އިސްލާމްދީނާއި ހިލާފަށް އުޅޭ މީހަކާއި ދިމާއަށް އެއީ އިސްލާމްދީނާއި ހިލާފަށް އުޅޭ މީހެކޭ ބުނުމަކީ ޖިނާއީ ކުށެއް ކަމަށް ކަނޑައަޅަން ގާނޫނުލްއުގޫބާތަށް ބަދަލު ގެންނަ ބިލަށް ހިޔާލު ހުށައެޅޭ ގޮތަށް އަދާލަތުން ޕޯޓަލްއެއް ގާއިމްކޮށްފިއެވެ.

ނަފްރަތު.ކޮމްގެ ނަމުގައި ގާއިމްކޮށްފައިވާ ޕޯޓަލްއަށް ހިޔާލު ހުށައެޅުމުގެ ފުރުސަތު އަދާލަތުގެ މެންބަރުންގެ އިތުރުން އާއްމުންނަށް ވަނީ ހުޅުވާލާފައެވެ.

އެ ޕާޓީން ބުނީ، ޕޯޓަލް އަށް ހުށައަޅާ ހިޔާލު ދާނީ، މަޖިލީހުން ބިލަށް ހިޔާލު ހުށައަޅަން ވެގެން އާއްމުކުރި މެއިލް އަށް ކަމަށެވެ. އާއްމުންނަށް ހިޔާލު ހުށައެޅުމުގެ ފުުރުސަތު އަންގާރަ ދުވަހާ ހަމައަށް މަޖިލީހުން ވަނީ ހުޅުވާލާފައެވެ.

ބިލުގެ ނަތީޖާއެއްގެ ގޮތުން ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ހައްގަށް އުނިކަން ލިބޭތީއާއި، ދިވެހިރާއްޖޭގެ ދީނީ އިލްމުވެރިންނާއި ދީނީ މުއައްސަސާތަކާއި، ދީނީ ޖަމްއިއްޔާ ޖަމާއަތްތަކަށް ދީނާ ގުޅުންހުރި ކަންކަމުގައި ބަސްބުނެ ހެޔޮކަންކަމަށް ގޮވާލުމާއި މުންކަރާތްތައް ނަހީކުރުމަށް ހުރަސްއެޅިދާނެ ފިޔަވަޅުތަކަކީ އިސްލާމީ ޝަހްސިއްޔަތަށް އޭގެ ނޭދެވޭ އަސަރުކުރާނެ ކަމެއް ކަމުގައި ދެކޭތީވެ ބިލަށް ތާއިދު ނުކުރާނެކަން އަދާލަތުން ވަނީ ހާމަކޮށްފައެވެ.

އަދާލަތު ޕާޓީން މީގެ ކުރިން ބުނެފައިވަނީ ނަފްރަތުގެ ބިލް މަޖިލީހަށް ހުށައަޅާފައިވަނީ އެ ޕާޓީއާ މަޝްވަރާނުކޮށެވެ. ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއާ އެމްއާރްއެމް އާއި ވެސް މިބިލާއި ގުޅޭ ގޮތުން ސަރުކާރުން މަޝްވަރާ ކޮށްފައެއް ނުވެއެވެ.

މަޖިލީހުގައި ތިއްބެވި އެމްޑީޕީގެ މަދު މެންބަރުންތަކެއް ވެސް ބިލާ ދެކޮޅެވެ. އެމްޑީޕީގެ ހަތަރު މެންބަރަކު ވަނީ ބިލު ބަލައިގަތުމާ ދެކޮޅަށް ވެސް ވޯޓު ދެއްވައިފައެވެ.

ފާޑުކިއުންތައް އަމާޒުވެފައިވަނިކޮށް ސަރުކާރުން ވަނީ ދީނަށް ފުރައްސާރަ ކުރުމުގެ ކުށް ތަފްސީލްކޮށް ބަޔާން ކުރާ ބިލެއް ވެސް ހުށަހަޅައިފައެވެ. އެ ބިލު ހުށަހެޅުއްވީ ވެސް ހިސާނެވެ. ބިލުގެ ފުރަތަމަ ކިއުން ވަނީ މިިދިޔަ އަންގާރަ ދުވަހުގެ ޖަލްސާގައި އިއްވައިފައެވެ.

އަމާޒުވެފައިވާ ފާޑުކިއުންތަކަށް ރައްދު ދެއްވަމުން ހިސާން ވިދާޅުވީ ބިލު އޮތީ އިސްލާމީ ޝަރީއަތާ އެއްގޮތަށް ކަމަށެވެ. އެކަމަކު ހަގީގަތް ބަޔަކު އޮޅުވާލަން މަސައްކަތް ކުރާ ކަމަށް އޭނާ ވިދާޅުވެއެވެ. އެކަމަކު ބިލުގެ ހަމައެކަނި މަގްސަދަކީ ނަފްރަތު އާންމުކޮށް ހަރުކަށި ފިކުރު ފެތުރުން ހުއްޓުވުން ކަމަށް އޭނާ ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަޙުމަދު

    މި މީހުން ޖަހާމަޅީގައި ނުޖެހުމަށް ގޮވާލަން، ދިވެހި ޤައުމު އަޅުވެތިވެ ކޮށް ރައްޔިތުން ނަށް މިޖެހޭ ހުރިހާ ސިޔާސި މުސާބާތުގެ އެއް ބައިވެރިން މިއީ، އޮޅިގެން ވެސް ތެދެެއް ނަހަދާނެ އިލްހާމް އަންނަ ކަމުގެ ދައުވާކުރާ ދޮގުވެރިއަކު ހުންނާނެ، އެމީހުން ދީފައި ހުރި އީމެއިލަށް ފޮނުވާ ޚިޔާލުތައް މަޖިލިހަށް ނުފޮނުވާނެ، މި އުޅެނީ މިކަމުން ނާޖާއިޒު ފައިދާ ސީދާގޮތުން ނަގަން، ވީމާ ބިލާއި މެދު ޚިޔާލެއް އޮތްނަމަ މަޖިލީހުން ދީފައި އޮތް އީމެއިލަށް މެއިލް ކުރައްވާ.