އަތޮޅު ތެރޭގެ ރަށަކުން އެންމެ ގިނަބަޔަކު ކޮވިޑް-19އަށް ފައްސި ޅ. ނައިފަރުގައި އެ ބައްޔާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދިން ނަމަވެސް، މޮނީޓަރިންގ ހާލަތު އަދި އުވާލެވެން ނެތް ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވެއްޖެއެވެ.

އެރަށުގައި ފިޔަވަޅުތަކަށް ލުއި ދީފައިވާއިރު، މިއަދު އެރަށުގެ މޮނީޓަރިންގ ހާލަތު އުވާލާނެ ކަމަށް ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވަނީ ހެލްތް މިނިސްޓަރާއި ހަވާލާދީ ވިދާޅުވެފައެވެ.

ޑިރެކްޓަރ އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ އެރަށު ކައުންސިލް ރައީސަށް ފޮނުވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ، އެރަށް މޮނީޓަރިންގ ހާލަތުގައި ގިނަ ދުވަސްތަކެއްވާކަމީ އެ އެޖެންސީންވެސް ކަންބޮޑުވާކަމެއް ކަމަށެވެ.

އަދި ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ހެލްތް އެމާޖެންސީ އޮޕަރޭޝަން ސެންޓަރ(އެޗްއީއޯސީ)ން ސެޝަންތަކެއް ބާއްވާފައިވާ ކަމަށާއި، އަދި އެ އެޖެންސީގެ ޓީމެއް އެރަށަށް ގޮސްވެސް މަސައްކަތް ކޮށްފައިވާ ކަމަށް އެ ސިޓީގައި ވެއެވެ.

އަދި ރަށުގެ ހާލަތު އާއްމު ހާލަތަކަށް ގެނައުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަކީ މުހިންމު ކަމެއް ކަަމަށް ދެކޭ ކަމަށް އެ ސިޓީގައި ވެއެވެ.

އަދި އެރަށު ކައުންސިލުން އެ އެޖެންސީއަށް ފޮނުވި ސިޓީގައި ކޮވިޑް ކޮންޓްްރޯލް ކުރުމުގެ ގޮތުން އެރަށުގައި އެޅިފައިވާ ފިޔަވަޅުތަކުގެ ސަބަބުން ރައްޔިތުންނަށް އިންތިހާއަށް ދަތިތަކެއް ކުރިމަތިވަމުންދާކަން ފާހަގަކުރައްވާފައިވާތީ އާއި އެރަށުން ކޮވިޑަށް ފައްސިވާ އަދަދުތައް ދަށްވެފައިވާތީ، އެރަށުގައި އަޅާފައިވާ ފިޔަވަޅުތައް ކުރިއަށް ނުގެންދިއުމަށް ނިންމާފައިވާ ކަމަށް އެ އެޖެންސީން ފޮނުވި ސިޓީގައި ވެއެވެ.

"އެހެން ނަމަވެސް ރަށު ތެރޭގައި އުޅޭ އުޅުމުގައި އާއި މަސައްކަތްތައް ކުރުމުގައި ކޮވިޑް-19ގެ ހާލަތުގައި އަޅާފައިވާ އެންމެހާ ރައްކާތެެރިކަމުގެ ފިޔަވަޅުތަަކަށް ހުރިހާ ފަރާތްތަކުން އަމަލުކުރަމުންދޭތޯ ބެލުމަށް ދެންނެވީމެވެ". އެ ސިޓީގައި ވެއެވެ.

އެ ސިޓީގައި އިތުރަށް ވިދާޅުވެފައި ވަނީ އެރަށުގައި އެޅިފައިވާ ފިޔަވަޅުތަކަށް ބަދަލު ގެންނަން ނިންމި ނަމަވެސް، އެންމެ ފަހުގެ ވޭދަނަަ ފެނުނުމަށް ފަހު މޮނީޓަރކޮށް ބެލުމަށް ހަމަޖައްސާފައި އޮންނަ މުއްދަތާއި ކަންކަން ފުރިހަމަވަންދެން ރަށަށް އަރައި ފޭބުން އަދިވެސް ދެމި އޮންނަނާނެ ކަމަށެވެ.

މިހާރުގެ އުސޫލުގެ ދަށުން ރަށެއް މޮނީޓަރިންގގެ ހާލަތުން ނެގުމަށްޓަކައި މިންގަނޑުތަކެއް ކަނޑައެޅިފައިވެއެވެ. އެގޮތުން ވަކި ތަރުތީބެއް ނެތި ނެގު ސުންކު ނަގައިގެން ނުވަތަ އަލާމާތެއް ފެނިގެން ކަރަންޓީންގައި ނެތް މީހެއްގެ ސުންކު ފައްސިވެއްޖެނަމަ، ފައްސިވި ތާރީހުން ފެށިގެން 14 ދުވަހުގެ މުއްދަތަކަށް ރަށުގެ ހާލަތު ބެލޭނެ އެވެ. އަދި އެ މުއްދަތުގައި އިތުރު ވޭދަަނައެއް ނުފެންނަ ނަމަ އެރަށެއްގެ މޮނީޓަރިންގ ހާލަތުން ނެގޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު