ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ސެކުއިރިޓީ ފޫއަޅުވާލި ގޮތުގެ މައްޗަށް ރައްޔިތުންގެ މަޖިލީހުގައި ހިންގާ އިންކުއަރީއަށް އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް މިއަދު ހާޒިރުކޮށްފިއެވެ.

މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) ގެ މިއަދުގެ ބައްދަލުވުމަށް ގަވަރުނަރު ހާޝިމްގެ އިތުރުން އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރު އަހުމަދު އިމާދުއާއި ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) ގެ ވެރިޔާ ވެސް ހާޒިރުކޮށްފައިވެއެވެ.

އެމްއެމްއޭގެ އިސްވެރިން ކޮމިޓީއަށް ހާޒިރުކުރިއިރު، ރައީސް ނަޝީދަށް މިދިޔަ މަހުގެ ހަވަނަ ދުވަހު ދިން ހަމަލާއަށް ފަންޑު ކުރި މީހުން ހޯދުން ލަސްވާތީވެ އެމަނިކުފާނުގެ ސަޕޯޓަރުންނާއި އާންމުންގެ މެދުގައި ކަންބޮޑުވުން އިތުރުވެފައިވެއެވެ.

މާލީ އިދާރާގެ އިސް ވެރިންގެ އިތުރުން، ފުލުހުންނާއި ސިފައިންގެ އިސް ވެރިންނާއި ވަކިވަކި ފުލުހުންނާއި ސިފައިން ވެސް މި ކޮމިޓީގެ އިންކުއަރީއަށް ހާޒިރުކޮށްފައިވެއެވެ.

އެމްއެމްއޭގެ އިސް ވެރިން ރައްޔިތުްނގެ މަޖިލީހުގެ އިންކުއަރީއަށް ހާޒިރުވެވަޑައިގެން - ފޮޓޯ: މަޖިލިސް

މިގޮތުން އެމްއެންޑީއެފްގެ ކްލޯސް ޕްރޮޓެކްޝަން ޑިޕާޓްމަންޓްގެ އިސް ކޮމާންޑަރުންނާއި، ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕްގެ ކޮމާންޑަރުންނާއި، އެމަނިކުފާނުގެ ބޮޑީގާޑުންނާއި ޑްރައިވަރު ވެސް މީގެ ކުރިން ކޮމިޓީއަށް ހާޒިރުކޮށްފައިވެއެވެ.

ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް އާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުލް ރަހީމާއި ނޭޝަނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ) ގެ ވެރިޔާ ޒަކަރިއްޔާ މަންސޫރު ވެސް މީގެ ކުރިން ހާޒިރުކޮށްފައެވެ.

މީގެ އިތުރުން، ފުލުހުންގެ އިންޓެލިޖެންސަށް ނަޝީދަށް ނުރައްކާ އޮތް ކަމުގެ މައުލޫމާތު ނުލިބުން ސާފު ކުރުމުގެ ގޮތުން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދާއި ހަމަލާގެ ތަހުގީގުގެ އިސް އޮފިސަރު އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވެސް ކޮމިޓީއަށް ހާޒިރުކޮށްފައިވެއެވެ.

ރައީސް ނަޝީދުގެ ގެކޮޅު ގ. ކެނެރީގޭ ހުންނަ ނީލޯފަރު ހިނގުން މަގު ހުސްކޮށް ޕާކް ނުކުރެވޭ ގޮތަށް ހެދުން ލަސްވެ ދިއުމާ ގުޅޭ ގޮތުން މައުލޫމާތު ސާފު ކުރަން މާލެ ސިޓީގެ ކުރީގެ މޭޔަރު ޝިފާ މުހައްމަދުއާއި، ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވެސް ކޮމިޓިއަށް ހާޒިރުކުރިއެވެ.

ރައީސް ނަޝީދުގެ ސެކިއުރިޓީ ފޫއަޅުވާލި ގޮތުގެ މައްޗަށް ހިންގާ މި އިންކުއަރީއަށް އެންމެ ފުރަތަމަ ވަކިވަކި ސިފައިން ހާޒިރުކުރަން ޑިފެންސް މިނިސްޓްރީން ދެކޮޅު ހެދިއެވެ. އެކަމަކު ފަހުން ވަކިވަކި ސިފައިން ހާޒިރުވާން ފެށިއެވެ.

ވަކިވަކި ސިފައިން ފޮނުވަން ދެކޮޅު ހަދައި ފޮނުވި ލިޔުމުގައި ސޮއިކުރައްވާފައިވާ މިނިސްޓްރީގެ ނައިބު ހަސަން ޒަމީލްގެ މައްޗަށް މަޖިލީހުގެ އިމްތިޔާޒުތަކަށް އަރައިގަތް ކަމުގެ ތުހުމަތުގައި އިމްތިޔާޒް ކޮމިޓީއަށް ހުށަހެޅި މައްސަލަ ވެސް ބޭރުކޮށްލިއެވެ.

މި މައްސަލަ ބޭރުކޮށްލީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަންގަވައިގެން އެމަނިކުފާނުގެ ޅިޔަނު އަދި އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ލޮބީ ކުރައްވައިގެން ކަމުގައި ނަޝީދަށް ތާއީދު ކުރައްވާ މެންބަރުން ވިދާޅުވެއެވެ.

މަޖިލީހުގެ 241 ކޮމިޓީގެ އިންކުއަރީ އަދިވެސް ކުރިއަށްދާއިރު އެމްޑީޕީގެ މެންބަރުންގެ މެދުގައި ވަނީ ނުތަވަނަސް ކަން އިތުރުވެފައެވެ. އެ ޕާޓީގެ އެތެރޭގެ މަސްރަހު އިތުރަށް ހޫނުވެ ޕާޓީ ދެބައިވި ކަމުގައި އެއްބަސްވެވަޑައިގެން ބައެއް މެންބަރުން ޓްވިޓާގައި ވަނީ ވާހަކަ ވެސް ދައްކަވައިފައެވެ.