އަފްޣާނިސްތާންގެ ޖަލެއްގައި ދިވެހި އާއިލާއެއް ތިބި ކަމުގެ މައުލޫމާތު ލިބިގެން އެމީހުންގެ ހާލަތު ބަލަން އެގައުމަށް ދިޔަ ދިވެހި ފުލުހުން އެމީހުންނަށް އަނިޔާކުރި ކަމަށް ބުނެ ދައްކަމުން ގެންދާ ވާހަކަތައް ފުލުހުން ދޮގުކޮށްފިއެވެ.

ފުލުހުން ދެންމެ ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ ކ.މާލެ، މ.މޫންލައިޓްވެލީ، ޢަލީ ޝާފިޢު އޭނާގެ އަނބިމީހާއާއި ދަރިންނާއެކު އަފްޣާނިސްތާނުގައި ހައްޔަރުކޮށްފައިވާ މައްސަލައާ ގުޅޭގޮތުން ދެކެވޭ ވާހަކަތަކަށް ރައްދުދީފައެވެ. ފުލުހުން ވިދާޅުވީ ޢަލީ ޝާފިޢާއި އޭނާގެ އަނބިމީހާއާއި ހަތަރު ދަރިން އަފްޣާނިސްތާނުގެ ނަންގަރްހާރު ޕްރޮވިންސްއިން ހައްޔަރުކޮށްފައިވާކަމުގެ މަޢުލޫމާތު އިންޓަރޕޯލް މެދުވެރިކޮށް 2018 ނޮވެންބަރު 18 ވަނަ ދުވަހު ފުލުހުންނަށް ލިބުނު ކަމަށެވެ.

މި މަޢުލޫމާތު ލިބުމާއެކު އަފްޣާނިސްތާނުގެ ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ފުލުހުންގެ ޓީމެއް 2019 ފެބުރުއަރީ މަހު ތެރޭގައި އަފްޣާނިސްތާނަށް ގޮސްފައިވާ ކަމަށާއި މި ކަންކަމާ ގުޅޭ ތަފްޞީލުތައް 2019 ޑިސެންބަރު 03 ވަނަ ދުވަހު ފުލުހުން އާއްމުކޮށްފައި ވާނެ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން ޢަލީ ޝާފިޢުއާއި އޭނާގެ އަނބިމީހާގެ މައްޗަށް އަފްޣާނިސްތާނުގެ ކަމާބެހޭ އިދާރާއިން އުފުލާފައިވާ ދައުވާ ސާބިތުވާކަމަށް ކަނޑައަޅައި އެގައުމުގެ ކޯޓުން ހުކުމްކޮށްފައިވެއެވެ.

މި މައްސަލައިގައި ޢަލީ ޝާފިޢަށާއި އޭނާގެ އާއިލާއަށް، ދިވެހި ފުލުހުންގެ ޚިދުމަތަށް ނިސްބަތްވާ ފުލުހުން އަނިޔާކޮށް، ހުތުރު ބަހުން މުއާމަލާތު ކޮށްފައިވާ ކަމަށްބުނެ ސޯޝަލް މީޑިއާގައި ފަތުރަމުންދާ ވާހަކަތަކަކީ ކަނޑައެޅިގެން ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް ފުލުހުންގެ ބަޔާނުގައި ވިދާޅުވިއެވެ.

"މި މައްސަލައާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން ކޮށްފައިވާ އެއްވެސް މަސައްކަތެއްގެ ތެރެއިން، އިންސާނީ ހައްގަށާއި ކަރާމަތަށް އުނިކަން އަތުވެދާނެ އެއްވެސް ކަމެއް ކޮށްފައި ނުވާނެކަމުގެ ޔަގީންކަން އަރުވަމެވެ." ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ ސޯޝަލް މީޑިއާ މެދުވެރިކޮށް، ސަލާމަތީ ހިދުމަތްތަކާއި ގާނޫނު ތަންފީޒުކުރާ އިދާރާތަކާއި އެ އިދާރާތަކުގެ ވަކިވަކި މުވައްޒަފުންނާމެދު، މީހުންގެ މެދުގައި ނަފްރަތު އުފައްދައި، އެ މުވައްޒަފުންގެ ފުރާނަ ނުރައްކަލަށް ހުށަހެޅޭގޮތަށް، ހަގީގަތާ ހިލާފު ވާހަކަތައް ދައްކައި، ސޯޝަލް މީޑިއާގައި ވަކިވަކި ޕޯސްޓްތައް ކުރަމުންދާ މީހުންގެ މައްސަލަތަކާއި، މިފަދަ ހަގީގަތާ ހިލާފު ވާހަކަތަކަށް ހިތްވަރުދޭ ފާރާތްތަކުގެ މައްސަލަތައް ތަހުގީގުކޮށް، އެމީހުންނާމެދު ގާނޫނީ ގޮތުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅަމުން ގެންދާނެކަމަށެވެ.

