ލ.އަތޮޅު ކޮވިޑް ފެސިލިޓީން މިއަދު ވެސް ކޮވިޑްގެ ބަލި މީހަކު ނިޔާވެއްޖެއެވެ.

އެޗްޕީއޭ އިން ވިދާޅުވީ ލ.ގަން ރީޖަނަލް ހޮސްޕިޓަލްގެ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން ގެންދިޔަ 82 އަހަރުގެ ފިރިހެނަކު މިރޭ ނިޔާވެފައިވާ ކަމަށެވެ. އޭނާ ނިޔާވީ މިރޭ 19:06 ގައެވެ.

މާލެ ފިޔަވައި ކޮވިޑްގައި އެންމެ ގިނަ މީހުން ނިޔާވެފައި ވަނީ ލ.އަތޮޅުންނެވެ. ލ.އަތޮޅު ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށް މިހާތަނަށް ހަތް މީހަކު ވަނީ ނިޔާވެފައެވެ. ލ.އަތޮޅުން ކޮވިޑް ޖެހުނު މީހަކު މާލެ ގެނެސް ފަރުވާ ދެމުން ދަނިކޮށް ވެސް ވަނީ ނިޔާވެފައެވެ.

ކޮވިޑް ޖެހިގެން ރާއްޖެ އިން ނިޔާވި މީހުންގެ އަދަދު މިހާރު 203 އަށް ވަނީ އަރާފައެވެ.

ލ.އަތޮޅަކީ މިހާތަނަށް ކޮވިޑަށް އެންމެ ގިނަ ބަޔަކު ފައްސިވި އެއް އަތޮޅެވެ. ލ.އަތޮޅުން ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު 1378 އަށް އަރައެވެ. އޭގެތެރެއިން 1216 މީހަކު މިހާރު ވަނީ ބަލިން ރަނގަޅު ވެފައެވެ. އެހެންކަމުން މިހާރު ކޮވިޑް ޖެހިފައި ތިބީ 155 މީހުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރާއީ

    ‎إنَّا لله وإنا إليه راجعون
    ‎މާތް الله, މައްޔިތާގެ ފާފަ ފުއްސަވައި ހެޔޮ ރަޙްމަތް ލައްވައި ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށި!އަދި ޢާއިލާއަށް ކެތްތެރިކަން ދެއްވާށި!آمیـــــــــــــن