ދުނިޔޭގެ ސްކައުޓް ކޮމިޓީގެ ޔޫތު އެޑްވައިޒަރަކަށް ރާއްޖެއިން ވާދަކުރަން ނިންމައިފިއެވެ.

ރާއްޖޭގެ ސްކައުޓް އެސޯސިއޭޝަންގެ ފަރާތުން މި މަގާމަށް މިފަހަރު ވާދަކުރަނީ ބެޓާ ވޯލްޑް ފްރޭމް ވޯކްގެ ހެޑްކުއާޓާ ކޮމިޝަނަރު، މުހައްމަދު ފައުޒޫންއެވެ.

މި މަގާމަށް 19 ގައުމަކުން ވާދަކުރާއިރު ހަތް ޒުވާން ސްކައުޓެއް އިންތިހާބު ކުރާނެއެވެ.

މަޖީދިއްޔާ ސްކައުޓް ގްރޫޕްގެ ލީޑަރުކަން ކުރައްވަމުން ގެންދަވާ ފައުޒޫން ބުނީ މި މަގަމާށް އޭނާ ކުރިމަތިލީ ބައިނަލްއަގްވާމީ ފެންވަރުގައި ޒުވާނުން ބާރުވެރިކުރުމުގެ މަސައްކަތް ކުރުމަށް ކަމަށެވެ. އަދި ޒުވާނުންނަށް ފަހި ފުރުސަތުތަކެއް ހޯދައި ދިނުމުގެ އިތުރުން އެކި ކަންކަމަށް ޒުވާނުން ހޭލުންތެރިކުރުވުމަށް ކަމަށް އޭނާ ބުންޏެވެ.

އޭނާ ގަބޫލުކުރާ ގޮތުގައި މި މަގާމަށް އާދެވުމަކީ ރާއްޖެއަށް ލިބޭނެ ބޮޑު ފަހުރެކެވެ. އަދި ދުނިޔޭގެ ސްކައުޓް ހަރަކާތުގެ ކުރީސަ ފުގައި ރާއްޖޭގެ އަޑު ގުގުމިގެން ދާނެ ކަމެއް ކަމަށް އޭނާ ބުންޏެވެ.

ފައުޒޫން ބުނީ އޭނާގެ އަމާޒަކީ ބައިންލްއަގްވާމީ އެކި މައްސަލަތަކަށް ޒުވާނުން އަހުލުވެރިކޮށް، އެ މައްސަލަތައް ހައްލުކުރަން މަސައްކަތް ކުރުން ކަމަށެވެ. އަދި ޒުވާނުން ބިނާކޮށް، ގައުމުގެ ޒުވާން ސްކައުޓުންނަށް ބައިނަލްއަގްވާމީ ފުރުސަތުތައް ހޯދައި ދިނުން ކަމަށް އޭނާ ބުންޏެވެ.

2019 ވަނަ އަހަރު ތައިލެންޑްގައި ބޭއްވި މެސެންޖާސް އޮފް ޕީސްގެ އެންއެސްއޯ ވޯކްޝޮޕްގެ ތެރެއިން ---

ފައުޒޫން ނިސްބަތްވާ ފަސްޓް މާލެ ސްކުއުޓް ގްރޫފްގެ ލީޑަރު މުހައްމަދު އަބްދުﷲ ސައީދު ވިދާޅުވީ، ފައުޒޫނަކީ ކުޅަދާނަ ކެރޭ، އަދި ހިތްވަރު ގަދަ ޒުވާން ސްކައުޓެއް ކަމަށެވެ. އަދި ފައުޒޫނަކީ ބައިނަލްއަގްވާމީ ފެންވަރުގައި މަސައްކަތް ކުރުމުގެ ގާބިލިއްޔަތުކަން ހުރި، މީހުންނާ ފަސޭހައިން ގުޅޭ އަދި އެކުގައި މަސައްކަތް ކުރުމުގެ ހުނަރު ހުރި ލީޑަރެއް ކަމުގައި އޭނާ ސިފަކުރެއްވިއެވެ.

"ފަައުޒޫން އާ މެދު އަޅުގަަނޑު ޝައްކެއް ނުކުރަން. މަޖީދިއްޔާ ސްކައުޓް ގްރޫޕަށް ނިސްބަތްވާ ފަހުރުވެރި ސްކައުޓެއް އެއީ. ކޮންމެ ގަޑިއަކުވެސް ފަސޭހައިން އަތު ޖެހޭނެ. އަނެއްކާ ކުރާ ކަމެއް ވަރަށް ފުރިހަމައަށް، ކަމާވެގެން ކުރާނެ. ހަރުދަނާ ލީޑާޝިޕްގެ ވެރިއެއް އެއީ. އުންމީދުކުރަނީ ފައުޒޫންއަށް މި އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމަށް. ކާމިޔާބުވެއްޖެ ނަމަ އެއީ މަޖީދިއްޔާއަށް ލިބޭނެ ބޮޑު ޝަރަފެއް" މަޖީދިއްޔާ ސްކައުޓް ލީޑަރެއްގެ ގޮތުގައި 30 އަހަރު ހިދުމަތް ކޮށްދީފައިވާ ސައީދު ވިދާޅުވިއެވެ.