ޢަލީ ޝާފިޢު އަކީ ދީނީ ހަރުކަށި ފިކުރަށް ތާއީދުކުރާ، އެފަދަ ފަރާތްތަކާއި ގުޅުން ބާއްވަމުން އައިސްފައިވާ މީހެއްކަމަށް ފުލުހުން 2019 ވަނަ އަހަރު ނެރުނު ނޫސްބަޔާނުގައި ވިދާޅުވެފައި ވެއެވެ.

2015 ފެބްރުއަރީ 09 ވަނަ ދުވަހު ޢަލީ ޝާފިޢު އޭނާގެ ކުރީގެ އަނބިމީހާ އާއި ދަރިފުޅު ގޮވައިގެން ސީރިޔާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިގައި ބައިވެރިވުމަށް ތުރުކީއަށް ދިއުމަށް ފުރަން އުޅެނިކޮށް ފުލުހުން ވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯރޓުން އެމީހުން ހިފަހައްޓާފައެވެ.

ޢަލީ ޝާފިޢުއަކީ ހަތިޔާރު ގެންގުޅެ ފޮރުވިކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި 2015 ސެޕްޓެމްބަރ 30 ވަނަ ދުވަހު ހައްޔަރުކުރެވުނު މީހެކެވެ. މިގޮތުން ބ.ހިބަޅިދޫ ކައިރީ ކަނޑުތެރެއިން ފެނުނު ހަތިޔާރާއި، ގޮވާތަކެއްޗާއި ގުޅުންހުރި ބައެއް ތަކެތި ޢަލީ ޝާފިޢުގެ އަތުން ފެނުނު ނަމަވެސް މިމައްސަލައިގައި ޝަރީޢަތަށް ސާބިތުކުރެވޭ މިންވަރަށް ހެއްކާއި ޤަރީނާ ނެތުމުގެ ސަބަބުން 2016 ޖެނުއަރީ 18 ވަނަ ދުވަހު ޢަލީ ޝާފިޢު ވަނީ ބަންދުން ދޫކޮށްލާފައެވެ.

2018 ޖޫން 23 ވަނަ ދުވަހު ޢަލީ ޝާފިޢު ވަނީ އޭނާގެ އަންހެނުންނާއި ހަތަރު ދަރިންނާއިއެކު ބޭސްފަރުވާކުރުމަށް ސްރީލަންކާއަށް ގޮސް، 2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ސްރީލަންކާއިން ޕާކިސްތާނަށް ދަތުރުކޮށް، ޕާކިސްތާނުގެ މަގުން އަފްޣާނިސްތާނަށް އެތެރެވެފައެވެ.

ޢަލީ ޝާފިޢު ސްރީލަންކާއިން ޕާކިސްތާނަށް ދަތުރުކުރިކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބުމާއި ގުޅިގެން ބޭރުގެ ސަލާމަތީ އަދި ތަންފީޒޯ އިދާރާތަކާއި ގުޅިގެން ބެލިބެލުމުން ޢަލީ ޝާފިޢު ޕާކިސްތާނުގައި ޙަރަކާތްތެރިވަމުންދާކަމުގެ މަޢުލޫމާތު ލިބުނު ކަމަށް ކުރިން ފުލުހުން ވިދާޅުވެފައި ވެއެވެ.

