ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދިފައިވާ މައްސަލަ އަނބުރާ ފޮނުވާ ނުލާ ކަމަށާއި މަދުވާ ލިޔެކިއުންތައް ހުށަހަޅަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އެންގީ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ވިދާޅުވެއްޖެއެވެ.

މަހްލޫފްގެ މައްސަލަ އަނބުރާ ފޮނުވާލާފައިވާ ކަމުގެ މައުލޫމާތު ރޭގެ ވަގުތެއްގައި ލިބުނެވެ. މައްސަލަ ފޮނުވާލި ކަމަށް ވަނީ ހެކިންގެ ބަޔާންތައް ސައްޚަ ނޫން ގޮތެއްގައި ނަގާފައިވާތީ ކަމުގައެވެ. އެކަމަކު ޕީޖީ އޮފީހުގެ ރަސްމީ ބަހެއް ރޭ ނުލިބުނެވެ.

ޕަބްލިކް ޕްރޮސެކިއުޓަރު އަދި ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަހްމަދު ޝަފީއު މިއަދު "ވަގުތު" އަށް ވިދާޅުވީ މައްސަލަ އަނބުރާ ފޮނުވާލީ ކަމަށް ދެކެވޭ ވާހަކަތަކަކީ ރަނގަޅު މައުލޫމާތެއް ނޫން ކަމަށެވެ.

ޝަފީއު ވިދާޅުވި ގޮތުގައި އެ މައްސަލަ މިހާރު އޮތީ "ޑިއުޓީ ޕްރޮސެކިއުޝަން" މަރުހަލާގައެވެ. ދައުވާއާ މެދު ގޮތެއް ނިންމުމުގެ ކުރިން ސާފު ކުރަން ޖެހޭ ބައެއް ކަންކަން ހުރުމުން އޭސީސީއަށް އެކަން އެންގީ ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންވިޔަސް އަދިވެސް އެ ލިޔެކިއުންތައް ލިބިފައިނުވާތީ އެ ކަން ކުރަން ދެވަނަ ފަހަރަށް އޭސީސީގައި އެދިފައިވާ ކަމަށް ޝަފީއު ވިދާޅުވިއެވެ.

"މައްސަލަ އަދިވެސް އޮތީ ޕީޖީ އޮފީހުގައި، މައްސަލަ ބާއްވާފައި، އަޅުގަނޑުމެން އެދުނީ ސާފު ކުރަން ޖެހޭ ކަންކަން ސާފުކޮށްދީ ލިޔެކިއުން ފޮނުވަން، މައްސަލަ ފޮނުވާލި ވާހަކަ އެއީ ރަނގަޅު ވާހަކައެއް ނޫން،" ޝަފީއު ވިދާޅުވިއެވެ.

އަހްމަދު މަހްލޫފްގެ މައްޗަށް ދެ ދައުވާއެއް ކުރަން އޭސީސީން ވަނީ އެދިފައެވެ. ޚިޔާނާތުގެ ކުށުގެ ދައުވާއާއި ދޮގު މައުލޫމާތު ދިން ކަމުގެ ކުށުގެ ދައުވާއެވެ.

މި ދެ ދައުވާ ވެސް އޭނާގެ މައްޗަށް އުފުލަން ނިންމީ އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގައި ބައިވެރިވެވަޑައިގެންނެވި ކަމުގެ ތުހުމަތުގައެވެ.

އެސެޓް ރިކަވަރީގެ ރިޔާސީ ކޮމިޝަނުން އެކުލަވާލާފައިވާ ޚިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ނަންތައް ހިމެނޭ ލިސްޓުގައި މަހްލޫފްގެ ނަން އޮތެވެ. ކުރިން އޭސީސީން އެކުލަވާލި ފައިސާ ލިބުނު މީހުންގެ ލިސްޓުގައި ވެސް މަހްލޫފްގެ ނަން އޮތެވެ.

މަހްލޫފަށް ދައުވާ ކުރަން ޕީޖީ އޮފީހަށް ފޮނުވުމާ ހަމައިން ވަޒީރު ކަމުން އޭނާ ވަނީ އެކަހެރިކޮށްފައެވެ. އަދި ވަގުތީ ގޮތުން ވުޒާރާ ހިންގެވުން ވަނީ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމާއެވެ.

