މާހަލް ޓްއާސް ކުންފުނީގެ މަސްލަހަތު އޮތް ކަމަށް ބުނެ ހައި ކޯޓުގައި އެ މައްސަލަ ބައްލަވަމުން ގެންދެވި ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރެއް ވަކިކުރަން ހުށަހެޅި މައްސަލަ ހައި ކޯޓުން ބޭރުކޮށްލައިފިއެވެ.

ހައިކޯޓުގައި މިހާރު ކުރިއަށްދާ އިސްތިއުނާފު މައްސަލައެއްގެ ބެންޗުގައި އިންނަވާ އެ ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު މުހައްމަދު ފައިސަލަކީ، މައްސަލައިގައި ހިމެނޭ ފަރާތަކާ އާއިލީ ގުޅުންތަކެއް އޮތް ފަރާތެއް ކަމަށް ބުނެ އެ މައްސަލަ ބައްލަވަމުންދާ ފަނޑިިޔާރުންގެ ބެންޗުން އެބޭފުޅާ ވަކިކޮށްދޭން ހުށަހެޅީ ސޭވް ދަ ޑްރީމް ކުންފުނީގެ ފަރާތުންނެވެ.

އެގޮތަށް އެދިފައިވަނީ އެ ކުންފުނީގެ ގާނޫނީ ވަކީލެއްގެ ގޮތުގައި ހަރަކާތްތެރިވެ ވަޑައިގަންނަވާ ނާޒިމް އަބްދުއްސައްތާރެވެ. ހައިކޯޓުގެ އިސް ފަނޑިޔާރު އަލްއުސްތާޛު ހާތިފް ހިލްމީއަށް އެޑްރެސްކޮށް ނާޒިމް ފޮނުވީ ސިޓީއެއްގައި ވަނީ ފަނޑިޔާރު ފައިސަލާއި، މި މައްސަލައިގައި އިސްތިޢުނާފު ރައްދުވާ ފަރާތާއި، ވަގުތީ އަމުރު ރައްދުވާ ފަރާތާއި އާއިލީ ގޮތުން ގުޅޭކަން ފާހަގަކުރައްވައިފައެވެ.

"ފަނޑިޔާރު މުހައްމަދު ފައިސަލަކީ މި މައްސަލައިގައި އިސްތިޢުނާފު ރައްދުވާ ޙުސައިން ޝިހާމް ޢަލީ އަދި ވަގުތީ އަމުރު ރައްދުވާ މާހަލް ޓްއާސްގެ ޑިރެކްޓަރު މުޙައްމަދު ޝިހާމްގެ މަންމައާއި ފައިސަލް، ދެބޭންގެ ދެދަރިޔަށްވުރެ އެއްދަރިކޮޅު ދުރުކަމަށް މައުލޫމާތު ލިބިފައިވޭ." ނާޒިމް ފޮނުވި ސިޓީގައިވެއެވެ.

މީގެ އިތުރުން ފަނޑިޔާރު ފައިސަލްގެ ބޮޑުދައިތައެއް، ހުސައިން ޝިހާމްގެ މަންމަގެ ބޭބެއާ އިނދެގެން އުޅުނުކަމަށާއި، އެދެމަފިރިންގެ ދަރިންވެސް ތިބިކަމަށް ނާޒިމް ވިދާޅުވެއެވެ. އޭނާ ވިދާޅުވާ ގޮތުން މި މައްސަލާގެ ވަގުތީ އަމުރު ރައްދުވާ ފަރާތާއި، މާހަލް ޓްއާސް ކުންފުނީގެ މަސްލަޙަތު ފަނޑިޔާރު ފައިސަލްއާއި ގުޅޭތީ މައްސަލަ ބައްލަވަމުންދާ ފަނޑިޔާރުންގެ ބެންޗުން އޭނާ ވަކިކުރަން ޖެހެއެވެ.

ނަމަވެސް މި މައްސަލާގައި ފަނޑިޔާރު ވަކި ނުކުރެވޭނެކަން ހައިކޯޓުން ވަނީ އަންގާފައިވެއެވެ. ހައިކޯޓުން ވިދާޅުވަނީ ފަނޑިޔާރެއް ބެންޗުން ވަކިކުރެވޭނީ "އިޖުރާއަތެއް ނެގެހެއްޓުމުގެ" ހާލަތުގައި ކަމަށެވެ. އަދި އެފަދަ ހާލަތެއް މި މައްސަލާގައި ނެތް ކަމަށް އަންގާފައިވެއެވެ.