އޭގެފަހުން 2018 ނޮވެމްބަރ 11 ވަނަ ދުވަހު ޢަލީ ޝާފިޢުއާއި އޭނާގެ އަންހެނުންނާއި ދަރިން އަފްޣާނިސްތާނުގެ ނަންގަރްހާރް ޕްރޮވިންސްއިން ހައްޔަރުކޮށްފައިވާކަމުގެ މަޢުލޫމާތު އިންޓަރޕޯލް މެދުވެރިކޮށް ފުލުހުންނަށް ލިބިފައިވެއެވެ. އަދި ޢަލީ ޝާފިޢު އަފްޣާނިސްތާނަށް ދަތުރުކޮށްފައިވަނީ އަފްޣާނިސްތާނުގައި ޙަރަކާތްތެރިވާ އިސްލާމިކް ސްޓޭޓް ޖަމާޢަތުގެ ގޮތްޕެއް ކަމަށްވާ “އިސްލާމިކް ސްޓޭޓް ޚޮރަސާން ޕްރޮވިންސް” (އައި.ސިސް.ކޭ) އާއި ގުޅުމަށްކަމަށާއި، ޢަލީ ޝާފިޢުގެ އަތުން ނެގުނު ޑިޖިޓަލް ޑިވައިސްއަކުން އިސްލާމިކް ސްޓޭޓް ޖަމާޢަތުގެ ޕްރޮޕެގެންޑާ ވީޑިއޯތަކެއް ފެނިފައިވާކަމަށްވެސް މަޢުލޫމާތު ލިބުނު ކަމަށް ފުލުހުން ވިދާޅުވެފައި ވެއެވެ.

ޢަލީ ޝާފިޢުއާއި އޭނާގެ ޢާއިލާ އަފްޣާނިސްތާނުގައި ހައްޔަރުކޮށްފައިވާކަމުގެ މަޢުލޫމާތު ލިބުމާއިއެކު ފުލުހުން އަފްޣާނިސްތާނުގެ ޤާނޫނު ތަންފީޛުކުރާ އިދާރާތަކާއި ގުޅިގެން މިމައްސަލަ ވަރަށް ގާތުން ބަލަމުން ގޮސްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. މިމައްސަލަ ތަޙްޤީޤުކުރުމަށް އަފްޣާނިސްތާނުގެ ކަމާގުޅޭ އިދާރާތަކާއިއެކު ދިވެހި ފުލުހުން ވަނީ ޖޮއިންޓް އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައެވެ. ޢަލީ ޝާފިޢު އަފްޣާނިސްތާނަށް ފޮނުވުމުގައި ޙަރަކާތްތެރިވި ނެޓްވޯކްގެ އިސްފަރާތްތައް އައިޑެންޓިފައިކޮށް އެމަޢުލޫމާތު ފުލުހުންގެ ފަރާތުން ވަނީ އަފްޣާން ފުލުހުންނާއި ޙިއްސާކޮށްފައި ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.

ޢަލީ ޝާފިޢުގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައިގައި އަފްޣާނިސްތާނުގެ ޤާނޫނު ތަންފީޛުކުރާ އިދާރާތަކުން އެމައްސަލަ ތަޙްޤީޤުކޮށް، އޭނާގެ މައްޗަށް ޝަރީޢަތް ހިންގުމަށްފަހު ޢަލީ ޝާފިޢުގެ މައްޗަށް ޓެރަރިޒަމްގެ ކުށް ސާބިތުވެގެން 21 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ވަނީ ޙުކުމްކޮށްފައެވެ.

މާލޭގައި ތިބި ޢަލީ ޝާފިޢުގެ އާއިލާ މެންބަރުން މިހާރު ޢަލީ ޝާފިޢުގެ އާއިލާ ރާއްޖެ ގެނައުމަށް ސަރުކާރުން މަސައްކަތް ކުރުމަށް ގޮވާލައި މީސް މީޑިއާގައި ކެމްޕޭނެއް ކުރަމުން އެބަގެންދެއެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

 1. ސަނދުވާ

  އެމީހުންނަށް ބަވަ އި އަނިޔާވެރިވާނެނަމަ، ނުރަ އްކަލުން ފުރިގެންވާ ތަނެ އްގެ ޖަލުގަ އިތިބި ބަޔަކަށް މަދަދުވެރިވާން ދިވެހި ފުލުހުން ދާނެތޯ؟ ދޮގުހަދަ އިގެންވެސް ދަ އްކަންވާނީ ބު އްދި ޤަބޫލު ކުރާކަހަލަ ވާހަކަ.