ސްކައުޓް އެސޯސިއޭޝަންގެ ޗީފް ކޮމިޝަނަރު، އައިޝަތު އަހުލާމް ވިދާޅުވީ ފައުޒޫނަކީ އަޒުމް ވަރުގަދަ، އަދި ހިތްވަރާއެކު ސްކައުޓް ހަރަކާތުގައި މަސައްކަތް ކުރަމުންދާ ޒުވާނެއް ކަމަށެވެ. ގައުމީ އަދި ބައިނަލްއަގްވާމީ ފެންވަރުގައި ވެސް ސްކައުޓް ހަރަކާތް ކުރިއެރުވުމަށް އެތައް ހިދުމަތެއް ފައުޒޫން ކުރަމުން އަންނަކަން އޭނާ ފާހަގަކުރެއްވިއެވެ.

"އެންމެ ފުރަތަމަވެސް އަޅުުގަނޑު ބޭނުމީ ސްކައުޓް އެސޯސިއޭޝަންގެ ފަރާތުން ފައުޒޫންއަށް މަރުހަބާ ކިޔަން. އެއީ ދުނިޔޭގެ ސްކައުޓް ކޮމިޓީގެ ޔޫތު އެޑްވައިޒަރަކަށް ރާއްޖޭގެ ފަރާތުން ވާދަކުރަން ހޮވުނީމަ. ހަގީގަތުގައި މި ކުޑަ ރާއްޖޭގެ ފަހުރުވެރި ދިވެހި ސްކައުޓެއް އެ މަގާމަށް ވާދަކުރާކަމީ އަޅުގަނޑު ވަރަށް ފަހުރުވެރިވާ ކަމެއް. އުންމީދު ކުރަނީ މި މަގާމަށް ފައުޒޫން އިންތިހާބު ވާނެ ކަމަށް. އަދި ރާއްޖޭގެ ސްކައުޓް ހަރަކާތް އިތުރު ހަރުފަތަކަށް ގެންދިއުމަށް މަސައްކަތް ކުރާނެ ކަމަށް" ޗީފް ކޮމިޝަނަރު، އަހްލާމް ވިދާޅުވިއެވެ.

މިއީ މި މަގާމަށް ރާއްޖެއިން ވާދަކުރާ ދެ ވަނަ ފަހަރުއެވެ. އެންމެ ފުރަތަމަ މި މަގާމަށް ވާދަކުރެއްވީ ދަރުމަވަންތަ ސްކައުޓް ގްރޫޕްގެ ލީޑަރުކަން ކުރައްވަމުންދާ މައިދު މުހައްމަދު ޒާހިރުއެވެ. އޭނާ ވަނީ އެ ފަހަރު އިންތިހާބު ކާމިޔާބުކުރައްވައިފައެވެ. އަދި 2014 އިން 2017 އަށް އެ މަގާމު ފުރުއްވާފައިވެއެވެ.

2018 ވަނަ އަހަރު ރައިސުލްޖުމްހޫރިއްޔާގެ ހާއްސަ އެވޯޑް---

މަޖީދިއްޔާ ސްކައުޓެއްގެ ގޮތުގައި އުޅުނު ފައުޒޫން ރޯވަ ސްކައުޓް ފެށީ، ޣިޔާޘުއްދީން ސްކޫލްގައި 2014 ވަނަ އަހަރުގައެވެ. އެއަށްފަހު 2016 ވަނަ އަހަރު މަޖީދިއްޔާ ސްކޫލްގެ ސްކައުޓް ގްރޫޕާއި އަލުން ގުޅެ، އެ ސްކޫލްގެ ރޯވަރ ސްކައުޓެއްގެ ގޮތުގައި ހަރަކާތްތެރިވާން ފެށިއެވެ.

ސްވިޓްޒަލެންޑްގައި 2017 ވަނަ އަހަރު ބޭއްވުނު، [ދެވަނަ ވަރލްޑް ސްކައުޓް އެޑިޔުކޭޝަން ކޮންގްރެސް]ގައި ރާއްޖޭގެ ސްކައުޓް އެސޯސިއޭޝަންގެ ފަރާތުން ބައިވެރިވިއެވެ. އަދި 2015 އިން 2017 އަށް، ނޭޝަނަލް ސްކައުޓް ޔޫތު ކައުންސިލުގެ މެންބަރުކަން ކުރިއެވެ.

މިހާރު އޭނާއަކީ އެ އެސޯސިއޭޝަންގެ ހެޑްކުއާޓާ ކޮމިޝަނަރެއްގެ އިތުރުން މަޖީދިއްޔާ ސްކޫލްގެ ސްކައުޓް ލީޑަރެކެވެ. ރޯވާ ސްކައުޓް ފުރިހަމަ ކުރުމަށް ފަހު 2018 ވަނަ އަހަރު އޭނާ ވަނީ ރައީސުލްޖުމްހޫރިއްޔާ ދެއްވާ ބޭޑެން ބަވަލް އެވޯޑްވެސް ހޯދައިފައެވެ.