނު. ވެރިކަމަށް ރަނގަޅު ކެނޑިޑޭޓެއް ކަމައް ވެސް ބެލެވުނު، ނަމަވެސް މިހާރު ހަގީގަތް އެނގިއްޖެ، ގައުމުގެ މަސްލަހަތައްވުރެ އަމިއްލަ މަސްލަހަތު އިސްކުރެވެނީ، ވީމާ ގައުމީ ޒިންމާދާރު ވާންޖެހޭ އެއްވެސް މަގާމަކަށް ކުފޫހަމައެއް ނުވޭ.