ޚިޔާނާތުގެ 42 ދައުވާ އުފުލާފައިވާ ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު ވ. ތިނަދޫ، ރެޑް ހައުސިން، އަޙްމަދު މޫސާ މުޙައްމަދު (އައްމަޓީ) ބަންދުން ދޫކޮށްލަން އަމުރުކޮށްފިއެވެ.

އައްމަޓީގެ ބަންދަށް އެންމެ ފުރަތަމަ ކްރިމިނަލް ކޯޓުން ދިނީ އަށް ދުވަހުގެ މުއްދަތެކެވެ. އޭގެ ފަހުން ޝަރީއަތް ނިމެންދެން ބަންދު ކުރަން ދައުލަތުން އެދުނެވެ. އެކަމަކު އޭނާގެ ބަންދުގެ މުއްދަތަށް ކްރިމިނަލް ކޯޓުން އޭރު ދިނީ ހަތް ދުވަހުގެ މުއްދަތެކެވެ.

މިއަދުގެ އަޑުއެހުން ފެށިއިރު އެ މުއްދަތު ވެސް ހަމަވެފައިވާތީ ދައުލަތުން ވަނީ އަނެއްކާ ވެސް އޭނާގެ ޝަރީއަތް ނިމެންދެން ބަންދު ކުރަން އެދިފައެވެ. ސަބަބަކަށް ދައުލަތުން ފާހަގަކުރީ ހެއްކަށް ނުފޫޒު ފޯރުވާނެ ކަމާއި މުޖުތަމައަށް ނުރައްކާވާ ކަމުގެ އިހުމާލު އޮތުމެވެ.

އައްމަޓީގެ މައްޗަށް މިހާ ބޮޑު ޚިޔާނާތުގެ ތުހުމަތެއް ކުރެވުނުއިރު އޭނާ ހުރީ ލަންކާގައެވެ. އައްމަޓީ ހައްޔަރު ކުރީ ވެސް ރެޑް ނޯޓިސް ނެރެގެން ލަންކާއިންނެވެ.

އެކަމަކު މިއަދުގެ އަޑުއެހުމުގައި އައްމަޓީގެ ގާނޫނީ ވަކީލް އަދި ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހްތާޒް މުހްސިން ވިދާޅުވި ގޮތުގައި އައްމަޓީއަކީ ފިލައިގެން އުޅުނު މީހެއް ނޫނެވެ. އަދި މައްސަލާގައި ހިމެނެނީ ކީތާބީ ހެކި އެކަނި ކަމުން ހެއްކަށް ނުފޫޒު ނުފޯރުވުމުގެ ޖާގައެއް ނެތް ކަމަށް ވަކީލް ވިދާޅުވިއެވެ.

އަޑުއެހުމުގައި އައްމަޓީއަށް ވެސް ވާހަކަ ދައްކަން ފުރުސަތު ދިނެވެ. އައްމަޓީ ވެސް ބުނެފައިވަނީ އޭނާ ލަންކާގައި އުޅުނީ ފިލައިގެން ނޫން ކަމަށެވެ. ލަންކާގައި ދިރިއުޅެމުން ދިޔައީ އެ ގައުމުގެ މީހަކާ ކައިވެނިކޮށްގެން ކަމަށް އައްމަޓީ ބުންޏެވެ.

ދެ ފަރާތުން ދެއްކި ވާހަކަތަކަށް ރިއާޔަތް ކުރުމަށް ފަހު މައްސަލަ ބެއްލެވި ގާޒީ ނިންމެވީ އައްމަޓީ ބަންދުން ދޫކޮށްލުމަށެވެ.

އައްމަޓީ ވަނީ ކްރިމިނަލް ކޯޓުގެ މާލަމަށް އޭނާ ހާޒިރުވެގެން ޝަރީއަތް ގެންދަން އެދިފައެވެ. އެކަމަކަށް ދައުލަތުން އިއުތިރާޒެއް ނުކުރިއެވެ. އެހެންވެގެން ގާޒީ ވަނީ އެ ފުރުސަތު ދެއްވަން ނިންމަވައި މިއަދުގެ އަޑުއެހުން ނިންމާލައިފައެވެ.

އައްމަޓީގެ މައްޗަށް މިހާ ގިނަ ދައުވާތަކެއް އުފުލީ ހައުސިން ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ސީ-ލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ހުޅުމާލޭގައި 3000 ހައުސިން ޔުނިޓް އެޅުމަށް، ސީ-ލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރި ފްލެޓްތައް ނާޅައި މީހުންގެ އަތުން ފައިސާ ނަގައި އަދި އެ ފައިސާ އަށް ހިޔާނަތްތެރިވި މައްސަލައިގައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ސަލާޟް

    ދެން މިލިއަން ރުފިޔާގެ ބަދަލުދީ މީ ބަދަލުދޭ ނަމުގައި ދައުލަތުގެ ޚާޒާނާ ނަހަމަ ގޮތުގައި ބަހާ ހުސްކުރާ ސަރުކާރެއް.

    18
  2. އަލީ

    އެޗް.ޑީ.ސީ ގެ ފަރުވާ ކުޑަކަމުން ވާހާ ކަންތައް ތިއީ.

    14
    1
  3. އަކަސަކަ

    ދެން ބޭރަށް ފުރުވާލާފަ މައްސަލަ ދިގުދަންމާނީކީ ނޫން!

    16
  4. ހަދަން

    ވަގުން ދޫކުރޭ ސާބަސް

    16
  5. ޟަރީ

    ދެން އެ ފައިސާ ދައުލަތުގެ ބަޖެޓުން ދޭން ޖެހޭ އެއްވެސް ސަބަބެއް ނެތް. ޢޭނާ ގެ މުދާތައް ވިއްކައިގެން ދޯ ބަދަލު ދޭން ޖެހޭނީ