ވަކި ގޮތަކަށް ވޯޓް ދޭން ރިޝްވަތު ނެގި ކަމުގެ ތުހުމަތު

ރިޝްވަތު ނެގި ކަމުގެ ދައުވާ ކުރަން ނިންމާފައިވަނީ އަށާރަވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި މަހްލޫފް ހުންނެވިއިރު އޭރު ސަރުކާރާ އެއްކޮޅަށް، އެސްއީޒެޑް ބިލެއް ފާސްކުރަން އޭނާގެ އެކައުންޓަށް 33،000 އެމެރިކާ ޑޮލަރު ޖަމާވެފައިވާކަން ތަހުގީގަށް އެނގިފައިވާތީ ކަމަށް ބަޔާނުގައިވެއެވެ.

މި ވޯޓަށް ފަހުގައި އެމްއެމްޕީއާރްސީގެ ހިޔާނަތުގެ މުގުލުގައި ހުންނެވި ކުރީގެ ނައިބް ރައީސް އަހްމަދު އަދީބުއާ ދެމެދު ބަދަލުކޮށްފައިވާ މެސެޖުތަކާއި އެސްއޯއެފްގެ ޗެކް އެކައުންޓަށް ޖަމާކޮށްފައިވާ ތާރީޚަށް ހަވާލާދީ އޭސީސީން ފާހަގަކުރަނީ އެއީ ޚިޔާނާތުގެ ފައިސާ ކަމުގައެވެ.

ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނުގައިވާ ގޮތުން، އެ ކުށުގެ އަދަބަކީ ހަތް އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ އެ މުއްދަތަށް އަރުވާލުން ނުވަތަ ހަމަ އެ މުއްދަތަށް ގޭގައި ބަންދުކުރުމެވެ.

އޮޅުވާލާފައިވާ ލިޔުންތަކެއް ހުށަހެޅި ކަމުގެ ތުހުމަތު

ދޮގު ބަޔާނެއް ނުވަތަ ދޮގު މައުލޫމާތެއް ދިން ކަމުގެ ކުށުގެ ދައުވާ މަހްލޫފްގެ މައްޗަށް ކުރަން ފޮނުވަން ނިންމީ އޭނާއަށް ލިބިފައިވާ ފައިސާގެ އަސްލު އޮޅުވާލުމުގެ ގޮތުން އެއީ އޭނާ ޑޮލަރު ގަތް މުއާމަލާތެއްގެ ގޮތުގައި ދެއްކުމަށް ލިޔެކިއުންތަކެއް ހުށަހެޅުމުންނެވެ.

އޭސީސީން ފާހަގަކުރާ ލިޔުންތަކަކީ އޭނާ ތަހުގީގީ އިދާރާތަކަށް ފޮނުވި "ޕޭމަންޓް ރިސީވްޑް" ލިޔުމަކާއި، އެ ޑޮލަރަށްވާ ފައިސާ ނަގުދު ފައިސާއިން އެސްއޯފްއާ ހަވާލުކޯށްފައިވާނެ ކަމަށް އަންގައި މަހްލޫފް ފޮނުވި ސިޓީއެކެވެ.

އޭސީސީން ފާހަގަކުރާ ގޮތުގައި މި ލިޔެކިއުންތަކުގައިވަނީ ހަގީގަތް އޮޅުވާލުމުގެ ގޮތުން މަހްލޫފް އެ ފައިސާ ނެންގެވީ ޑޮލަރު ގަންނަން ކަން ތަހުގީގަށް ދެއްކުމަށް ޓަކައި ކަން ތަހުގީގަށް އެނގިފައިވާ ކަމުގައެވެ.

މީގެ ކުރިން މަހްލޫފް ވެސް ދިފާއުވާން ދެއްކެވީ މި ވާހަކައެވެ. އޭނާއަށް ލިބިވަޑައިގެންނެވި ފައިސާއަކީ ޑޮލަރު ގަތުމުގެ މުއާމަލާތެއްގައި ލިބިވަޑައިގެންނެވި ފައިސާ ކަމުގައެވެ. އެއީ ޚިޔާނާތުގެ ފައިސާ ކަން އޭނާއަށް އެނގިވަޑައިނުގަންނަވާ ކަމުގައި މަހްލޫފް ވިދާޅުވަމުން ގެންދެވިއެވެ.

ގާނޫނުލް އުގޫބާތުގައިވާ ގޮތުން، މިއީ ޖުނަހުގެ އެއްވަނަ ދަރަޖައިގެ ކުށެކެވެ. މި ކުށުގެ އަދަބަކީ ހަ މަސް ދުވަހާއި އެއް އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޢަހުމަދު

    އަދީބު އަތުން ފައިސާ ލިބުނީ މަހުލޫފަށް އެކަނި؟

  2. ބޮޑު ދެލޯ

    ޙިޔެއްނުވޭ محلوف ގެ މައްސަލަ ބެލޭނެގޮތެއް އޮންނާނެހެނެއް! މިއީ ވަރަށް ވާހަކަ!😱