  11
  1
 2. ކީކޭ ބުނާނީ

  ﷲޔާ ވަކީލް

 3. ޖޭޒު

  ދީނޭކިޔާގެން ޖިހާދަ އްގޮސް އަދި ހުރިހާނުބަ އިކަމެ އްކޮ އްފަ ދިވެހިފުލުހުން ބަދުނާމުކުރަނީ ކީ އްވެ

  15
  3
 4. ސަނީމާ

  އޮންނާނީ އަނިޔާ ކޮއްފަ، ކޮން ބައެއްތީ

  10
  4
 5. 😶

  ﷲ ރާއްޖޭގެ ރައްޔިތުންނަށް ހެޔޮވިސްނުން ދެއްވާށީ

  14
 6. ށުމަން

  ސަރުކާރުން ނޫސް ކޮންފެރެންސް ބޭވުން ނޫން ކަމެއް ނުކުރޭ. ޢައްޑޫގައި އިންޑިއާ ކޮންސިއުލޭޓް އަޅަނީ ކޮން ޑީލެއްގެ ދަށުން ތޯ؟ ފޯކަސް ގެއްލުވާ ލަން ވ ގިނަކަން ކަން މިހާރު ސަރުކާރުން އެބަ ޖައްސާ!!

  11
 7. ވިސްނާ ފިކުރުކުރޭ

  ކޮންމެ ނަފުސއް މަރުގެ ރަހަދެކި ދުނިޔެއިން ނިމިދާނެޔޭ
  ލިބޭ ކުޑަ ވަގުތު ކޮޅު ﷲ އައއް ޒިކުރު ކުރުންމަތީ ގިނަކުރާށެވެ
  މިރޭވެސް ތިބާ ނިދުމައްފަހު ހޭލެވޭނެ ކަން ހުދުތިބާ އައްވެސް ނޭނގޭނެޔޭ
  އަހަރެންގެ ބޭބެ 35 އަހަރުގެ ރައްޓެހިންތައް ކައިރީ ހުއްޓަ މަރުވެގެން ވެއްޓުނީ 😢

 8. ހާމިދު ޝާހިދު

  ހަރުކަށި ފިކުރުގެ އާއިލާތަކުގެ މީހުން އަނބުރާ ގެންނާނެ ކަމެއްނެތް. ބައިތިއްބާ. އަދި އެމީހުންގެ ސިޓިޒަންޝިޕް ކެންސަލް ކޮށްލާ. ބޮޑު ނޮހޮރުއްޕާނެއް ތި ބައިގަނޑާ ހެދި.

  7
  5
 9. މިތުރާ

  ސަހަރޯ؟ އެހެނިހެން ގަ އުމު ތަކުގެ ސިފަޢިންނާ ބަލާފަ ބުނެވޭނީ ދިވެހި ސިފަ އިން،ދިވެހި ޖަލު ވ ކޫލް، . މިބަ އިމީހުންގެ ދަރިންނަށް ޖެހިފަވާ މުސީބާތުން މިނިވަންވެ ހެޔޮހާލުގަ ލަ އްވާދޭ! އާމީން!

 10. ސަމާ މާލެ

  ރާއްޖޭއިން ބޭރަށް ހަނގުރާމައަށް، ގޮސްތިބި އެއްވެސް މީހަކު ރާއްޖޭގެ ސަރުކާރުން ގެންނާކައް ނުޖެހޭ. ކީކުރަންތަ ހަނގުރާމަޔައް ދިޔައީ. މި ރާްްްއްޖޭގަ ރީތިކޮއް އުޅޭން ނުކެރިގެން.

  6
  1
 11. ނަދާ

  އެއްވެސް ގޮތަކަށް އަނިޔާއަކަށް ތާއީދެއް ނޫން. ތިޔަ އާއިލާއަށްވެސް އެއްވެސް މީހަކު އަނިޔާވެރިވުމަކަށް ނޭދެން. އެމީހުންގެ ކުށެއް އޮތިއްޔާ ޤާނޫނީ އިމުގެ ތެރެއިން އެމީހުންނަށް އަދަބު ދޭންވީ. ނަމަވެސް ދަންނަވަންތޯ، އައިއެސް މީހުން ނުހައްގުން ކިތަށް މުސްލިމުންތޯ ކަތިލީ؟ އެމީހުންގެ ކިތަށް ދަރިންތޯ ޔަތީމު ވެގެން ދިޔައީ. ކިތަށް ހާސް އަނބިންތޯ މަގުމަތިވެ އެމީހުންގެ ހަށިވިއްކަން މިއަދު މަޖުބޫރުވެފަ އެތިބީ؟ އައިއެސް މީހުން ކައިރީ އެމީހުން ނޫން އެންމެންނަކީ ކާފަރުން. ދެން އަހަރެމެން ކައިރިން ކީއްވެގެންތޯ މިއަދު މަދަދަށް އެދެން ތިޖެހުނީ؟ ޖަވާބު ދެއްވާ ކޮންމެވެސް އައިއެސް މީހެއް.

