މިއަދު ރާއްޖެ އިން އިތުރު 218 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިއަދު ކޮވިޑަށް ފައްސިވި މީހުންގެ ތެރެއިން 86 މީހުން ކޮވިޑަށް ފައްސިވީ މާލެ އިންނެވެ. 116 މީހުން އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން މިއަދު ފައްސިވިއެވެ. ހިންގަމުންދާ ރިސޯޓްތަކުން އިތުރު 13 މީހުން އަދި ހަދަމުންދާ ރިސޯޓްތަކުން ތިން މީހުން މިއަދު ފައްސިވިއެވެ.

މިއަދު ކޮވިޑަށް ޓެސްޓް ކުރީ 4247 މީހުންނެވެ. އެހެންކަމުން މިއަދު ވެސް ކޮވިޑަށް ފައްސިވީ ކޮވިޑަށް ޓެސްޓް ކުރި %5 މީހުންނެވެ. ފާއިތުވި ތިން ދުވަހު ވެސް ކޮވިޑަށް ފައްސިވި މީހުންގެ ނިސްބަތް ހުރީ %5 ގައެވެ.

ރާއްޖޭގައި މިހާރު ކޮވިޑް ޖެހިފައި ތިބީ 6930 މީހުންނެވެ. މީގެތެރެއިން ހޮސްޕިޓަލްގައި 67 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ.

ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު މިހާރު އަންނަނީ މަދުވަމުންނެވެ. ނަމަވެސް އިއްޔެ އިން ފެށިގެން އަނެއްކާވެސް އިތުރު ދެހަފްތާއަށް މާލޭގައި އަޅާފައިވާ ފިޔަވަޅުތައް ވަނީ ދިގުދައްމާލައިފިއެވެ.