ބްލޮގަރ އަދި ސޯޝަލް މީޑިއާ އެކްޓިވިސްޓް، ޔާމީން ރަޝީދު މަރުގެ މައްސަލާގައި ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް، ވަކާލާތުކޮށް ނުދެއްވާތީ އެކަމުގެ ޝަކުވާކޮށް، ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ފޮނުވައިފިއެވެ.

އެ މައްސަލަ މަޖިލީހަށް ހުށައަޅާފައިވަނީ އެސޯސިއޭޝަން އޮފް ޑިމޮކްރަސީ އޮފް މޯލްޑިވްސް އިންނެވެ.

ޔާމީންގެ މަރުގެ މައްސަލާގައި ޝަރިއަތުގައި ވަކާލާތުކޮށް ދޭން އާއިލާއިން ޕީޖީ ޝަމީމް އަރިހު އެދިފައިވަނީ މި އަހަރުގެ ފެބްރުއަރީ މަހުއެވެ.

މައްސަލަ މަޖިލީހަށް ހުށައަޅަން ޖެހުނީ އާއިލާގެ އެދުމަށް މިހާތަނަށް ޖަވާބެއް ދެއްވުމުގެ ބަދަލުގައި އާއިލާއަށް ގޯނާކޮށް، ޕީޖީ އޮފީހުން މަސްއޫލިއްޔަތު ނެގުމަށް އިންކާރުކޮށް ދައުލަތުގެ އެހެނިހެން މުއައްސަސާތަކަށް ޝަކުވާ ކުރަމުންދާ ކަމަށް ބުނުމާއި ގުޅިގެންް ކަމަށް އެ ޖަމިއްޔާގެ ބަޔާނުގައިވެއެވެ.

ޔާމީންގެ އާއިލާއިން، ޕީޖީ ވަކާލާތު ކޮށްދޭން އެދިފައިވަނީ މައްސަލާގައި ދައުލަތުން ވަކާލާތު ކުރައްވަމުން ގެންދަވާއިރު ގައި މުހިއްމު ތާރީހްތައް ފަދަ މައްސަލައިގައި ހިމެނޭ ހައްސާސް މައުލޫމާތު ހަނދާނުގައި ނުހުރުން ފަދަ ސަބަބުތަކާއި ހެދިއެވެ.

އަދި ޔާމީންގެ މަރުގެ މައްސަލައިގެ ދިފާއީ ވަކީލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ، ބާ ކައުންސިލްގެ ރައީސް މައުމޫން ހަމީދު ދައުވާ އާއި ގުޅުން ނެތް ވާހަކަތައް ދައްކައި މައްސަލަ ދިގުދަންމަން މަސައްކަތް ކުރައްވާއިރު އެކަން ހުއްޓުވުމަށް ފަނޑިޔާރަށް ހުށައަޅާފައި ނުވާތީ ކަމަށް ބަޔާނުގައިއެވެ.

އާއިލާއިން ޕީޖީއަށް ފޮނުވި ސިޓީއަށް ޖަވާބެއް ދިނުމުގެ ބަދަލުގައި ސިޓީ ފޮނުވި ފަރާތަށް އީމެއިލް ކޮށް އޭނާގެ ފޯނު ނަންބަރު ހިމަނާފައި ސިޓީ ފޮނުވުމަށް އެންގުމާއި، ސިޓީ ފޮނުވި ފަރާތަށް ފޯނުން ގުޅަށް ޕީޖީގެ އެދިލެއްވުމަކަށް ބައްދަލުވުމަކަށް ދިއުމަށް އަންގާ، ބައްދަލުވުމުގެ ބޭނުން ބުނެދިނުމަށް އިންކާރުކޮށްފައިވާ ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ޔާމީން ރަޝީދު މަރާލީ އޭޕްރީލް 23، 2017 ގެ ދަންވަރުގެ ވަގުތެއްގައެވެ. އޭނާ މަރާލީ އޭނާ ދިރިއުޅޭ ގޭގެ ސިޑި ގޮޅި ތެރޭގައެވެ.

މަރުތަކުގެ ހަގީގަތާ ހަމައަށް ވާސިލް ވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި ރިޔާސީ ކޮމިޝަނުން ވެސް މި މައްސަލަ ތަހުގީގު ކުރަމުންދެއެވެ. އެ ކޮމިޝަނުން މިހާތަނަށް ކުރެވުނު ތަހުގީގުގެ މައްޗަށް ބުނެފައިވަނީ ޔާމީން ރަޝީދު މަރާލަން ރާވާފައިވަނީ ރާއްޖޭގައި ހަރަކާތްތެރިވާ ދީނީ ގޮތުން ހަރުކަށި ފިކުރުގެ ޖަމިއްޔާއަކުންނެވެ.