ޚިޔާނާތުގެ 42 ދައުވާ އުފުލާފައިވާ ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު ވ. ތިނަދޫ، ރެޑް ހައުސިން، އަޙްމަދު މޫސާ މުޙައްމަދު (އައްމަޓީ) ހުރީ ދޫކޮށްލާފައި ނޫން ކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވީ، ސީލައިފް އައްމަޓީ ބަންދުން ދޫ ނުކުރާ ކަމަށާއި އޭނާ ހުރީ މިވަގުތު ޝަރުތުކޮށް މާލޭ ސަރަހައްދުގައި ކަމަށެވެ.

"ވެގެން އުޅޭ ގޮތަކީ ކޯޓުތަކުން މިވަގުތު ނިންމަވާފަ އޮތީ ޓްރެވެލް ޑޮކިއުމެންޓްސް އަތުލުމަށްފަހު، ވަކި ގޮތަކަށް ޝަރުތުކޮށް މާލޭ ސަރަހައްދުގައި ހުންނަން ޖެހޭނެ ކަމަށް" މަބްރޫކު ވިދާޅުވިއެވެ.

މަބްރޫކު ވިދާޅުވީ، އައްމަޓީގެ ކޯޓު މަރުހަލާތައް ކުރިއަށްދާ ކަމަށާއި އޭނާގެ ސަބަބުން ގެއްލުން ލިބުނު މީހުންނަށް އިންސާފު ހޯދައި ދިނުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށެވެ.

މިއަދު ކުރިއަށްދިޔަ އަޑު އެހުމުގައި އައްމަޓީ ދޫކޮށްލާފައިވަނީ ދެފަރާތުގެ ވާހަކަތަކަށް ރިއާޔަތް ކުރުމަށްފަހުއެވެ. އެގޮތުން ދައުލަތުން ވަނީ އަނެއްކާ ވެސް އޭނާގެ ޝަރީއަތް ނިމެންދެން ބަންދު ކުރަން އެދިފައެވެ. ސަބަބަކަށް ދައުލަތުން ފާހަގަކުރީ ހެއްކަށް ނުފޫޒު ފޯރުވާނެ ކަމާއި މުޖުތަމައަށް ނުރައްކާވާ ކަމުގެ އިހުމާލު އޮތުމެވެ.

އެކަމަކު މިއަދުގެ އަޑުއެހުމުގައި އައްމަޓީގެ ގާނޫނީ ވަކީލް އަދި ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހްތާޒް މުހްސިން ވިދާޅުވި ގޮތުގައި އައްމަޓީއަކީ ފިލައިގެން އުޅުނު މީހެއް ނޫނެވެ. އަދި މައްސަލާގައި ހިމެނެނީ ކީތާބީ ހެކި އެކަނި ކަމުން ހެއްކަށް ނުފޫޒު ނުފޯރުވުމުގެ ޖާގައެއް ނެތް ކަމަށް ވަކީލް ވިދާޅުވިއެވެ.

އައްމަޓީގެ މައްޗަށް މިހާ ގިނަ ދައުވާތަކެއް އުފުލީ ހައުސިން ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ސީ-ލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ހުޅުމާލޭގައި 3000 ހައުސިން ޔުނިޓް އެޅުމަށް، ސީ-ލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރި ފްލެޓްތައް ނާޅައި މީހުންގެ އަތުން ފައިސާ ނަގައި އަދި އެ ފައިސާ އަށް ހިޔާނަތްތެރިވި މައްސަލައިގައެވެ.