  5
  1
 12. ނުރަބޯ

  އަނިޔާ ކުރާނެ އަނިޔާ ވާގޮތަށް އަމަލުތަ އް ބެހެ އްޓީމަ. ގޭގަ އޮތްނަމަ އަނިޔާ ނުވިސް

  6
  2
 13. ޒާ

  ބަޔާން ނެރުނަސް ފުލުހުންގެ ބަސް ގަބޫލް ނުކުރެވޭ މިންވަރަށް ލޯމަތީ ހިނގާކަންކަންވެސް ގޯސްކޮށް އޮތީ. ޢެކަން ސާބިތުވޭ މުޒާހަރާ ހުއއްޓުވުމުގެ ނަމުގާ ފުލުހުން ކުރިއަނިޔާ. ކިހިނެއް އިތުބާރު ކުރާނީ؟

  7
  3
 14. ނިއުމާ

  ގެނާނެ ކަމެއްނެތް... އެއީ މިހާރު އަފުގާނު ރައްޔިތުން...

  8
  5
 15. ޖުއްބާ

  ކަލޭމެން އަލިފާން ކާންތަ ތި ޕިކުނިކުދާހެން އަފުގާނިސްތާނައް ތިދަނީ އާއިލާގޮވައިގެން .... އަނިޔާވެސްކޮއް، ކާންނުދީ އަވީލާފަ ބައިތިއްބަންވީ ކަލޭމެން.. އޭރުން އޮންނާނެ އަފުގާނައް ދެވިފަ

  3
  3
 16. ޓިނު ދޮންބެ

  ދިވެހި ފުލުހުން ބައެއްފަހަރު ވ ފުއްޕާނެ

  5
  1
 17. ސަތަރޭ

  ޢިންސާފު ނުގެ އްލޭގޮތަ އް ފުލުހުންވެސް ދެންވެސް ދަ އުލަތުގެ
  ވުޒާރާތަކުން އަމަލުކުރަންވާނެ ، އެހެން މީހެ އްގެ އަމަލަ އް އާއ އިލާ އަށް ނުވަތަ އެނުންވެސް މީހަކަ އް ނިކަމެތިކޮށް ހިތަ އިގެން ނުވާނެ .. ޢެކަހަލަކަމެ އް ވުޒާރާ އެ އްގެ މުވަ އްޒަފަކު ކޮށްފިނަމަ ނުފޮރުވާ އަދަބުވެސް ދޭންވާނެ... އެހެން ނޫންނަމަ އެގަ އުމެ އް ހަލާކުވެ ފަސާދަވާލެ އް އަވަސްވާނެ. ޢަމާންކަން އިންސާފު އަދުލުވެރިކަން މި އީ ވ.ފުންމާނަ އެކުލެވޭ ލަފުޒުތަކެ އް ވިސްނާ ފިކުރުކުރާ ބަޔަކަ އް ދޭހަވާނެ

 18. އަނެއް އަންނި

  ބަލަ ކީއްކުރަންތަ ދިޔައީ ދިވެހި ފުލުހުންތަ ނޫނީ ސިފައިންތަ އެމީހުނަ ހަމގުރާމަކުރަން ފޮނުވީ؟ އަމިއްލައަށް ވަޅުގަނޑަކަށް ފުންމާލީމަވެސް ކުއްވެރިވަނީ އެހެން ބައެއް އާއިލާއިން ކީއްވެ އެމީހުން ނުހިފެހެއްޓީ އެމީހުން ނުޖެހޭ ހަނގުރާމަ ކުރަން ދާކަށެއް

  1
  1
 19. އަލީ އަހުމަދު

  ދިވެހި ފުލުހުންގެ ގޮތް އެނގޭ ވަރަށް ރަނގަޅަށް، ނުކުރަމޭ ބުންޏަސް ޤަބޫލެއްނުކުރެވޭ. ރައްޔިތުންގެ ކުރިމަތީގަ މީސް މީހުންގެ ލޮލަށް ޕެޕާސްޕްރޭ ޖަހާ އަވަގުރާނަގޮވަނީ، ދިވެހި ފުލުހުން އެންމެ މޮޅުވާނީ އަވަގުރާނަގޮވަން، މީ ދިވެހިން ދަންނަ ބޮޑު ޙަގީގަތެއް.. ރީކޯ މެން، މާރިޔާ މެނެ، މިތިބީ ދިރިހުރި ލާމަސީލުތައް، ކިރިޔާ މަރުނުވެ ދުނިޔޭގަ އެތިބީ