މިއަދު ރާއްޖެ އިން އިތުރު 142 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިއަދު މާލެ އިން ކޮވިޑަށް ފައްސިވީ 51 މީހުންނެވެ. މިއަދު އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން ފައްސިވީ 88 މީހުންނެވެ. ރިސޯޓްތަކުން ދެމީހުން އަދި ސަފާރީއަކުން އެކަކު މިއަދު ފައްސިވިއެވެ.

މިއަދަކީ އޭޕްރީލް މަހުގެ 17 ވަނަ ދުވަހަށް ފަހު ރާއްޖެ އިން އެންމެ މަދުއަދަދެއްގެ މީހުން ކޮވިޑަށް ފައްސިވި ދުވަހެވެ.

މިއަދު ކޮވިޑަށް ފައްސިވި މީހުންގެ އަދަދު މަދުވިއިރު ކޮވިޑަށް ޓެސްޓް ކުރި މީހުންގެ އަދަދު ވެސް މިއަދު މަދެވެ. މިއަދު 3520 މީހުންނެވެ. މިއަދަކީ މެއި މަހުގެ 16 ވަނަ ދުވަހަށް ފަހު އެންމެ މަދުއަދަދެއްގެ މީހުން ކޮވިޑަށް ޓެސްޓް ކުރި ދުވަހެވެ.

މިއަދު ކޮވިޑަށް ޓެސްޓް ކުރި މީހުންގެ ތެރެއިން ކޮވިޑަށް ފައްސިވީ %4 މީހުންނެވެ. އެހެންކަމުން މިއަދަކީ އޭޕްރީލް މަހުގެ 14 ވަނަ ދުވަހަށް ފަހު ކޮވިޑަށް ފައްސިވި މީހުންގެ ނިސްބަތް އެންމެ ދަށަށް ދިޔަ ދުވަހެވެ.

ކޮވިޑް ޖެހިފައި މިހާރު ތިބި މީހުންގެ އަދަދު ނުވަތަ އެކްޓިވް ކޭސްގެ އަދަދު ވެސް މިއަދު ވަނީ 6106 އަށް މަދުވެފައެވެ. މިއަދަކީ މެއި މަހުގެ 03 ވަނަ ދުވަހަށް ފަހު ކޮވިޑް ޖެހިފައި ތިބި މީހުންގެ އަދަދު އެންމެ މަދުވި ދުވަހެވެ.

ކޮވިޑް ޖެހިގެން މިހާރު ހޮސްޕިޓަލްގައި ފަރުވާ ދެމުން ގެންދަނީ 53 މީހުންނަށެވެ. އޭޕްރީލް މަހު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާދޭ މީހުންގެ އަދަދު އެންމެ މަދުވިއިރު ވެސް ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ގެންދިޔައީ 53 މީހުންނަށެވެ. އެއީ އޭޕްރީލް މަހުގެ 15 ވަނަ ދުވަހު އެވެ.

ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 964 މީހުން މިއަދު ވަނީ ކޮވިޑުން ރަނގަޅު ވެފައެވެ.

ކޮވިޑަށް މާލެ އިން ފައްސިވަމުންދާ މީހުންގެ އަދަދު މަދުވާން ފަށާފައި ވަނީ މެއި މަހުގެ 30 ވަނަ ދުވަހުން ފެށިގެންނެވެ. އޭގެ ފަހުން ފައްސިވާ މީހުންގެ އަދަދު މަދުވަމުން އައިނަމަވެސް އަދިވެސް އޭޕްރީލް މަހު ހާލަތު ގޯސްވިއިރު މާލެ އިން މީހުން ފައްސިވަމުން ދިޔަ އަދަދަށް އަދަދުތަކެއް ނުވެއްޓެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

 1. ތެދު

  މަދުން ޓެސްޓު ހެދީމަ މީގެ ކުރިން ވެސް ޕޮޒިޓިވް ވަނީ މަދުން

  15
 2. އަހދ

  މި ވަގުތު އެއްވެސް ލުޔެއް ނުދިނުން ބުއްދިވެރި. ލުއި ދީފިނަމަ ސަރުކާރު ވެއްަޓުން ގާތް.. ރައްޔިތުން ގޭގައި އަދި ރަށުގައި ބަންދުގައި ބެހެޢްޓުން މުހިން މި.
  ރައްވެހި ފަތިސް!!

  1
  1